Last Updated: April 24, 11:38
Wednesday, April 24, 2024
މުނިފޫހިފިލުވުން

އޭޝްގެ އަތުގައި ހަ ފިލްމް!

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު އަދި އެހާމަ ޗާލު އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) އަނެއްކާ ވެސް ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.

އޭނާ ކުޅޭ ފުރަތަމަ ފިލްމުގެ ބައެއް މަސައްކަތްތައް އިއްޔެ ވަނީ ރަސްމީކޮށް ފަށައިފަ އެވެ. އެއީ ސަންޖޭ ގުޕްތާ ޑައިރެކްޓް ކުރާ "ޖަޒްބާ" އެވެ.

މިހާރު ޔަގީންވާ އެއް ކަމަަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އޭޝް ސިލްވަސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަކީ "ޖަޒްބާ" ކަން ކަށަވަރު ވުމެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ ލޯޔަރެއްގެ ރޯލުންނެވެ.

އެ ފިލްމުގެ އިތުރުން އިތުރު ފަސް ފިލްމަކަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އޭޝް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ކުޗްކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ، ކަބީ ޢަމް" ފަދަ ހިތްގައިމު ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" އެވެ. މި ފިލްމުގައި އޭޝް ފެނިގެން ދާނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ އާ އެކުގަ އެވެ. މި ފިލްމް ސްކްރީނަށް އަންނާނީ އަންނަ އަހަރު އެވެ.

HLKJ

މީގެ އިތުރުން ދެން އޮތް ފިލްމަކީ މަޝްހޫރު އެޑް ފިލްމޭކަރު ޕްރަހާދް ކައްކަރުގެ ފުރަތަމަ ފީޗާ ފިލްމެވެ. އެއީ "ހެޕީ އެނިވާސަރީ" އެވެ. މި ފިލްމަކީ ކުރިން އަޑުތައް އިވުނު ގޮތުން އޭޝް އެނބުރި އަންނާނެ ފިލްމެވެ.

އެހެން ނަމަވެސް އޭރު ފިލްމާ ބެހޭ ގޮތުން ދެކެވުނު ތަފާތު ގިނަ ވާހަކަތަކާ ގުޅިގެން އޭޝް އާއި ޕްރަހާދާ ދެމެދު މައްސަލަތަކެއް ވެސް އުފެދުނު ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.

"ހެޕީ އެނިވާސަރީ" ގައި އޭޝް އާ އެކު ބަތަލެއްގެ ގޮތުން ފެނިގެން ދާނީ ފިރިމީހާ އަބިޝެކް ބައްޗަން އެވެ.

ރަސްމީކޮށް މި ފިލްމް ކުޅޭކަން އަދި މިހާތަނަށް އޭޝް ނުބުނި ނަމަވެސް، އޭނާ ސޮއިކޮށްފައިވާ ހަ ފިލްމުގެ ތެރޭގައި މި ފިލްމު ހިމެނޭ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މި ތިން ފިލްމް ފިޔަވައި އަދި މިހާތަނަށް ނަމާ އެކު، މީޑިއާތަކަށް ތިލަވި އޭޝްގެ ފިލްމުތަކެއް ނެތެވެ.

އެހެން ނަމަވެސް ދާދި ފަހުން ބައިވެރިވި އިވެންޓެއްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭޝް ވަނީ ހަ ފިލްމަކަށް ސޮއި ކުރިކަން ޔަގީންކޮށް ދީފަ އެވެ. އަދި އެ ފިލްމުތައް އުފައްދާ ފަރާތްތަކުން ފިލްމްތައް އެނައުންސް ކުރަންދެން މަޑު ކުރުމަށް އޭނާ އެދިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހަ ފިލްމުގެ ތެރެއިން އަނެއް ފިލްމަކީ އޭޝް އާ އެކު މީގެ ކުރިން ވެސް ފިލްމްތަކެއް ހަދާފައިވާ މަނީ ރަތުނަމްގެ ފިލްމެކެވެ. އޭޝް އާއި އަބިޝެކް ވަނީ ރަތުނަމް "ގުރޫ" އާއި "ރާވަން" ގައި ވެސް ހަރަކާތްތެރިވެފަ އެވެ.

Aishwarya-Rai-at-Filmfare-Awards-2012-Press-Meet-Photos-1583

ކޮންމެއަކަސް އޭޝް އެނބުރި ސްކްރީނަށް އައުމަކީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން އޭނާ ސްކްރީނަށް މި އަންނަނީ ވެސް ވިހެއުމަށް ފަހު، ހަށިގަނޑަށް އައި ބަދަލުތައް ދުއްވާލުމަށް ފަހު އެވެ.

ވިހެއުމާ އެކު އޭނާ ވަރަށް ބޮޑަށް ފަލަވި އެވެ. އެކަމަކު މިހާރު އޭޝް ފެންނަނީ އޭނާ އެންމެ ފުރަތަމަ ފިލްމީ ދާއިރާ އަށް ނިކުތް އިރު ހުރި ގޮތާ ދާދި އެއް ކަހަލަ ގޮތަކަށެވެ.
އެހާ ވެސް ބޮޑަށް އޭނާ ވަނީ ބަދަލުވެފަ އެވެ. އެހެންވެ 1994 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ވެސް އުފުލާލި އޭޝް މިހާރު އަދި މާ ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.