Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޒައިދު ފިއުޗާ އެނަޖީ އެވޯޑް އައްޑޫ ހައި ސްކޫލަށް

އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ޔޫއޭއީގައި ބާއްވަމުން އަންނަ ޒައިދު ފިއުޗާ އެނަޖީ ދެކުނު އޭޝީއާގެ ސަރަހައްދުގެ އެވޯޑް އައްޑޫ ހައި ސްކޫލަށް ލިބިއްޖެ އެވެ.

މިއަދު އަބޫދާބީގައި އޮތް ރަސްމިއްޔާތުގައި އެވޯޑާއި އެކު އައްޑޫ ހައިސްކޫލަށް ވަނީ އެއްލައްކަ ޑޮލަރު އިނާމެއްގެ ގޮތުގައި ލިބިފަ އެވެ.

ޒައިދު ފިއުޗާ އެނާޖީ އެވޯޑް އައްޑޫ ހައި ސްކޫލާ ހަވާލުކޮށް ދެއްވީ އަބޫދާބީގެ ރައީސް އާއި ޕްރައިމް މިނިސްޓަރާއި ކްރައުން ޕްރިންސް އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެވެ.

އައްޑޫ ހައި ސްކޫލްގެ ފަރާތުން އެވޯޑާއި ހަވާލުވެ ލެއްވީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.

nadheem

ގްރޭޑް 11-12 އަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލަށް މި އެވޯޑް ލިބުނީ އިޔާދަކުރަނިވި ހަކަތައަށް ދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން އެ ސްކޫލުގައި ކުރަމުން އަންނަ ތަފާތު މަސައްކަތްތަކާ ގުޅިގެންނެވެ. ގްލޯބަލް ހައި ސްކޫލު ކެޓަގަރީން މި އެވޯޑަށް ގިނަ ސްކޫލުތަކަކުން ޕްރޮޕޯސަލް ހުށަހެޅި އިރު، އައްޑޫ ހައި ސްކޫލުން ހުށަހެޅީ އިއާދަކުރަނިވި ހަކަތައިން ސްކޫލު ހިންގާނެ ގޮތުގެ ޕްރޮޕޯސަލެކެވެ.

މި އެވޯޑް ދެނީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން އަބޫދާބީގެ ކުރީގެ އަމީރު ޒައިދު ބިން ސުލްތޯން އަލް ނަހްޔާންގެ ހަނދާނުގަ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދޭ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްގައި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަޝީދުގެ އިތުރުން އިނާމުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އައިސްލޭންޑްގެ ރައީސް އޯއާރު ގްރިމްސަން އާއި ސައުތު ކޮރެއާގެ ކުރީގެ ރައީސް ހަން ސުން ސޫ އާއި ހޮލީވުޑްގެ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ ހިމެނެ އެވެ. އަދި މީގެ އިތުރުން ވެސް މަޝްހޫރު ބައެއް ބޭފުޅުން ހިމެނެވަޑައިގަނެ އެވެ.

މިއަދު އަބޫދާބީގައި އޮތް ރަސްމިއްޔާތަށް އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ހައި ސްކޫލަށް ލިބުނު ކާމިޔާބީ އަކީ އެންމެހާ ދިވެހިން ފަހްެރިވާން ޖެހޭ ފަދަ އެވޯޑެއް ކަމަށެވެ.

ތިމާވެއްޓާއި، އިޔާދަ ކުރުވަނިވި ހަކަތައަށް ހާއްސަ އިސްކަމެއް ދެމުން އަންނަ އައްޑޫ ހައި ސްކޫލް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ސްކޫލަކަށް އެ ސްކޫލް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވެށި"އާ ގުޅިގެން ސްކޫލްގައި ސޯލާ ޕެނެލް ހަރު ކުރުމުގެ މަޝްރޫއެއް މިދިޔަ އަހަރުވަނީ ފަށައިފަ އެވެ. އެގޮތުން 2.8 ކިލޯގެ ކަރަންޓް އުފެއްދޭ ސޯލާ ޕެނެލް ސްކޫލްގައި ވަނީ ހަރުކޮށްފަ އެވެ.