Last Updated: April 25, 18:10
Thursday, April 25, 2024
ކޮލަމް

އަހަނެ ބޮލު މަންތެން ލައިފައި އަހަންނަގެ ހާލެ ނުބަލައި ރައީސް ޔާމީން ގެޔައު އައްޑޫ އަން މެޗާ ބަލަންނަން

ގދ.ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ހުވަދޫ ވީކްލީ

ގދ. ތިނަދޫ ރައްޔިތުން މިވަގުތު އުޅެމުންދާ ހާލު ވަޒަންކުރުމަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފަސޭހަކަމެއް ނޫނެވެ. ތިމާގެ ގެއިން އެންމެ ގަޑިއިރަކަށް ކަރަންޓު ދިޔަ ނަމަވެސް އެއަންނަ ރުޅި އާއި ކުރެވޭ އިޙްސާސް މިއަދު ތިނަދޫގެ ރައްޔިތުން ކުރަމުން ގެންދާތާ މިއަދަށް މިއީ 3 ވަނަ ދުވަހެވެ.

ތިނަދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މުޅި އެރަށުން ކަރަންޓު ކެނޑިގެން ގޮސްފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ތިނަދޫއަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން ބުނާ ގޮތުގައި އެރަށަށް އަލުން ކަރަންޓުގެ ޚިދުމަތް ދެވޭ ވަރު ވާނީ، ހޮނިހިރު ދުވަހުއެވެ.

ތިނަދޫއަށް އަލުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަމުން ދިޔަ ނަމަވެސް މިއަދަކީ ތިނަދޫގެ ރައްޔިތުންގެ ހިތްތަކަށް އެހާ ފަސޭހަ ދުވަހެއް ނޫނެވެ.

ތިނަދޫގެ ރައްޔިތުން ހާލުގައި ޖެހުމުން އެކަމަށް އަވަސް ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވި ރައީސް ޔާމީން މިއަދު ތިނަދޫގެ ރައްޔިތުންގެ ބޯމަތިން 'މޯލްޑިވިއަން'ގެ ފްލައިޓެއްގައި އުދުހިފައި އައްޑޫއަށް ދިޔުމަކީ ތިނަދޫގެ ރައްޔިތުން އިތުރަށް ހިތްދަތި ކުރުވި ކަމެކެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ރަސްމީ މަސައްކަތްތައް މަޑު ޖައްސާލުމަށް ފަހު ފުޓްބޯޅަ މެޗެއް ބައްލަވަން އައްޑޫ އަށް ވަޑައިގެންނެވި ގޮތަށް ހާލުގައި ޖެހިފައި ތިބި ތިނަދޫގެ ރައްޔިތުންގެ ހާލު ބައްލަވަން ވަޑައިނުގަތުމަކީ، ހާލުގައި ޖެހިފައިވާ ރައްޔިތުންގެ އިހްސާސްތައް އެމަނިކުފާނަށް އެނގިވަޑައިނުގަންނެވުން ކަމަށް ތިނަދޫ ރައްޔިތުން ޤަބޫލުކުރެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ތިނަދޫގެ ބައެއް ރައްޔިތުން ބުނާގޮތުގައި އެމީހުންގެ ހާލު ބަލަން ވަޑައިނުގަންނަވައި އައްޑޫއަށް ފުޓްބޯޅަ މެޗެއް ބައްލަވަން ރައީސް ވަޑައިގެންނެވުމަކީ، އެމީހުންގެ ހިތުގައި ޖެހުނު ކަމެކެވެ. އަސަރުތަކެއް ކުރުވި ކަމެކެވެ.

ޤައުމެއްގައި ހިނގާ ހުރިހާ ކަމެއް ބެއްލެވުމަށް އެތަނަކަށް ރައީސް އަށް ވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް، ތިނަދޫ މަތިން އުދުހިލާފައި މަތިންދާ ބޯޓެއްގައި ރައީސް ޔާމީން ދަތުރުކުރެއްވި އިރު އެރަަށަށް ވަޑައިނުގެންނެވި ކަމެވެ. މަތިންދާ ބޯޓުގައި އިންނަވައިގެން ތިނަދޫއަށް އެމަނިކުފާނު ނުބައްލަވާ ކަމެއް ނޭނގެއެވެ.

ތިނަދޫ ރައްޔިތުން ބުނާގޮތުގައި އެމީހުން އަބަދުވެސް ދައްކާނެ ވާހަކައެއް އޮންނާނެ އެވެ.

" އަހަނެ ބޮލު މަންތެން ލައިފައި އަހަންނަގެ ހާލެ ނުބަލައި ރައީސް ޔާމީން ގެޔައު އައްޑޫ އަން މެޗާ ބަލަންނަން"