Last Updated: April 25, 18:10
Thursday, April 25, 2024
ރިޕޯޓް

ޝަރީފުގެ "ލޮނު މަޑުވެއްޖެ"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. ފޮޓޯ: ހަވީރު

މަރަދޫ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފްގެ "ލޮނު މަޑުވެއްޖެ" ކަމަށް ބުނެ ދާއިރާގެ އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ރައީސް ނަޝީދު ހައްޔަރު ކުރި މައްސަލައިގައި ޝަރީފް މާ މަޑުން ހުންނަވާ ކަމަށް ބުނެ އެދާއިރާގެ އެމްޑީޕީ މެންބަރުން ދަނީ ސޯޝަލް މީޑިޔާގައި ޝުއޫރުފާޅުކުރަމުންނެވެ. މިގޮތުން ބައެއް މީހުން ދަނީ ޝަރީފްގެ ފަރާތުން ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން މާ ބޮޑު ކަންބޮޑުވުމެއް ފެނިވަޑައިނުގަންނަވާތީ ޝަރީފުގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފައްދަމުންނެވެ.

އެމްޑީޕީ އަށް ތާއީދު ކުރާ ގިނަ ބަޔަކު އުޅޭ އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ ރައްޔިތުން ރޭ ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އިހްތިޖާޖްކޮށްފައެވެ. މަރަދޫ ފޭދޫ ދިރާގު އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި އެހާ ގިނަ ބަޔަކު ބައިވެރި އެއް ނުވެއެވެ.

އައްޑޫ ލައިވަށް މައުލޫމާތު ދެމުން މަރަދޫގެ ޒުވާނަކު ބުނިގޮތުގައި މުޒާހަރާ ތަކަށް މީހުން ނުދަނީ ލީޑް ކުރާނެ މީހުން ނެތިގެން ކަމަށާއި މެންބަރު ޝަރީފް ވެސް ކޮބައިކަން ނޭނގޭ ކަމަށެވެ.

ރައީސް ނަޝީދް ދޫކޮށްލުމަށް ގޮވާލައި އައްޑޫ ސިޓީގައި ކުރި އިހްތިޖާޖް. ފޮޓޯ. ކިޔުންތެރިއެއް
ރައީސް ނަޝީދް ދޫކޮށްލުމަށް ގޮވާލައި އައްޑޫ ސިޓީގައި ކުރި އިހްތިޖާޖް. ފޮޓޯ. ކިޔުންތެރިއެއް

"އަޅުގަނޑުމެން މިތިބީ ރައީސް ނަޝީދު ދޫކުރަންދެން އިހްތިޖާޖްގައި އެކަމަކު އެބޭފުޅާ ޓްވީޓް މިކުރައްވަނީ.މިތަނަށް (މަރަދޫއަށް) އައިސް ހިންގަވާށޭ މުޒާހަރާ ކުރަން. ނޫނީ މާލޭގަ ވިޔަސް ޝުއޫރު ފާޅުކުރަން ގޮސްލަންވީ.އައްޑޫ މީހުންނަކީ އެހާ ފިނޑި ބައެއް ނޫން ހަމައެކަނި ޓްވީޓް ކުރަން. އަހަރުމެން އޭނާ ހޮވީ މަރަދޫ އެމްޑީޕީ ލީޑްކުރަން." މަރަދޫ އިން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.
ޝަރީފް ކުރައްވާފައިވާ ޓްވީޓް
ޝަރީފް ކުރައްވާފައިވާ ޓްވީޓް

މަރަދޫ އިން ވާހަކަ ދެއްކި އެމްޑީޕީ މެންބަރަކު ބުނިގޮތުގައި ރޭގެ އިހްތިޖާޖްގައި އެހާ ގިނަ ބަޔަކު ބައިވެރި ނުވީ އިންތިޒާމް ނުކުރެވުމުން ކަމަށާއި ގިނަ މީހުންނަށް މުޒާހަރާ އެއް އޮތް ކަން ނުވެސް އެނގޭ ކަމަށެވެ. 27 ވަނަ ދުވަހު އައްޑޫ ސިޓީ އެމްޑީޕީގެ އަސްލު ސައިޒް ސަރުކާރަށް ދައްކާލާނެ ކަމަށް އޭނާ ބުންޏެވެ.