Last Updated: March 28, 17:21
Thursday, March 28, 2024
މުނިފޫހިފިލުވުން

އަލީ އަށް އަނެއްކާ ވެސް ދަރިއެއް

ބޮލީވުޑްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ ޕާކިސްތާންގެ އެކްޓަރު އަދި ލަވަ ކިއުންތެރިޔާ އަލީ ޒަފަރަށް އަނެއްްކާ ވެސް ދަރިއަކު ލިބިއްޖެ އެވެ.

"ތެރެ ބިން ލާދިން" އިން 2010 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އަދި 2009 ގައި ކައިވެނި ކުރި އަލީ އަށް މި ފަހަރު ލިބުނީ އަންހެން ކުއްޖެކެވެ.

އޭނާގެ ކައިވެންޏަށް މީގެ ކުރިން ވަނީ ފިރިހެން ކުއްޖަލު ލިބިފަ އެވެ. އަޔެޝާ ފަޒްލީ އާ ކައިވެނިކޮށް، އަލީ އަށް ލިބުނު ފުރަތަމަ ދަރިފުޅު އަޒާންގެ އުމުރުން މިހާރު ހަތަރު އަހަރެވެ.

އަންހެން ކުއްޖަކު ލިބުނުކަން ޓްވިޓާ މެދުވެރިކޮށް އަލީ ވަނީ ފޭނުންނާ އުފާ ހިއްސާކޮށްފަ އެވެ.

"މި ފަހަރު އަންހެން ކުއްޖެއްގެ ބައްޕައަކަށް މިވީ. މިއީ ދެވަނަ ދަރިފުޅު،" އިއްޔެ އަންހެނުން ވިހެއުމާ ގުޅިގެން އަލީ ބުންޏެވެ.

Ali-Zafar-with-wife-Ayesha-Fazli

އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ދިޔައީ ރަންވީރު ސިންގާއި، ޕަރިނީތީ ޗޯޕްޅާ އަދި ގޯވިންދާ އާ އެކު "ކިލް ދިލް" އިންނެވެ.

އަލީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ކެޓްރީނާ ކެއިފާއި އިމްރާން ހާނާ އެކު ކުޅުނު "މެރީ ބްރަދާ ކީ ދުލްހަން" އާއި ޔަމީ ގޯތަމް އާ އެކު ކުޅުނު "ޓޯޓަލް ސިޔާޕާ" އަދި އަދިތީ ހައިދަރީ އާ އެކު ކުޅުނު "ލަންޑަން ޕެރިސް ނިއުޔޯކް" ހިމެނެ އެވެ.