Last Updated: April 18, 11:00
Thursday, April 18, 2024
ޚަބަރު

އައްޑޫގައި ސްޕެއިންގެ ފުޓްބޯޅަ އެކަޑެމީއެއް ހަދަނީ

ހިތަދޫގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ބެންޖޯ އާއި ބޮންޑާ ކުޅެނީ

އައްޑޫ ސިޓީގައި ފުޓްބޯޅަ އެކަޑަމީއެއް ހެދުމަށް ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ އެކަޑަމީ ނެކްސްޓް ޖެނެރޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުން ކުރިއަށް ގެންދަވާ މި މަޝްރޫއުގެ ދަށުން ފުޓްބޯޅަ އެކެޑަމީ ހެދުމަށް ސޮއިކޮށްފައި ވާ ނެކްސްޓް ޖެނެރޭޝަން އަކީ ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ކްލަބްތައް ކަމަށްވާ އަދި ޒުވާން ގިނަ ކުޅުންތެރިން ނެރެފައިވާ ވެލެންސިއާ އާއި ވިޔަރެއާލް އަދި ލެވަންޓޭގެ އެކަޑަމީ ހިންގާ ފަރާތެވެ.

މިވަގުތު ސްޕެއިންގައި ހުންނެވި މަރޭ ވިދާޅުވީ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާއި ސްކޫލްތަކާ ވާހަކަ ދައްކައިގެން އެ ފަރާތްތަކުގެ އެހީ މިކަމަށް ބޭނުންވާ ކަމަށެވެ.

“މިކަން ކުރަން ސްޕޮންސަރުންގެ އެހީ ބޭނުންވޭ. އެގޮތުން އައްޑޫގެ ވިޔަފާރިވެރިން އަޅުގަނޑާ އެކު އެއްބައިވެ މިކަމަށް އެހީވާނެ ކަމަށް އުއްމީދު ކުރަން. މީގެ އިތުރުން ސަރުކާރާއި ސްކޫލްތައް އަދި ކައުންސިލްގެ އެހީ ބޭނުންވޭ،” މަރޭ ވިދާޅުވި އެވެ.

މި އެކަޑަމީގެ ރަނގަޅު ފެންވަރުގެ ކުޅުންތެރިންނަށް ލެވަންޓޭ އާއި ވެލެންސިއާ އަދި ވިޔަރެއާލުގެ އެކަޑަމީން ފުރުސަތު ހޯދައިދޭނެ ކަމަށާއި އަދި އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ދަށުން ދިވެހި ކޯޗުންނަށް ވެސް ސްޕެއިނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ހޯދައި ދޭނެ ކަމަށް ވެސް ސ.ފޭދޫ އަށް އުފަން މަރޭ ވިދާޅުވިއެވެ.