Last Updated: April 18, 21:24
Thursday, April 18, 2024

މަގޭ ފުރާނަ އަށް ވުރެ ވެސް ލޯބިވާ އާފާގު އެވެ.

ކަލާއާއި އަހަރެން ދެމީހުން އެންމެ ފަހަކަށް ވާން އެއްބަސްވެފައިވާ އުފާވެރި ބައްދަލުވުމަށް އަހަރެންނަށް ނުދެވުމުން ކަލާއަށް ލިބޭނީ ވަރަށް ބޮޑު ހައިރާން ކަމަކާއި ނުތަނަވަސް ކަމެއްކަން އަހަރެންނަށް އެނގެ އެވެ. އަދި އެއިގެ ފަހުން އަހަރެންގެ ހަބަރެއް ނުވެ ހިގާކޮންމެ މިނިޓަކީ އެއް ދުވަސްކަމުގައި އަދި އެއް ގަޑިއަކީ އެއް މަސްކަމުގައި ކަލާ އަށް އިހްސާސް ކުރެވޭނެކަން ވެސް އަހަރެންނަށް އެނގެ އެވެ.

އެ ދުވަހުން ފެށިގެން އަހަރެންގެ ހާލަތު ކަލާއަށް އަންގާ ނުލެވިގެން އަހަރެންނަށް އިހްސާސް ކުރެވުނީ ވެސް ހަމައެހެންމެ އެވެ.

ހިތުގެ ހިނގުންކަމުގައިވާ އާފާގެވެ. އެ ބައްދަލުވުމަށް ނުދެވުނީތީ އަހަރެންނަށް މައާފު ކުރާށެވެ. އެ ބައްދަލުވުމަށް ނުދެވުމުން އަހަރެން ވަރަށް ބޮޑަށް ދެރަވި އެވެ.

ހުސް އިންތިޒާރެއްގައި އެތައް އިރެއް ވަންދެން ކަލާ ހުންނާނެކަން އެނގޭތީ އެވެ. އަދި އެ ބައްދަލުވުމުން އަހަރެމެން ދެ މީހުންނަށް ލިބޭނެ ލޯބީގެ ފޮނި އިހްސާސްތަކުން މަހުރޫމުވީތީ އެވެ.

ނަމަވެސް ކުރާނީ ކީއްތޯ އެވެ؟ އެދުވަހުން ފެށިގެން "ކަލާގެ ދުނިޔެއިން" އަހަރެންގެ މައިންބަފައިން އަހަރެން މަރާލައިފި އެވެ. އެކަމަކު އަހަރެން ދިރިދުނިޔޭގައި އެބަ އިނީމެވެ.

ދުނިޔޭގެ ހުރިހާ އުފަލަކުން މަހުރޫމުވެގެންނެވެ. އަހަރެން މިހާރު ގުނަމުންދާ ހިތި ދުވަސްތަކުގެ ސަފްހާތައް ކަލާއަށް ކިޔައި ދޭން އަހަރެން ދެރަވެ އެވެ. އެ ސަފްހާތަކުގެ ވާހަކަ އިވުމުން ކަލާގެ ހިތަށްކުރާނެ ވޭނީ އަސަރު އަހަރެންނަށް އެނގޭތީއެވެ.

ނަމަވެސް އަހަރެންގެ ހަޔާތުން އެންމެ ދުވަހެއްގެ ސަފްހާއެއް ވެސް ކަލާއަށް ކިޔައި ނުދިނުމަކީ އަހަރެންނަށް ވެވޭ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކެމެވެ.
އެހެންކަމުން އަހަރެންގެ މި ހިތާމަ އާއި ރުއިމުގެ އަސަރު އެކުލެވިފައިވާ ސަފްހާތައް ކަލާއަށް ކިޔައި ދޭން އަހަރެންނަށް މަޖުބޫރުވީ އެވެ.

އަހަރެންގެ ހަޔާތުގެ ހުރިހާ ސިއްރެއް އެފިރިހެން ކުއްޖެއްގެ ލޯތްބާއި ގުޅިފައިވާ އާފާގެވެ. އަހަރެން މިވޭތު ކުރަމުންދާ ހިތި ދުވަސްތަކުގެ އަޑު ނިކަން އަހާށެވެ. ފުރާނަ އަށް ވުރެ ވެސް ލޯބިވާ އާފާގެވެ.

މަހެއް އެއިގެ އުފާވެރި ފެންގަޑާއި ވަކިކޮށް ހަނަފަސް ސަހަރާ އަކަށް އެއްލާލުމުން އެމަހަށް ވާނެގޮތުން އަހަރެންގެ މިވޭނީ ހަޔާތް ސިފަ ކުރާށެވެ.

އަހަރެން މިއިނީ މައިންބަފައިންގެ ގައިދުގައި ގޭގައި ހައްޔަރުވެފަ އެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކާ ބައްދަލުވިޔަ ނުދޭން މަންމަ އާއި ބައްޕަ އަހަރެން ހައްޔަރު ކުރީ އެވެ.

ގޭގެ އުސް ހަތަރު ފާރަށް ވުރެ ބޭރަށް ދެވޭނެ އެއްވެސް ގޮތެއް އަދި ނުވެ އެވެ. ނަމަވެސް އަހަރެން މިހާރު ވެސް މި ދަނީ މަންމަމެންގެ ގައިދުން ސަލާމަތް ވާނެ ގޮތަކާ މެދު ތަދުބީރު ކުރަމުންނެވެ. އެފަދަ ތަދުބީރެއް ވާހާ އަވަހަކަށް ސަލާމަތް ވެގެން ކަލާ އާ ބައްދަލު ކުރަން ދާނެ ކަމަށް ވައުދު ވަމެވެ.

އަހަރަމެން ދެ މީހުންގެ ގުޅުމާ މެދު، އަހަރެންގެ މައިންބަފައިން ކުރީގައި ވެސް އިންކާރު ކުރަމުން އައިވަރާއި، އަދި ދެމުން އައި އިންޒާރު ކަލާއަށް ވެސް އެނގޭނެ އެވެ. އަދި މިހާރު އަހަރެންނަށް އަންނަ އިންޒާރު ވަކިން ހޫނުވެފައި، ލަކި އެތިފަހަރުގެ ހަމަލާތައް ވަކިން ހިތި ގަދަ އެވެ.

މަންމަ އާއި ބައްޕަގެ ކޮންމެ އިންޒާރެއްގައި އެކުލެވިފައި ވަނީ ރުޅިވެރިކަމާއި ހަރުކަށިކަމެވެ.

އަހަރެންނަކީ ނިކަމެތި ހިތެއްގެ ވެރި އަންހެން ކުއްޖެއް ކަމެއް މަންމައާއި ބައްޕައަށް އިހްސާސް ކުރެވޭހެން ހިއެއް ނުވެ އެވެ.

ހަޔާތައް ވުރެ ވެސް ބޮޑަށް ލޯބިވާ އާފާގެވެ. އަހަރެންގެ މައިންބަފައިން ބޭނުން ވަނީ އަހަރެން ކަލާއާއި ވާހަކަ ނުދެއްކުމަށާއި، އަދި މުޅިން ކަލާއާއި ވަކިވުމަށެވެ. އަދި އަހަރެން ލައްވާ އެއްބަސް ކުރުވާން މަސައްކަތް ކުރަމުންދަނީ އަހަރެންގެ ބޮޑުބޭބެގެ ފިރިހެން ދަރި އާ އަހަރެންގެ ކައިވެނި ކުރުމަށެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކީ އަހަރެންގެ ހަމަ ބުއްދި ހުރެގެން އެއްބަސް ވާނެ ކަންކަމެއް ނޫން ކަމަށް ވައުދު ވަމެވެ.

ދިރިހުރުމުގެ ހުރިހާ އުފާތަކެއް ކަމުގައިވާ އާފާގެވެ. ދެރަނުވާށެވެ. ބައްޕަ އަހަރެންގެ ފުރާނަ ދުއްވާލިއަސް އެއިން އެއްވެސް ކަމަކަށް އަހަރެން އެއްބަހެއް ނުވާނަމެވެ.
މަރާލިއަސް އަހަރެންގެ މަރުވެފައިވާ މަސްގަނޑާއި ކަށިތައްވެސް އެއިން ކަމަކަށް އެއްބަހެއް ނުވާނެ އެވެ. އަހަރެންގެ ހުރިހާ ވެސް މީހަކީ އާފާގު ކަމަށް ވާތީ އެވެ. އާފާގާ ވަކިން އަހަރެންނަށް ނުއުޅެވޭނެތީ އެވެ. އަހަރެންގެ ހަޔާތުގެ ފުރާނައަކީ އާފާގު ކަމަށްވީތީ އެވެ.

އާފާގެވެ. މި ހާލަތުގައި ވެސް އަހަރެމެން ދެ މީހުންނަށް ބައްދަލު ކުރެވިދާނެ އެވެ. އަދި އެކަކު އަނެކަކާ ވާހަކަވެސް ދެއްކި ދާނެ އެވެ.
ނަމަވެސް އެއީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ވެސް ވެދާނެ އެވެ. އަދި އަހަރެމެން ދެ މީހުން ނޫން ބަޔަކަށް މިއީ މޮޔަ ހިޔާލަކަށްވެ ސް ވެދާނެ އެވެ.
އެހެން ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މިހިނގާ ހަނދު މަހުގެ 14 ވިލޭރޭ ހަނދު އެއިގެ ރިހި ޝުޢާ އާ އެކު މެދު ޖެހޭ ވަގުތު ހަނދަށް ކަލާގެ ނަޒަރު ހުއްޓާށެވެ.

ހަމަ އެވަގުތު އަހަރެން ވެސް ހުންނާނީ ހަނދަށް ބަލަހައްޓައިގެންނެވެ. ފަސް މިނިޓް ވަންދެން އެސްފިޔަ ޖަހާ ނުލައި ހަނދަށް ނަޒަރު ހުއްޓައިގެން ކޮންސެންޓްރޭޝަން ގައި ހުންނާށެވެ.

އިރުކޮޅަކުން އަހަރެންގެ ތަސްވީރު ކަލާއަށް ފެންނާން ފަށާނެ އެވެ. އަދި ކަލާގެ ތަސްވީރު އަހަރެންވެސް ބަލާ ނަމެވެ. ހަނދު މެދުޖެހޭ ވަގުތުން ފެށިގެން ދެ ގަޑި އިރަށް އަހަރެމެންގެ މި ބައްދަލުވުން އޮންނާނެ އެވެ. އަދި އަހަރެމެން ދެ މީހުންގެ ހިތުގެ އެންމެ ފުން މިނުން އުފެދޭ ޝުޢޫރުތައް އެކަކު އަނެކަކަށް އަޑު އިވޭނެ އެވެ.

އާފާގެވެ. ކަލާގެ އަތުން ހިފަހައްޓައިގެން ތިހިރީ ހަމަ އެކަނި ކަރުދާސް ގަނޑެއް ނޫނެވެ. އެއީ އަހަރެންގެ ކަނާ އަތްތިލަ ކަމަށް އިހްސާސް ކުރާށެވެ. އަދި އެ އަތާ އަތް ޖޯޑްކޮށް ސަލާމްކޮށްލާށެވެ. އަދި އެއިހްސާސް ތަކާ އެކު މިވަގުތައް ވަކިވެލަމެވެ. މިއީ ކަލާ ދެކެ އަބަދަށް ލޯބިވާ ނިޝާ އެވެ.