Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އިންޖީނުގޭގައި ހިނގި ހާދިސާއަށް ފަހު މުޅި ތިނަދޫ ހިތްދަތިކަމުގައި

ރޭ ދަންވަރު ކުއްލިއަކަށް ގދ.ތިނަދޫ އިން ކަރަންޓު ދިއުމުން ގިނަ ބަޔަކު ހީކުރީ، ކުޑައިރުކޮޅެއްގެ ތެރޭގައި ކަރަންޓު ލިބޭނެ ކަމަށެވެ. ނަމަވެސް ކަރަންޓު ނުލިބިގެން ގިނަ އިރުތަކެއް ވާން ފެށުމުން ބައެއް މީހުން ރަށުތެރެއަށް ނިކުމެ ބަލާލިއިރު އެނގުނު ގޮތުގައި ރަށުގެ އިންޖީނުގޭގައި ރޯވެ އެއްކޮށް އަދާ ހުލިވީއެވެ.

ތިނަދޫގައި ދިރިއުޅޭ 10،000 އަށް ވުރެ ގިނަ މީހުން ތިބީ އަލުން ކަރަންޓުގެ ޚިދުމަތް ލިބޭނެ ދުވަހެއް ނޭނގޭތީ ހިތްދަތިކަމުގައެވެ. ފިހާރަތަކުގައި ތިބި ފިނިކުރި މަހާއި ކުކުޅަށް ހަދާނެ ގޮތެއް ނޭނގިގެން ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފައެވެ.

ތިނަދޫ އިންޖީނުގޭ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެ އެއްކޮށް އަނދާ ހުލިވެފައިވާއިރު އަލުން ކަރަންޓު ދިނުމަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ތިނަދޫގައި ހުރި 'އައްޑޫޫލައިވް' ގެ ކޮރަސްޕޮންޑެންޓް ބުނި ގޮތުގައި ގދ.އަތޮޅުގައި އޮތް އެންމެ ބޮޑު ރަށުގެ މީހުން މިވަގުތު އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

ތިނަދޫ ރައްޔިތުން ސާފު ތެޔޮ ގަތުމަށް ކިއު ހަދާފައި: ފޮޓޯ އަބްދުﷲ ސޯދިގް/އައްޑޫލައިވް
ތިނަދޫ ރައްޔިތުން ސާފު ތެޔޮ ގަތުމަށް ކިއު ހަދާފައި: ފޮޓޯ އަބްދުﷲ ސޯދިގް/އައްޑޫލައިވް

އެ ރަށަށް ފެން ދޫކުރަނީ ފެން ޕްލާންޓުން ކަމަށް ވާއިރު، ފެންޕްލާންޓްގައި ހުރީ ދެ ދުވަހަށް ބޭނުންވާ ފެނެވެ. މިރެ އަށް ބޭނުންވާ ފުޅިބައްތި ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ރައްޔިތުން ގެންދަނީ ކުރަމުންނެވެ.

ތިނަދޫގައި ސާފުތެޔޮ ވިއްކާ ފިހާރަތަކުގެ ކައިރީގައި ގިނަ ބަޔަކު ތެޔޮ ގަތުމަށް ކިޔޫ ހަދާފައިވާ ކަމަށް ވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ނިމާލު އެކޭ އެއްގޮތަށް އެރަށުގެ ބައެއް މީހުން ވެސް ޤަބޫލުކުރާގޮތުގައި އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމަކަށް ވެދާނެއެވެ.

ފުރަތަމަ ރޯވީ އިންޖީނުގެއާ ޖެހިގެން ހުރި ގުދަނުގައި. އެތާކު ނުހުންނާނެ ރޯވާ ޒާތުގެ އެއްޗެއް. ފުލުހުން ތަހުގީގު ނިމެންދެން އަހަރުމެން މިތިބީ. މިއީ ވަރަށް ސުވާލު އެފެދޭ ކަހަލަ ކަމެއް " ތިނަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރަށުގެ އެއްވެސް ސްކޫލެއްގެ ކިޔެވުމެއް ވެސް މިއަދު ނެތެވެ. ހޮސްޕިޓަލްގައި ތިބި ހާލުބޮޑު ބަލި މީހުން މާލެގެނައުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތިނަދޫ އިންޖީނުގެ ސަރަހައްދުގައި ފެނަކައިގެ މުވައްޒަފުން ހަރަކާތްތެރިވަނީ.
ތިނަދޫ އިންޖީނުގެ ސަރަހައްދުގައި ފެނަކައިގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

ކަރަންޓުގެ ޚިދުމަތާއި ނުލައި ހިތްދަތިކަމުގައި ވަގުތު ތަކެއް ހޭދަކުރަމުން ދިޔަ ނަމަވެސް ތިނަދޫގެ ރައްޔިތުން ތިބީ އެކުވެރިކަމާއި އެކުގައެވެ. ކޮންމެ ރައްޔިތަކު ވެސް ދަނީ އޭނާގެ އަވައްޓެރިޔާއަށް އެހީވާނެ ގޮތެއް އޮތިއްޔާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

" މިއީ ސަރުކާރަށް އެއްޗިހި ކިޔަންވީ ވަގުތެއް ނޫން. އެންމެން ގުޅިގެން އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރަންވީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ. " ތިނަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތިނަދޫ ރައްޔިތުން ބުނާގޮތުގައި ބެންކު ތަކުން ޚިދުމަތް ނުދެވޭތީ، ބައެއް މީހުން އަތުގައި އެއްގޮތަކަށް ވެސް ފައިސާއެއް ނެތެވެ. ބައެއް ފިހާރަތަކުން ކްރެޑިޓަށް މުދާ ދޫކުރަމުން ދިޔަ ނަމަވެސް އަތުގައި ފައިސާ ނެތުމުން ދަތި ތަކާއި ކުރިމަތިލާންޖެހިފަައެވެ.

"ވިޔަފާރި ކުރާނެ ގޮތެއް ނެތް. މި ޒަމާނަކީ އަތުގައި ފައިސާ ގެންގުޅޭ ޒަމާނެއް ވެސް ނޫން. ހުރިހާ ފައިސާއެއް ބެންކުގައި ހުރީ."

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫގައި މިވަގުތު ކަރަންޓުގެ ޚިދުމަތް އަމިއްލައަށް ދީގެން ފިހާރައެއް ހިންގަމުންދާއިރު އެތަނުގެ ބޭރުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔޫ ހަދާފައެވެ.
12606722_10153191957966150_479415657_n
ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ ބައެއް ރަށް ރަށުގައި ހުރި އިންޖީނުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގއ.ވިލިގިލީގައި ހުރި 25 ކިލޯ ވޯޓުގެ ޖަނެރޭޓަރަކާއި، މާމެންދޫގައި ހުރި 50 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް އަދި ގާދޫގައި ހުރި 150 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ތިނަދޫ އަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ތިނަދޫ އިންޖީނުގެ އިން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި، މިއަދު ހަވީރަށް ގާދޫގައި ހުރި 150 ކިލޯ ވޯޓުގެ ޖަނެރޭޓަރު ގެނެވޭ ވަރު ވާނެ ކަމަށެވެ. އެ ޖަނެރޭޓަރު ގެނައުމުން ފެން ޕްލާންޓަށް ކަރަންޓު ދެވޭނެ ކަމަށް އޮފިޝަލް ބުންޏެވެ.