Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

"ރަންދިހަފަހެއް" ސީރީޒްގެ 'ފައްސަތޭކަ' ރުފިޔާގެ ވަގު ނޫޓެއް ފެނިއްޖެ!

ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން ފެނުނު 500 ރުފިޔާގެ ވަގު ނޫޓް. ފޮޓޯ: ކިޔުންތެރިއެއް

މިމަހުގެ 26 ވަނަ ދުވަހު ބޭނުންކުރަން ފެށި ދިވެހި ފައިސާގެ އާ ނޫޓް ސީރީޒް "ރަންދިހަފަހެއް"ގައި ހިމެނޭ 500 ރުފިޔާގެ ވަގު ނޫޓެއް އަތުލައިގެންފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 500 ރުފިޔާގެ ވަގު ނޫޓު ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިންނެވެ. އަދި މި ނޫޓު މިވަގުތު އޮތީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް ވެއެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން ފެނުނު 500 ރުފިޔާގެ ވަގު ނޫޓް. ފޮޓޯ: ކިޔުންތެރިއެއް
ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން ފެނުނު 500 ރުފިޔާގެ ވަގު ނޫޓް. ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން، 500 ރުފިޔާގެ ވަގު ނޫޓު ފެނުނު މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގައި ހިމެނޭ 10 ރުފިޔާގެ ނޫޓެއްގެ ކުލަ ދުއްވާލުމަށް ފަހު އޭގެ މައްޗަށް ޕްރިންޓްކޮށްފައިވާ ނޫޓެއް ކަމަށެވެ.

ރަންދިހަ ފަހެއް ސީރީޒްގައި ހިމެނޭ ކޮންމެ ނޫޓެއްގައި ވެސް ހިމަނާފައިވާ ކްލިއަރ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަން ހުރެއެވެ. އެހެން ނަމަވެސް ރޭ ފެނުނު 500 ރުފިޔާގެ ވަގު ނޫޓުގައި ހުރި ކްލިއާރ ވިންޑޯއިން ބެލުމުން ފެންނަން ހުރީ 10 ރުފިޔާ ކަމަށް އެ ނޫޓު ފެނުނު ފަރާތްތަކުން ބުނެއެވެ.

ރަންދިހަ ފަހެއް ސީރީޒް ނޫޓުގައި ހުންނަ ކްލިއަރ ވިންޑޯ އާއި ބެހޭ މައުލޫމާތު.
ރަންދިހަ ފަހެއް ސީރީޒް ނޫޓުގައި ހުންނަ ކްލިއަރ ވިންޑޯ އާއި ބެހޭ މައުލޫމާތު.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 500 ރުފިޔާގެ ވަގު ނޫޓާއި ބެހޭގޮތުން މިހާތަނަށް އެމްއެމްއޭ އިން ރަސްމީ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެމްޓީސީސީ މުވައްޒަފަކު ބުނި ގޮތުގައި، އެ ނޫޓަކީ 10 ރުފިޔާގެ ނޫޓެއް "ވޮޝް ކޮށްލުމަށް ފަހު" ޕްރިންޓްކޮށްފައިވާ ނޫޓެއް ކަމަށެވެ.

"އެ ނޫޓުގައި ހުރި ޓްރާންސްޕޭރެންޓް ބައިން ފެންނަ ކަމަށް ވަނީ، 10 އެއް. އެހެންވީމާ، އެއީ ހަމަ 10 ރުފިޔާގެ އެއްޗެއް."

ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް 500 ރުފިޔާގެ ވަގު ނޫޓާއި ބެހޭ ގޮތުން އެމްއެމްއޭގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.