Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރަންދިހަފަހެއް ގެ 500 ރުފިޔާގެ ނޫޓުތައް ތަފާތު ސައިޒުތަކުގައި!

މީގެ 33 އަހަރު ކުރިން ނެރުނު ދިވެހި ފައިސާގެ ބަދަލުގައި އެމްއެމްއޭ އިން "ރަން ދިހަ ފަހެއް"ގެ ނަމުން ތައްޔާރުކުރި އާ ނޫޓު ތަޢާރަފްކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، އެ ނޫޓް ސީރީޒްގައި ހިމެނޭ ފަސްސަތޭކަ ރުފިޔާގެ ނޫޓަށެވެ.

500ރ.ގެ ނޫޓުގައި "ފައްސަތޭކަ" ލިޔެފައިވުމާއި ގުޅިގެން ގިނަ ބައެއް ފާޑުކިޔުންތައް އެމްއެމްއޭ އަށް އަމާޒުވެގެން ދިޔައެވެ. ނަމަވެސް އެމްއެމްއޭ އިން އޭގެ ރައްދުގައި ބުނެފައިވަނީ ، "ފައްސަތޭކަ" ލިޔެފައިވަނީ ކުށަކުން ނޫން ކަމަށާއި އެއީ އެނގިހުރެ ނިންމި ނިންމުމެއް ކަމަށެވެ.

"ފައްސަތޭކަ" ރުފިޔާގެ ބަހުސް ވަރަށް ވަރުގަދަ އަށް ކުރެވުމަށް ފަހު މިހާރު އަނެއްކާ ވެސް މިވަނީ، 500 ރުފިޔާގެ ނޫޓުގެ މައްސަލައެއް ފެންމަތިވެފައެވެ. މިފަހަރު ދިމާވެފައިވަނީ، ފަސް ސަތޭކަ ރުފިޔާގެ ނޫޓުތަކުގެ ސައިޒު ތަކުގެ މައްސަލައެކެވެ.
12553058_10153983753432160_2668529082952323948_n
އައްޑޫ ސިޓީ، ހިތަދޫގައި ހުރި އޭޓީއެމް އަކުން މިއަދު ހެނދުނު އެރަށު މީހަކު ނެގި ފަސްސަތޭކަ ރުފިޔާގެ ނޫޓުތަކުގެ ތެރެއިން 1 ނޫޓުގެ ސައިޒު ކުޑައެވެ.

އޭޓީއެމް ތެރޭގައި ހުރެ އޭނާ ނެގި ފޮޓޯތައް ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު އެ ފޮޓޯތަކުން ފެންނައިރު ފަސްސަތޭކަ ރުފިޔާގެ އެ ނޫޓު އެހެން ނޫޓުތަކާއި ބަލާއިރު ސައިޒުގެ ގޮތުން ތަފާތެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އޭނާ ބުނިގޮތުގައި، ފައިސާ ނެގުމަށް ފަހު ގުނާލިއިރު އެއް ނޫޓު ތަންކޮޅެއް ކުޑަހެން ހީވެގެން ބަލާލި ކަމަށާއި ފުރަތަމަ ހީކުރީ އެއީ ފޭކް ނޫޓެއް ކަމަށެވެ. ނަމަވެސް ސައިޒު ތަފާތުވުން ފިޔަވައި 2 ނޫޓުގެ ވެސް ހުރިހާ ސެކިއުރިޓީ ފީޗާތަކެއް ވެސް އެއްގޮތް ކަމަށް އޭނާ ބުންޏެވެ.

" ފުރަތަމަ ހީކުރީ ފޭކް ނޫޓެއް ކަމަށް، ސެކިއުރިޓީ ފީޗާސްތައް އެއްގޮތް. ހަމައެކަނި ސައިޒުގައި ތަފާތުތަކެއް ހުރީ. "

12596487_10153983759457160_1561778468_n