Last Updated: April 19, 19:29
Friday, April 19, 2024
ކޮލަމް

ސަރުކާރުން ހިތްހަމަޖެހުނަސް ނުޖެހުނަސް ސޯބެ އަކީ އައްޑޫގެ މޭޔަރު

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ)

ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުން އެންމެ ބާރަށް ދައްކަން ފެށި އެއްވާހަކައަކީ، މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކައެވެ.

އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ސަރުކާރުން ދައްކަން ފެށި ބަހަނާ ތަކުގެ އަސްލަކަށް ވެފައި އޮތީ، މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އިން ނަގާފައި ވުމެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ރޫޙުގައި ކައުންސިލްތަކާއި ސަރުކާރުގެ މެދުގައި ވަރުގަދަ "ހަނގުރާމަ" އެއް ކުރެވިގެން ދިޔައެވެ.

"ހަނގުރާމައިގެ" ތެރޭގައި ކައުންސިލްގައި ތިއްބެވި އެމްޑީޕީ މެންބަރުން "އެހެލަން" ކުރި މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލުން އެންމެ މެންބަރަކު ފިޔަވައި އެހެން މެންބަރަކު ސަރުކާރު ފަޅިއަކަށް ނުގެންދެވުނެވެ.

އެހެންވެ ސަރުކާރުން ގަސްތުކުރީ، މަޖިލިސް މެދުވެރިކޮށް ކައުންސިލްގެ ފިޔަތައް ކޮށާލައި ބާރުތައް އަތުލާށެވެ. އެކަން ވަރަށް ރަގަޅަށް ސަރުކާރުން ވަނީ ކޮށްފައެވެ. ސަރުކާރުގެ އިސްވެރިން ބުނާގޮތުން މިހާރު ކައުންސިލްތައް ވަނީ "ސައިޒު" ކުރެވިފައެވެ.

ސަރުކާރުން ސިފަކުރާ ގޮތުގައި ރައްޔިތުން ހޮވާފައިވާ ކައުންސިލްތަކަކީ މިހާރު ބޭކާރު ބައެކެވެ. އެކަން ދެއްކޭތޯ ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. ދަޢުވަތެއް ފޮނުވިކަމުގައި ވިޔަސް ނުވަތަ ސިޓީއެއް ފޮނުވި ކަމުގައި ވިޔަސް އެކަން ދަނީ ހާމަވަމުންނެވެ.

އެގޮތުން މިއަދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑޫ އަށް ވަޑައިގަންނަވާތީ އެކަން އައްޑޫ ސިޓީގެ މޭޔަރަށް އެންގުމަށް ފޮނުވި ސިޓީ އަކީ، ސަރުކާރުގެ އިޙްތިރާމްކުރުމުގެ ސިޔާސަތު ވަރަށް ރަގަޅަށް ހާމަވެގެން ދިޔަ ކަމެކެވެ. "ރެސްޕެކްޓް" ގެ ނަމުގައި ފަސްޓް ލޭޑީ ކިތަންމެ ކެމްޕޭނެއް ހިންގެވި ނަމަވެސް ސަރުކާރުގެ ޢަމަލުތައް ހުރީ އޭގެ އިދިކޮޅަށެވެ.

އައްޑޫ ރައްޔިތުން ވޯޓު ދީގެން ހޮވި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރަށް ފޮނުވި ސިޓީގައި ލިޔެފައިވަނީ ހަމައެކަނި "އަލްފާޟިލް އަބްދުﷲ ސޯދިޤް" އެވެ. ސަރުކާރުން ހިތްހަމަނުޖެހުނަސް ސޯބެ އަކީ އައްޑޫ ސިޓީގެ މޭޔަރެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް އެކަން ސަރުކާރުން ޤަބޫލުކުރަން ޖެހެއެވެ.

ކިތަންމެ ހިތްހަމަނުޖެހުނަސް ދައުރު ހަމަވަންދެން އައްޑޫގެ މޭޔަރަކީ ހަމަ ސޯބެއެވެ. އެކަން ސަރުކާރުން ހަޖަމް ކުރަން ޖެހެއެވެ. ރައްޔިތުން އިންތިޙާބްކޮށްފައި ތިބޭ ފަރާތްތަކަށް އިހްތިރާމް ނުކުރުމަކީ، ރައްޔިތުންނަށް ކުރެވޭ ގޯނާއެކެވެ.