Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

ސޯޝަލް މީޑިޔާގެ އެއް ނަމްބަރު މަޖިލީހުގެ ހާޒިރީގެ ފުލުގައި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ސޯޝަލް މީޑިޔާގައި އެންމެ ހަރަކާތްތެރި ބޭފުޅާ ކަމުގައި ވާނެއެވެ. ސޯޝަލް މީޑިޔާގައި ބައެއް މީހުން ރޮޒޭނާ ސިފަ ކުރަނީ ހުރިހާ ކަމެއް ވެސް އެނގިލައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ކޮންމެ މީހަކަށް ވެސް ވާހަކަ ދެކެވޭ، ރައްޓެއްސެއްގެ ގޮތުގަ އެވެ.

ރޮޒޭނާ އާދަމް ފަދަ މީހުންނަށް ފަސޭހައިން ވާހަކަ ދެކެވޭ ކަހަލަ މަޖިލިސް މެންބަރެއް ލިބުމަކީ މީދޫ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާނެ ކަމެއް ކަން ހަމަ ޔަޤީނެވެ.

ސޯޝަލް މީޑިޔާގައި ވަރަށް ވެސް ހަރަކާތްތެރި ކަމާއި އެކު އުޅުއްވި ނަމަވެސް ރޮޒޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ހާޒިރީން ދައްކާ ގޮތުން މަޖިލިހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވި މެމްބަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

"ރޮޒޭ ވިކިއްޖެޔޯ މިރަށު ތެރޭގަ ވާހަކަ ދެކެވޭ! އެހެންވެ މަޖިލީހަށް ނުދަނީ އޯ! ހާޒިރީ ދެން ކަޑަ އެކަމަކު ދެން ނެތެއްނު އެތަނަށް ގޮސް އަހަރުމެންނަށްޓަކައި ކަމެއް ކޮށްދެވޭކަށް. މީ ޕީޕީއެމް ސަރުކާރު ވިއްޔާ"،މީދޫން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޓަކައި އިދިކޮޅު މެންބަރަކަށް ވިޔަސް ކޮށްދެވޭނެ ކަންތައް އެބަހުއްޓެވެ. އެބޭފުޅުންގެ އަޑު އެ މަޖިލީހުގެ ތަޅުމުގައި އިއްވާލަ ދޭން އެބަޖެހެއެވެ.

ރޮޒޭނާ އާއި މެދު މީދޫ ދާއިރާގައި ހިމެނޭ އުމުރުން ދުވަސް ވީ ބައެއް ބޭފުޅުން ނުރުހުން ފާޅުކޮށް ވާހަކަ ދައްކަމުން ގެންދަނީ މަޖިލީހުގެ ހާޒިރީ އެހާ ދަށްކޮށް ކަމަށް ވުމުން ކަމަށް ވެދާނެއެވެ.

މީދޫ ދާއިރާގެ އެމްޑީޕީ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި ރަށު ތެރޭގައި ރޮޒޭނާ އާދަމް "ވިކިއްޖެ" އޭ ކިޔާ ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެކަމާއި އޭނާގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"މީގަ މިވާ ގޮތަކީ ރައްޔިތުންނާ ހަމައަށް ރޮޒޭ އަށް އެހާ ފްރިކުއެންޓް ކޮށް ނާދެވެނީ.އޭގެ ފައިދާ ނަގައިގެން ރޮޒޭގެ ސަޕޯޓަރުން ރޭރު ކުރަން ވާހަކަ ދައްކަނީ." އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ވޯޓް ދީގެން ހޮވާ މެންބަރަކީ ހަމަ އެކަނި ސޯޝަލް މީޑިޔާގައި ހަރަކާތްތެރި ނަމަވެސް މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ނުވާ މެންބަރަކަށް ވެއްޖެނަމަ ދެން އަންނަ ފަހަރަކު ރައްޔިތުން ނޫނެކޭ ބުނުމުގެ ފުރުސަތު ވަރަށް ބޮޑު ވެގެންދާނެކަން ކަށަވަރެވެ.

ޖުމްލަގޮތެއްގައި މީދޫ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރީ މެންބަރ ރޮޒޭނާގެ ހާޒިރީ ދަށް ވުމުންނެވެ.

ހާއްސަ ގޮތެއްގައި ދާއިރާގެ ދުވަސްވީ މީހުންގެ މެދުގައި ރޮޒޭނާގެ މަޤުބޫލުކަން މިހާރު ވަނީ ވަރަށް ދަށަށް ގޮސްފައޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ.