Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

އަހަރެމެންގެ ހާލަތު

ތޫނު އެއްޗެހިން ދިން ހަމަލާއެއްގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ: ފޮޓޯ: ފޭސްބުކް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް މިވަނީ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.ސިޔާސީ ބޭފުޅުން ހައްޔަރު ކުރުމުގެ "ކުޅިވަރު" ފެށިގެން ކުރިއަށް ދާއިރު އެއްބަޔަކަށް އެބޭފުޅުން ހައްޔަރު ކުރުން ވަނީ "ސިޔާސީ" ކަމަކަށެވެ.

ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ކުރެވޭނީ ވެސް ސިޔާސީ ދައުވާ ތަކެކެވެ.އަޅުގަނޑު ޤަބޫލުކުރަނީ އެހެންނެވެ.މިހެން ބުނުމުން އެއްބަޔަކަށް އަޅުގަނޑަކީ ބަތަލަކަށް ވެދާނެއެވެ. އަނެއް ބަޔަކަށް އަޅުގަނޑަކީ މޮޔައަކަށް ވެދާނެއެވެ.މައްސަލައެއް ނެތެވެ. އެކަމާއި އަޅުގަނޑު ފަރުވާލެއް ނުބަހައްޓާނަމެވެ. އަޅުގަނޑު ބޭނުން މިކުރަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމެވެ.

"ވަޅި ހަރައިގެން ޒަހަމްވި ޒުވާނާ މަރުވެއްޖެ"، "ކުރީގެ ރައީސް ނަޝީދް ހައްޔަރުކޮށްފި" ، "ކުރީގެ ޑިފެންސް މިނިސްޓަރ ހައްޔަރުކޮށްފި " ، މިއީ ނޫހަކުން އަޅުގަނޑު ނަގާފައިވާ 3 ސުރުޚީއެކެވެ.ވަޅި ހަރައިގެން ޒަޚަމްވި ޒުވާނާ މަރުވުމަކީ އޭނާގެ އާއިލާއަށް ލިބުނު ހާދަ ބޮޑު ހިއްދަތިކަމެއް ތޯ އެވެ ؟ ނާޒިމް ހައްޔަރުކުރުމުން އެބޭފުޅާގެ އާއިލާގެ މީހުންވެސް ހިތާމަކުރާނެ ކަން ކަށަވަރެވެ. އަދި ރައީސް ނަޝީދު ހައްޔަރުކޮށްގެން ގެންދިއުމަކީ އެބޭފުޅާގެ އާއިލާގެ މީހުންވެސް ހިތާމަ ކުރާނެ ކަމެއް ނޫންތޯއެވެ ؟ އަޅުގަނޑުގެ ގޮވާލުމަކީ ނަޝީދު ވެސް ދޫކޮށްލުމެވެ. އަދި މާރާމާރީގައި މަރާލި ޒުވާނާގެ ޤާތިލުންނަށް ހޯދައި އެމީހުންނަށް ޙައްޤު އަދަބު ދިނުމެވެ.ނާޒިމް ވެސް ވީ އެންމެ އަވަހަކަށް ދޫކޮށްލުމެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން މާލޭގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ. ރައްޔިތުން ސަރުކާރާއި މެދު އެމީހުންެގެ ހިތުގައި އޮތް ރުޅިވެރިކަން ފާޅުކުރުމަށް ރޭ ވެސް ވަރަށް ދަންވަރު 1 ޖެހި ފަހުންވެސް މުޒާހަރާކޮށްފައިވެއެވެ. ސިޔާސީ ލީޑަރުން ވެސް ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލާފައެވެ.އެބޭފުޅުން ދެއްކެވި ވާހަކައިގައި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާފައިވެއެވެ. ސަރުކާރުން ވައްޓާލާނެ ކަމަށާއި މިހެންގޮސް އެތައް ވާހަކައެކެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ޒުވާނާގެ ވާހަކަ މުޒާހަރާ ކުރާ މީހުންނަށް މުހިއްމު ނުވީތޯ އެވެ.ގެއްލިގެން ދިޔައީ އިންސާނެއްގެ ފުރާނައެކެވެ. އާއިލާއަކަށް ގެއްލިގެން އެދިޔައީ ބޭބެ އެކެވެ.ކޮއްކޮ އެކެވެ. މުޒާހަރާ ކުރާމީހުން އެކަންޏެއް ނޫނެވެ. އަހަރުމެން މުޅި ޤައުމުގެ އެންމެން މިކަމުގައި ލަދުވެތިވާން އެބަ ޖެހެއެވެ. އަހަރުމެންނަށް މީހެއްގެ ފުރާނަ ދުއްވާލުން އެހާ ބޮޑު ކަމަކަށް ނުވަނީ ހެއްޔެވެ ؟

ޓީވީ ތަކުން ފެންނަނީ "ސިޔާސީ ލީޑަރުން ހައްޔަރުކުރުން" ނުވަތަ "ޤާނޫނު އަސާސީ ޙިމާޔަތްކުރުން" މިފަދަ މައުޟޫތަކަށް ބޭފުޅުން ވާހަަކަ ދައްކަވާ ތަނެވެ. އަޅުގަނޑު ލަދުވެތި ވަމެވެ. އިންސާނެއްގެ ފުރާނަ ދުއްވާލުމުން އެކަމާއި ކަންބޮޑުވުމެއް ނުވަަތަ އަޅާލުމެއް ނުބަހައްޓަވާ ވެރިކަމާއި ތޮޅޭ ސިޔާސީ ލީޑަރުންގެ ފަހަތުގައި އަޅުގަނޑުމެންގެ ރައްޔިތުން ތިބޭތީއެވެ.

ދަންނަވަންތޯ އެވެ. އިންސާނެއްގެ ފުރާނައަކީ ހާދަހާ މަތިވެރިވެގެންވާ އެއްޗެކެވެ. މިޤައުމުގެ މަގުތައް މަތީގައި އަމާންކަމާއި އެކު އުޅޭވޭނެ މަގު ހޯދަން މަސައްކަތް ނުކޮށް ކޮން ބޭނުމަކު ހިމާޔަތްކުރާ ޤާނޫނު އަސާސީއެއް ހެއްޔެވެ ؟

ޤައުމުގެ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުން އަޅުގަނޑުގެ ނަޒަރުގައި މާ ބޭނުންތެރިއެވެ. ތިބޭފުޅުންގެ ހިޔާލަކީ ކޮބައިތޯ އެވެ ؟