Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ހިތަދޫގެ މަގުތައް ނެހެދިގެން އިހުތިޖާޖުކޮށްފި

ސ.ހިތަދޫގެ މަގުތައް ނުހެދި ލަސްވަމުންދާތީ ޓެކްސީ ޑްރައިވަރުން ހިތަދޫގައި ހުންނަަ އެމްއާރްޑީސީގެ އޮފީސް ކުރިމަތީގައި މިއަދު ހެނދުނު އިޙްތިޖާޖްކޮށްފި އެވެ.

ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވެ ކުރި މި އިޙްތިޖާޖްގެ ބައިވެރިންނާއި އެމްއާރްޑީސީގެ ވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

އިހްތިޖާޖްގައި ބައިވެރިވި ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި އެމްއާރްޑީސީގެ ވެރިން ތިއްބެވީ މިވަގުތު ވެސް މަގު ހެދުމުގެ މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި ނަމަވެސް އެބޭފުޅުންނަށް މަސައްކަތް ފެށޭނީ ސިޓީ ކައުންސިލްގެ ފަރާތުން ރިކުއެސްޓް ކުރެއްވުމުން ކަމަށެވެ.

"އެމްއާރްޑީސީގެ ފަރާތުން އެ ތިއްބެވީ މަގު ހެދުމަށް ތައްޔާރަށް.ނަމަވެސް ސިޓީ ކައުންސިލުން ރިކުއެސްޓް ކުރެއްވީމަ އޭ އެކަން ވާނީ " ޓެކްސީ ޑްރައިވަރު ބުންޏެވެ.

އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަގުތަކުގެ މައްސަލައިގައި ޓެކްސީ ޑްރައިވަރުން ކައުންސިލާ ބައްދަލު ކުރުމުން މަގު ހެދުމަށް އެމްއާރްޑީސީ އަށް ރިކުއެސްޓް ފޮނުވާފައިވާ ކަމަށް ބުނެ ސިޓީ ކައުންސިލުން އޮޅުވާލާފައިވާ ކަމަށާއި މިކަން ފަޅާއެރީ މިކަމާއި ގުޅޭ ގޮތުން ޓެކްސީ ޑްރައިވަރުން މިއަދު އެމްއާރްޑީސީގެ ވެރިންނާއި އެކު ކައުންސިލަށް ގޮސް ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާގޮތުގައި ކައުންސިލުން ވަނީ މަގު ހެދުމަށްޓަކައި ފޮނުވަންޖެހޭ ރިކުއެސްޓްތައް އެމްއާރޑީސީ އަށް ފޮނުވުމަށް އެއްބަސްވެފައެވެ.ނަމަވެސް މިކަމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކައުންސިލަރުން ފޯނަށް ޖަވާބު ނުދެއްވާތީ ސާފުވާގޮތް ވަނީ ނުވެފައެވެ.