Last Updated: April 20, 10:54
Saturday, April 20, 2024
ރިޕޯޓް

އައިޓީ ޕާކް ވަޢުދަށް 813 ދުވަސް!

ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން އައްޑޫގެ ޒުވާނުންގެ މެދުގައި އެންމެ މަޤުބޫލު ކަމެއް ލިބިގެންދިޔައީ އައިޓީ ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވަޢުދަށެވެ.

ވަކިން ޚާއްސަ ގޮތެއްގައި އައްޑޫ ޒުވާނުންގެ ތެރެއިން އައިޓީގެ ރޮނގުން ކުރިއަށް ދާން ބޭނުންވެފައި ތިބި ޒުވާނުން އެދުވަހު ތިބީ ހެވި ދިއްލިފައެވެ. ނަމަވެސް ރައީސް ޔާމީން އެ ވަޢުދު ވެވަޑައިގެންނެވި ފަހުން 813 ދުވަސް ވެގެން ދާއިރު، ]އަދިވެސް އައިޓީ ޕާކެއް ޤާއިމްކުރުމާއި ބެހޭ ގޮތުން އެއްވެސް މަސައްކަތެއް އައްޑޫ ސިޓީގައި ކުރެވިފަައެއް ނުވެއެވެ.

އައްޑޫގެ ޒުވާނުން ބުނާގޮތުގައި އައިޓީ ޕާކު ޤާއިމްކުރުމާއި ބެހޭ ގޮތުން މައުލޫމާތު އެނގޭ ޕީޕީއެމްގެ މަޖިލިސްް މެންބަރެއް އަދި އެކްޓިވިސްޓެއް ވެސް ނެތެވެ.

" ފޭދޫ ދާއިރާގެ މެންބަރު އައިބީ ވެސް ބުނީ އެކަން ކުރާނެއޭ، އެކަމަކު ކުރަނީ ކިހިނެތް ކަމެއް. އޭނާ އަކަށް ވެސް ނޭނގޭ. ރައީސް ޔާމީން އަށް އެ ސުވާލު އަހާލަން ބޭނުންވޭ ވަރަށް" ޒުވާނަކު ބުންޏެވެ

2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް ޒުވާނުންނަށް ހާއްސަކޮށްގެން އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީ ކުރައްވާނެކަމަށެވެ. އަދި އެކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމުގައި ވެސް އޭރު ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އައްޑޫއަށް ބަލާއިރު، އަމިއްލަ އަށް ވެބްސައިޓް ހަދާ ޒުވާނުންނާއި ތަފާތު އެކި ޕްރޮގްރާމްތައް އަމިއްލައަށް ޑެވަލޮޕް ކުރާ އެތައް ޒުވާނުންނެއް އެބަ ތިއްބެވެ. އެމީހުން ބުނާގޮތުގައި ކުރިއަށް ދާނެ ފުރުސަތުތަކެއް ތަނަވަސް ވެފައި ނެތުމަކީ އެމީހުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

" އައިޓީ ޕާކުގެ ވަޢުދަށް ވީ ގޮތެއް ސާފުކޮށް ކިޔާދޭން އެބަޖެހޭ. އެއީ ޒުވާނުން ވަރަށް އެދޭ ކަމެއް " ހިތަދޫ ޒުވާނަކު ބުންޏެވެ.

މި ސަރުކާރަކީ، ޒުވާނުންގެ ސަރުކާރެކެވެ. އެހެން ކަމުން ޒުވާނުންގެ އަޑު އަހައިގެން ރައީސް ޔާމީން ވެސް ވީ އެންމެ އަވަހަކަށް އައްޑޫގައި ޤާއިމްކޮށްދެއްވާނެ ކަމަށް ބުނި އައިޓީ ޕާކަށް ވެގެން އުޅޭ ގޮތެއް ރައްޔިތުންނަށް ސާފުކޮށްދެއްވަން އެބަޖެހެއެވެ.