Last Updated: March 29, 02:52
Thursday, March 28, 2024
މުނިފޫހިފިލުވުން

"ބޮމްބޭ ވެލްވެޓް" ގެ ޕޯސްޓަރު ލޯންޗްކޮށްފި

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅެފައިވާ "ބޮމްބޭ ވެލްވެޓް" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.

ޕޯސްޓަރުގައި ފެންނަނީ ރަންބީރު ދެ އަތަށް ދެ ބަޑި ލައިގެން ހުންނަ މަންޒަރެވެ. ޕޯސްޓަރުން ފެންނަނީ ވެސް ހަމައެކަނި އޭނާ އެވެ.

ޕޯސްޓަރުގެ ޓެގް ލައިނެއްގެ ގޮތުގައި "ހެލޯ! އައި އެމް ޖޯނީ ބަލް ރާޖް. ނައިސް ޓް މީޓް ޔޫ" ލިޔެފައިވެ އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމު ކުރުމާ އެކު، ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުން އަންނަނީ މި ފިލްމުގެ ޓްރެއިލާއަށެވެ.

401349503

"ގޭންގް އޮފް ވަސޭޕޫރު"، "ދޭވް ޑީ" އަދި "އަގްލީ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަނުރާގް ކެޝަޕް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހު އެވެ.

އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ ގިއާން ޕްރަކާޝްގެ ވާހަކަ "މުމްބާއި ފެބްލްސް" ގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ބޮމްބޭ ވެލްވެޓް" ގެ މުހިއްމު ރޯލްތަކުން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ރަވީނާ ޓަންޑަން ވެސް ފެނިގެން ދާނެ އެވެ.

ކަރަން ފެނިގެން ދާނީ ފިލްމުގެ ވިލަންގެ ގޮތުގަ އެވެ. ސްރީ ލަންކާގައި ތައްޔާރު ކުރި އަގު ބޮޑު ސެޓެއްގައި ޝޫޓްކޮށްފައިވާ "ބޮމްބޭ ވެލްވެޓް" ގައި ދައްކުވައި ދޭނީ 1960 ގެ އަހަރުތަކެވެ.

މި ފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް ފިލްމަށް ވަރަށް ގިނަ ސްޕެޝަލް އިފެކްޓްސް ބޭނުންވާތީ، އެ މަސައްކަތް ނުނިމިގެން ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ އެވެ.

"ބޮމްބޭ ވެލްވެޓް" އަކީ ޒުވާން ދެ ތަރިން ކަމަށްވާ ރަންބީރާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

މި ދެ ތަރިން މިހާރު ވަނީ ކަރަން ޑައިރެކްޓަރު "އޭ ދިލް ހޭ މުޝްކިލް" އަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމުގެ މުހިއްމު ރޯލެއް އައިޝްވާރިއާ ރާއީ ބައްޗަން ވެސް ކުޅެ އެވެ.