Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހައި ސްކޫލްގެ ޓީމާ މިނިސްޓަރު ބައްދަލު ކުރައްވައިފި

އަބޫދާބީގައި ބާއްވާ ޒައިދު ފިއުޗާ އެނާޖީ ފައިނަލިސްޓުންގެ ތެރޭގައި އައްޑޫ ހައިސްކޫލު ހިމެނި އެ ސްކޫލުން އެވޯޑު ޝޯއަށް ދާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްދަލު ކުރައްވައިފި އެވެ.

އެވޯޑް ޝޯއަށް އައްޑޫ ހައިސްކޫލްގެ ފަރާތުން ދާނީ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް އާއި ދެ ދަރިވަރުން ކަމަށްވާ މުހައްމަދު ޒިހާން އަދި ފާތިމަތު އުޒައިބާ އަލީ އެވެ.

އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ އެވޯޑަށް ނޮމިނޭޓުވާ ސްކޫލްތަކުގެ ތެރެއިން ކޮންމެވެސް އެއް ސްކޫލަކަށް އެއްލަކަ ޑޮލަރުގެ ފައިސާގެ އިނާމެއް އެ ފައުންޑޭޝަނުން ހުށަހަޅާފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ އެވޯޑަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އައްޑޫ ހައިސްކޫލް ހިމެނިފައިވަނީ ދުނިޔެއިން ހޮވާލެވުނު 13 ޕްރޮޕޯސަލްގެ ތެރެއިންނެވެ. ދުނިޔޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ސްކޫލުތައް ހޮވާފައިވާއިރު އައްޑޫ ސްކޫލު ހިމެނިފައިވަނީ އޭޝިޔާއިން ހޮވި ފަސް ޕްރޮޕޯސަލްގެ ތެރޭގައެވެ.

ގްލޯބަލް ހައިސްކޫލް ކެޓަގަރީގައި އޭޝިޔާއިން އައްޑޫ ހައިސްކޫލުގެ އިތުރުން ހޮވިފައިވަނީ އަމްރާ ބިންތު އަބްދުލް ރަހްމާން ސެކަންޑަރީ ސްކޫލް ފޮ ގާލްސް އާއި ރޯޔަލް ކޮލެޖް އަދި ރިޝީ ވެލީ އެޑިއުކޭޝަން ސެންޓަރެވެ.

އެފްރިކާއިން ހޮވިފައިވަނީ އަބާސޯ ސްކޫލް ފޮ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެލައިންސް ގާލްސް ހައިސްކޫލް އަދި ވޯޓާފޯލް ކަމްލާބާ އެވެ.

އެމެރިކާއިން އެ އެވޯޑަށް ޝޯޓްލިސްޓު ވެފައިވަނީ ޑީޖީއީވައިއީ އީއެސްއީޓީ ނަމްބަ-ފޯ އެލް ޕަލޯމާ އާއި ކޮލިޖިއޯ ރޫސްވެލްޓް އަދި މަންރޯ އެކެޑެމީ އެވެ. އަދި އޯޝޭނިއާ އިން ހޮވިފައިވަނީ މެލްބަން ގާލްސް ސްކޫލް އާއި ލޫމް ރިއުރަލް ޓްރެއިނިން ސެންޓަރު އަދި ކެޝްމިއާ ހައިސްކޫލް އެވެ. މީގެ އިތުރުން ޔޫރަޕުން ވެސް އެއް ސްކޫލް އެ އެވޯޑަށް ޝޯޓްލިސްޓް ވެފައިވެއެވެ.