Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޒުވާނުން ހުޅުމާލެއަށް ހިޖުރަ ކުރަން ރައީސް ގޮވާލައްވައިފި

ރައީސް ޔާމީން މިދޔަ މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ޒުވާނުންތަކަކާ ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފިސް

ކުދި ރަށްރަށުގައި ދިރިއުޅެމުން އަންނަ ޒުވާނުން ހުޅުމާލެއަށް ހިޖުރަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ފެށުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރެވޭނީ ޒުވާނުންގެ ސަހަރެއް ކަމަށާއި އަދި އެތަނުގައި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމް ވެފައި ހުންނާނެ ކަމަށެވެ.

"ކޮން ޒުވާނެއްތޯ އެ މީހުންގެ ކުރިމަގު އުޖާލާ ކުރަން ބޭނުން ނުވާނީ. ވިޔަފާރީގެ ގޮތުން ކުރިއަށް ދާން ބޭނުން ނުވާނީ. އަޅުގަނޑުމެން އެ ފުރުސަތު ޒުވާނުންނަށް މި ހުޅުވާލަނީ. ބިން ކުދި ރަށްތަކުން ހުޅުމާލެއަށް ބަދަލުވާން އަޅުގަނޑު ޒުވާނުންނަށް މި ގޮވާލަނީ. ކުރިއަށް އޮތްތަނުގައި ސަރުކާރުން އެކަމާ ގުޅިގެން ހަމަޖައްސާ އިންތިޒާމުތައް އިއުލާން ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ ހުޅުމާލެއަށް ބަދަލުވުމަށް ބޭނުންވާ ޒުވާނުންގެ ލިސްޓް އެއްކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިހާރު ވެސް ވ.ފެލިދޫ އިން ހުޅުމާލެ އަށް ހިޖުރަކުރަން ޝައުގުވެރިވެ ޒުވާނުން ތަކެއް ހުށަހަޅާފައިވާ ޕެޓިޝަނެއް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެމަނިކުފާނާ ހަމައަށް ގެނެސްދީފައިވާ ކަމަށެވެ.

"ކޮންމެ ކުލައެއް ޒުވާނެއްގެ ގައިގައި ހިނގިޔަސް މިއީ ޒުވާނުންގެ އުންމީދުތަކެއް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއުތަކެއް. ޒުވާނުންނަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތަކެއް އަންނާނެ މަޝްރޫއެއް. މިއީ ވަކި ފިކުރެއްގެ ޒުވާނަކަށް އޮތް މަޝްރޫއެއް ނޫން. މި ޒުވާނުންގެ ސަހަރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ހިޖުރަކުރައްވަން ވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ހުޅުމާލެއަށް ހިޖުރަކުރުމަށް ގޮވާލާފައި ވާއިރު އައްޑޫ ސިޓީގައި ތަރައްޤީގެ ބޮޑެތި މަޝްރޫއު ތަކެއް ޕީޕީއެމް ސަރުކާރުން ގެނެސްދޭނެ ކަމަށް މީގެ ކުރިން ވަނީ ވައުދުވެވަޑައިގެންފައެވެ.ނަމަވެސް ޒުވާނުން ހުޅުމާލެއަށް ހިޖުރަކުރުމަށް ގޮވާލުމުން ސޯޝަލް މީޑިޔާގައި އައްޑޫގެ ވަރަށް ގިނަ ފަރާތް ތަކުން ދަނީ ނުރުހުން ފާޅުކޮށް އައްޑޫ ސިޓީގައި ތަރައްޤީގެ މަޝްރޫއުތައް ފަށާނެ ކަމާއި މެދު ސުވާުލު އުފައްދަމުންނެވެ.