Last Updated: April 19, 22:45
Friday, April 19, 2024
ކޮލަމް

ގާޒީ ބާރީގެ އަމާޒަކީ އިމްރާން އަށް ހުކުމްކޮށްގެން ހައި ކޯޓް ޕްރޮމޯޝަން ބާ؟

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވުނު ޝަރީޢަތްތަކަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ބޮޑަށް ބޭއިންސާފުން ހިންގާފައިވާ ޝަރީޢަތްތައް ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރުންގެ ދައުރު ގާޒީން އަދާކުރައްވާފައިވާއިރު ރައީސް ނަޝީދު އާއި ކާނަލް ނާޒިމަށް ވެސް ދައުވާ އިން ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދު އާއި ކާނަލް ނާޒިމްގެ ޝަރީޢަތް ވެސް އެކުއެކީގައި "ހަވާ ފަޓާސްބަރިއެއް" ހެން ކުރިއަށް ގެންދިޔައިރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ހަމަ އެއް ފަނޑިޔާރުންތަކެކެވެ.

އެއީ ފަނޑިޔާރު ޝުޖާޢު އުޘްމާން، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފެވެ.

ޤާނޫނީ ނިޒާމުގައި ހުރި އުސޫލުތަކާއި ޚިލާފަށް ކުރިއަށް ގެންދިޔަ 2 ޝަރީޢަތަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ފެނިގެން ދިޔައީ ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޕްރޮމޯޓް ވެގެން ދިޔަ މަންޒަރެވެ.

ސިޔާސީ ފަރާތްތަކުން އަދި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުފައްދަން ފެށި ސުވާލަކީ، 2 ފަނޑިޔާރުން ހައި ކޯޓަށް އައްޔަން ކުރުމަކީ، ކާނަލް ނާޒިމާއި ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފު ޝަރީޢަތްތަކެއް ހިންގައިގެން ލިބުނު ޕްރޮމޯޝަން ތޯއެވެ.

ހައި ކޯޓުގެ ވެބްސައިޓް ބުނާ ގޮތުން، "އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ." ތަޢުލީމް ޙާސިލް ކުރެއްވީ ކޮންތަނަކުން ކަމެއް ލިޔެފައެއް ނެތެވެ. ފަހަރެއްގައި އެ މައުލޫމާތު އާންމު ރައްޔިތުންނަށް އެނގެން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެ އަކަސް ކާނަލް ނާޒިމާއި ރައީސް ނަޝީދުގެ ޝަރީޢަތަށް ފަހު ގާޒީ ބާރީއަކަށް ޕްރޮމޯޝަނެއް ލިބިވަޑައެއް ނުގަންނަވައެވެ. އަދި އެބޭފުޅާ އޭރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައެއް ވެސް ނުވެއެވެ.

ނަމަވެސް ޝެއިޚް އިމްރާންގެ މައްސަލަ ބެއްލެވުން ގާޒީ ބާރީ އާއި ހަވާލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުސަތުގައި ގާޒީ ބާރީ އެ މަޤާމަށް ކުރިމަތިލައްވާފައި ވާއިރު، އިމްރާންގެ ޝަރީޢަތް "އަވަސް" އަރުވާލާފައި ކުރިއަށް ގެންދަނީ ހައި ކޯޓަށް ޕްރޮމޯޝަން ހޯދުމަށް ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ނޫސްވެރިންނަށާއި އިމްރާންގެ ވަކީލުންނަށް ގާޒީ ބާރީގެ ފަރާތުން އިންޒާރުތަކެއް ދީފައިވާއިރު، ފާހަގަކުރެވޭ އެއް ކަމަކީ، އިމްރާންގެ ޝަރީޢަތް ވަކި ވަގުތަކަށް ނިންމުމަށް މަސައްކަތް ކުރާ ކަހަލަ ކަންތައް ތަކެއް ފެނިގެން ދިއުމެވެ.

އެގޮތުން ހޯމަ ދުވަހަށް ތާވަލް ކުރި ޝަރީޢަތް އާދީއްތަ ދުވަހަށް އަވަސް ކުރުމާއި، ޝަރީޢަތުގެ މަޖިލީހުގައި "ގޮތެއް ނިންމަވައިގެން" ހުރި ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޝެއިހް އިމާރްގެ ފަރާތުން ހެކި ހުށަނާޅަނީސް "ގޮތެއް ނިންމައިގެން ހުންނެވި" ކަމަށް ބާރީ ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ގަވާއިދާއި ހިލާފަތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮންމެ ގޮތެއްވިޔަސް އިމްރާންއަށް ހުކުން ކުރެއްވުމަށްފަހު ބާރީ ހައިކޯޓަށް ޕްރޮމޯޓްވާ މަންޒަރު ފެނުން ވަރަށް ގާތެވެ.