Last Updated: April 20, 11:14
Saturday, April 20, 2024
ރިޕޯޓް

މާލޭ މީހުން އުފާ ކޮށްދީގެން ވެރިކަން ދިފާއު ކުރުން

މާލޭގެ މަލަމަތި. ފޮޓޯ: ނައްޓު

ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް 2 އަހަރުވެއްޖެއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ގިނަ ވައުދުތައް މިވަނީ ފަލްސަފާއަށް ވެފައެވެ. އެވެރިން ބުނާ ގޮތުން ވައުދުތަކުގެ މާނަ ރައްޔިތުންނަށް އޮޅުނީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މި ގައުމު މިވަނީ ދުވަހުވެސް ރާއްޖޭގެ ތާރީހުގައި ނުފެންނަ ކަހަލަ އެތައް ކަމެއް ފެންމަތިވެފައެވެ. އެވާހަކަ ރައީސްގެ އަމިއްލަ ދޫފުޅުން ބުރާސްފަތި ދުވަހުގެ ރޭ މިވަނީ ވިދާޅުވެފައެވެ.

އިގްތިސާދީ ގޮތުން ގައުމު މިވަނީ އަދަވަޅަކަށް ވެއްޓިފައެވެ. ރާއްޖޭގެ އިގްތިސާދީ މައިނާރު، ފަތުރުވެރިކަމުން ގައުމަށް ލިބެމުން ދިޔަ ނަފާ "ކުއްލި ހާލަތު ޢިއްލާން" ކުރައްވައިގެން މިވަނީ ގެއްލިފައެވެ. އަމިއްލަ ޕާޓީން "ގޮއްވާލި" ގޮވާލުމުގެ ލޮޅުން މުޅި ގައުމަށް އަރާފައިވާ އިރު އަދިވެސް ހެއްދެވެނީ އިތުރުފުޅެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑު ދެ ބަޖެޓް ފާސްވެއްޖެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބެހިފައި މިވަނީ އަތޮޅު ތަކަށެވެ. ނަމަވެސް އަތޮޅު ތަރައްޤީއަށް ސަރުކާރުން ކޮށްދެވުނީ ކޮން ކަމެއްތޯއެވެ. ހަގީގަތަކީ އެއްކަމެއްވެސް ކޮށް ނުދެއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ބަޖެޓް އޮއްސާލަނީ މާލެއަށެވެ. މާލެ ކައިރި ސަރަހައްދަށެވެ.

ނިމިގެން ދިޔަ އަހަރުތަކުގައި ސަރުކާރުގެ ފޯކަސް ހުރީ މާލެ ސަރަހައްދަށެވެ. "ގްރޭޓަރ މާލެ" ބިނާ ކުރުމަށެވެ. އަތޮޅު ތަރައްޤީއަށް ބަޖެޓްގައި ހިމެނި ފައިސާކޮޅު ހިފަހައްޓާ ހުރިހާ އެއްޗެއް ހަރަދު ކުރީ މާލެ ސަރަހައްދަށެވެ.

ދައުލަތުގެ ފައިސާއިން ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ ކަން ފެންމަތިވެފައިވާ އިރު ރައްޔިތުންގެ އަތުން ޓެކްސްއަށް ނެގި ލާރިއަށް ހެދި ނެހެދިއެއް އެގޭނެ ގޮތެއް ނެތެވެ.

ނަމަވެސް މާލެ ސަރަހައްދު ބިނާ ކުރުމަށް ބޮޑެތި މަޝްރޫއުތައް ހިންގާތަން އެބަފެނެއެވެ.

މާލެ އާއި މާލެ ސަރަހައްދު ތަރައްޤީ ކުރުން ސަރުކާރަށް ބޭނުން ގިނަ ސަބަބުތައް އެބަހުއްޓެވެ. ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް ބޭނުންވާ ގިނަ ކަންކަން ކުރެވިއްޖެއެވެ. ގަބޫލް ކުރިއަސް ނުކުރިއަސް އަދުލު އިންސާފުގެ ނިޒާފަށް ސަރުކާރުން ބާރު ފޯރުވައެވެ. މިނިވަން މުވައްސަސާތައް ތިބީ ސަރުކާރުގެ މުށުތެރޭގައެވެ. ރައްޔިތުންގެ މަޖިލިސްގެ ކޮންޓްރޯލް އޮތީ ސަރުކާރަށެވެ. ދެން އޮތީ ރައްޔިތުންގެ ތާއިދެވެ.

ތަޖްރިބާ ކާރުން ބުނާ ގޮތުން މާލެ ސަރަހައްދު ތަރައްޤީ ކުރުމަށް ސަރުކާރުން އިސްކަންދޭ ސަބަބަކީ މާލޭގެ ބިންވެރިން މުއްސަދި ކުރުމެވެ. އޭގެ ސަބަބުން ސަރުކާރަށް އިންތިހާބް ކާމިޔާބް ކުރުމަށް ފަސޭހަވެގެންދާނެކަމަށް އެފަރާތްތަކުން ގަބޫލް ކުރެއެވެ.

ނިމިގެން ދިޔަ ރިއާސީ އިންތިހާބްގައިވެސް މާލެއިން ރައީސް ޔާމީން އައްލަބިއްޔަތު ހޯއްދެވިއެވެ. އެހެންވެ މާލެ ސަރަހައްދު ތަރައްޤީކޮށް އަތޮޅުތަކުގެ ރައްޔިތުން މާލެ ސަރަހައްދަށް ޖަމާ ކުރެވިއްޖެނަމަ އިންތިހާބް ކާމިޔާބް ކުރުމަށް ފަސޭހަ ވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވެރިކަމުގައި ތިބޭ ފަރާތްތަކުން ބޭނުން ކުރަނީ މި އުކުޅެވެ. ތައިލެންޑް ފަދަ ގައުމުތަކުގެ ވެރިންކަން ކޮންޓްރޯލް ކުރަނީ މިއުސޫލުންނެވެ.

އަތޮޅުތެރެ ތަރައްޤީ ކުރުމުގެ ވިސްނުމުގައި ވެރިއަކު ނިކުމެއްޖެނަމަ އެފަދަ ވެރިއެއްގެ ވެރިކަން ވެރި ރަށުން ވައްޓާލައެވެ. ރާއްޖޭންވެސް މި މަންޒަރު މިވަނި ފެނިފައެވެ. އެހެން ކަމުން ދައުލަތުގެ ބަޖެޓްގައި ކިތަންމެ ފައިސާއެއް އަތޮޅު ތަރައްޤީއަށް ހިމެނި ނަމަވެސް އޭގެ ތެރެއިން ކުރިއަށްގެންދާނީ "ނަމަކަށް ކުރާ ކަންކަމެވެ"

އައްޑޫ އާއި ބޮޑު ތިލަދުންމައްޗަށް ބަލާލިއަސް މިކަން މިހާރުވެސް ފެންނާނެއެވެ. ކުޅުދުއްފުށީ ރައްޔިތުންނަށް ހިދްމަތް ދޭން ހުރި ހޮސްޕިޓަލުން ފަރުވާ ނުދެވި ރައްޔިތަކު ނިޔާވުމުން ގޯސްވީ ކުޅުދުއްފުށީ ރައްޔިތުންނެވެ، ނަމަވެސް ސަރުކާރުން ވިދާޅުވާ އިރު ކުޅުދުއްފުށީ ހޮސްޕިޓަލަކީ ރާއްޖޭގައި ނެތް ފެންވަރުގެ ވަސީލަތުން ފުރިފައިވާ ހޮސްޕިޓަލެކެވެ،

އައްޑޫގައި އަޅަން ކިޔާތާ 14 އަހަރުވީ ހޮސްޕިޓަލްގެ ބަޖެޓް ފާސްވެ ނިމިފައިވަނިކޮށް އެ ހޮސްޕިޓަލް ނާޅާ ހުޅުމާލޭގައި މަލްޓި ސްޕެޝަލް ހޮސްޕިޓަލެއް އަޅަން ފަށާފައި މިވަނީ މާލޭގެ ބިންވެރިންގެ ފަރާތުން ވެރިކަން ދިފާއު ކުރާށެވެ.

231 މިލިއަން ހަރަދު ކުރައްވައިގެން މާލޭގެ އުތުރު ފަރާތުގައި އާޓިފިޝަލް ބީޗެއް ތަރައްޤީ ކުރާއިރު ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންތިބީ ހަޑަސްބުރިން ފާޙާނާކޮށްގެން އެނަޖިސް ބޮލަށް އަޅައިގެންނެވެ. އެ ރައްޔިތުންނަށް ނަރުދަމާ އަޅާ ވާހަކަ އޮތީ ބަޖެޓްގައި "ކަޅާއި ހުދުން" ނެވެ.

ކަން ކަން މިހެން ހުރުމާއި އެކު ރައްޔިތުންގެ ތާއިދެއް ނެތި ވެރިކަން ކުރަންޖެހޭނީ ރައްޔިތުން "ސްކްރީންކޮށްގެން" އެކި ހިސާބުގައި ހަތިޔާރު އެޅި ސިފައިން ބަހައްޓައިގެންކަން މިހާރު ދަނީ ފެންނަމުންނެވެ.