Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް

ދަނޑުވެރިކަމަށް މި އަހަރު ގިނަ ކޯސްތަކެއް

މީދޫ ދަނޑެއްގައި ޒުވާރި ގަސްތަކެއް ހައްދާފައި: ދަނޑުވެރިކަމަށް މާކެޓް ހޯދަން ޖެހޭ. ފޮޓޯ/ ކިއުންތެރިއެއް

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މި އަހަރު ގިނަ ކޯސްތަކެއް ހިންގަން ތައްޔާރުވަމުން ދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް މި އަހަރު ފަށާ ކޯސްތައް ރަށްރަށުގައި ހިންގަމުން ގެންދާނީ މި އަހަރަކަށް ދަނޑުވެރިކަމުގެ ތަމްރީނު ދިނުމަށް ބަޖެޓު ލިބޭ މިންވަރަށް ބަލައިގެން ކަމަށެވެ.

މި އަހަރު ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރިއަށް ހައްދާ ބާވަތްތައް އިންދައި ހައްދާނެގޮތާއި ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަހުލުވެރިކުރުވުމާއި އާންމުކޮށް ދަނޑުވެރިކަމުގައި ދިމާވާ ބަލިތައް ކޮންޓްރޯލްކޮށް މެނޭޖް ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދޭ ކޯސްތައް ހިމެނެ އެވެ.

މީގެ އިތުރުން ކުކުޅާއި ބަކަރި އަދި މި ނޫން ވެސް ކުދި ޖަނަވާރު ގެންގުޅެން ދަސްކޮށްދޭ ކޯސްތައް ހިމެނެ އެވެ.
އަދި ފެނުގައި ގަސް އިންދައި ހައްދާނެ ގޮތާއި ގޯތިތެރޭގައި ގަސް އިންދައި ހެއްދިދާނެ ގޮތްތަކާއި އުކާލެވޭ ތަކެތީގެ ތެރެއިން ޕޮޓުގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ ތަކެތި ބޭނުން ކޮށްގެން ގަސް އިންދަން ދަސްކޮށްދޭ "ހައިޑްރޮފޯނިކްސް" ދަނޑުވެރިކަމުގެ ކޯސްތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގައި ދިމާވާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ގެންގުޅޭނެ މައިގަނޑު އުސޫލުތަކާއި ގޮތްތައް ދަސްކޮށްދޭ ކޯސްތައް ވެސް ހިމެނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޯސްތަކުގައި އަސާސީ ތައުލީމް ފެންވަރުގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.