Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

ހެރަތެރެ ފުރަތަމަ ފަހަރަށް 100 ޕަސެންޓަށް

ހެރަތެރަ ރިސޯޓް ހިންގަން ފެށި ފަހުން ފުރަތަމަ ފަހަރަށް، އެ ރިސޯޓްގެ އޮކިއުޕަންސީ 100 ޕަސެންޓަށް އަރައި މުޅި ރިސޯޓް ފުލްވެއްޖެ އެވެ.

ހެރެތެރެ ރިސޯޓްގެ ރިޒަވޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ މުވައްޒަފަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނީ އަންނަ މަހުގެ ނިޔަލަށް ރިސޯޓް ފުލްވެފައިވާ ކަމަށެވެ.

"ޑެންމާކުން އަންނަ ފްލައިޓްތައް ވެސް ފުލްކޮށް މިހާރު އަންނަނީ. އަދި ހަމަ އެއާ އެކު، މޯލްޑިވިއަން ތުރޫކޮށް އަންނަ ޓޫރިސްޓުންގެ އަދަދު ކުރިއާ ހިލާފަށް ވަރަށް ބޮޑަށް އިތުރުވެއްޖެ،" ދައްޔާން ވިދާޅުވި އެވެ. "މޯލްޑިވިއަނުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ސަޕޯޓެއް އެބަ ލިބޭ މިހާރު. ހާއްސަކޮށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަބްދުލްހާރިސްގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް، ވަރަށް ބޮޑަށް ލިބެމުން އަންނަނީ." ހަވީރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ސިންގަޕޫރުގެ ކެނަރީޒް ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިސޯޓްގެ ޖެނެރަލް މެނޭޖަރު މޫސާދީދީ (ދައްޔާން) ވިދާޅުވިއެވެ.

މޫސާދީދީ އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އެޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ ނިއު ދިއްލީން ގަމަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް ބާއްވަން ވެސް މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"އެކަން ވެސް ވަރަށް ޕޮޒިޓިވްކޮށް ދަނީ. އެހެންވެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް އެޕްރީލްގެ ތެރޭގައި އެ ދަތުރުތައް ފެށިގެން ދާނެ ކަމަށް،" ދައްޔާން ވިދާޅުވި އެވެ. "އޭރުން އިންޑިއާ އިން އަންނަ ޓޫރިސްޓުން ވެސް އިތުރުވެގެން ދާނެ. މިހާރު ވެސް އޭޝިއާ ސަރަހައްދަށް ބަލާ އިރު، ޗައިނާ ޓޫރިސްޓުން ވަރަށް ގިނަ ހެރަތެރަ އަށް އަންނަލެއް."

ކުރިން އަބަދު މައްސަލަގަނޑެއްގެ ތެރޭގައި އޮންނަ ކަމަށް މަޝްހޫރު ވެފައިވާ ހެރަތެރަ ރިސޯޓް ސިންގަޕޫރުގެ ކެނަރީޒުން ހިންގަން ފެށީ މިދިޔަ އަހަރު ކުރީކޮޅު އެވެ.