Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

"ރެހެންދި" ލޯގޯއަކީ ކޮޕީއެއްތަ؟

ހުޅުމާލޭގައި އަލަށް ހުޅުވި ރެހެންދި ސްކޫލްގެ ލޯގޯ ފަރުމާ ކުރުމުގެ ޝަރަފު އައްޑޫ މީހަކު ވަނީ ހޯދައިފަ އެވެ. އެއީ ހިތަދު އަށް ނިސްނަބްވާ އައްޑޫގެ ޕްރޮފެޝަނަލް އާޓިސްޓެއް ކަމަށްވާ ޖާދުﷲ ހަމީދެވެ.

އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އޭނާ އާ ހަވާލު ކުރުމުން ލިބުނު އުފާ ބޮޑެވެ.

އެހެންވެ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑި އިރުގެ ތެރޭގައި ޖާދު ވަނީ ރެހެންދި ސްކޫލްގެ ލޯގޯ ނިންމާލައިފަ އެވެ. އެ ސްކޫލުން މިހާރު ބޭނުން ކުރާ ލޯގޯއަކީ ޖާދު ހުށަހެޅި ތިން ފަރުމާގެ ތެރެއިން، މިނިސްޓްރީން ފާސް ކުރި ލޯގޯ އެވެ.

އެކަމަކު އެ ލޯގޯ އާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މިހާރު ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ކޮޕީކޮށްލާފައި އޮތް މަސައްކަތެކެވެ.

އެހެންވެ މިކަމާ ގުޅިގެން ޖާދު އަށް ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

ރެހެންދި ސްކޫލްގެ ލޯގޯއަކީ ކޮޕީއެއް ކަމަށް ބުނާ މީހުންގެ ވާހަކައަކީ މިއެވެ؛ ކެނެޑާގެ އޮންޓޯރިއޯގައި ހުންނަ ފާން ހިލް ސްކޫލްގެ ލޯގޯ އަށް ބަލައިލަށެވެ. ދެ ލޯގޯ ވެސް ވަރަށް އެއްގޮތެވެ. ހާއްސަކޮށް ލޯގޯ އިން ބައްޓަމެވެ. ދެ ލޯގޯ އިން ވެސް ސިފަކޮށް ދެނީ ފޮތެވެ.

ރެހެންދި ސްކޫލްގެ ލޯގޯ އާ ހިލާފަށް ފާން ހިލް ސްކޫލްގެ ލޯގޯގައި އިތުރު ބައިތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ފާން ފަތްކޯޅިތަކާއި އޭގައިވާ ލިޔެފައިވާ ޝިއާރު ފާހަަގަކޮށްލެވެ އެވެ.

ރެހެންދި ލޯގޯގައި އެ ބައިތަކެއް ނެތެވެ. އެކަމަކު ބަައެއް މީހުން ބުނަނީ ލޯގޯގެ އަސްލު އެހެރީ ޖާދު ކޮޕީކޮށްފައި ކަމަށެވެ.

hkjl

ޖާދު ބުނީ ރާއްޖޭގައި ރަނިކަން ކުރެއްވި ރެހެންދި ހަދީޖާ އަށް ނިސްބަތްވާ ރެހެންދި ސްކޫލްގެ ލޯގޯ ފަރުމާ ކުރުމުގައި މާ "ކޮމްޕްލިކޭޓެޑް" ވިސްނުމެއް އޭނާ ނުގެންގުޅެ އެވެ. ހަމައެކަނި ބަލާފައި ވަނީ ތައުލީމީ ބިނާއެއްކަން ވީހާ ވެސް އާދައިގެ ގޮތަކަށް ލޯގޯ އިން ދައްކައި ދިނުމެވެ.

އެކަމަކު އޭނާ މިނިސްޓްރީ އަށް ހުށަހެޅި އަނެެއް ދެ ފަރުމާގައި ރެހެންދި ހަދީޖާގެ ރަނިކަން ރަމްޒުކޮށްދޭ ވަރަށް ގިނަ ސިފަތައް ލޯގޯތަކުގައި ހިމެނި އެވެ.

އެކަމަކު އެ ލޯގޯތަކަށް ވުރެ ބޮޑަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ކަމުދިޔައީ މިހާރު ބޭނުން ކުރާ ލޯގޯ އެވެ.

ޖާދު ބުނީ އޭނާ އަށް ރެހެންދި ސްކޫލްގެ ލޯގޯ ފަރުމާ ކުރަން ގުރުސަތު ލިބުނީ، އޭނާ ފަރުމާކޮށްފައިވާ އައްޑޫ ހައި ސްކޫލްގެ ލޯގޯ އެޑިއުކޭޝަން މިނިސްޓްރީ އަށް ކަމުގޮސްގެން ކަމަށެވެ.

ޖާދު އަށް ފާޑުކިޔާ މީހުން އޭނާ ބޭރުގެ ލޯގޯއެއް ކޮޕީކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ މައްސަލައެއް ބާވަ އެވެ. ކުރިން ތައްޔާރު ކުރެވިފައި ހުރި އެއްޗެއް އިންސްޕައާ ކުރުމަކީ މައްސަލައެއް ނޫނެވެ.

މިފަދަ ވާހަކަަތަކެއް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ބޭނުން ކުރާ "ސަނީ ސައިޑް އޮފް ލައިފް" އާ ބެހޭ ގޮތުން ވެސް ދެކެވެ އެވެ.