Last Updated: April 25, 09:40
Thursday, April 25, 2024
މުނިފޫހިފިލުވުން

"ސިނގިރެޓް ބުއިން ހުއްޓާލާނަން"

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ގޯސް އާދައެއް ކަމަށާއި އެކަން އަމިއްލަ އަށް ވެސް ހުއްޓާލަން ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ބުނެފި އެވެ.

އޭނާ ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންވެ ދޭން އޮތް މެސެޖަކީ އެކަން ނުކުރުން ކަމަށް ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި އެކްޓަރު ބުންޏެވެ.

"އަހަރެން ބޭނުން ހުއްޓާލަން. އެކަމަކު އަދިވެސް އެކަން ނުވެގެން މިއުޅެނީ. އެކަމަކު ވަރަށް އަވަހަށް ހުއްޓާލާނަން،" ތިން ކުދިންގެ ބައްޕަ ބުންޏެވެ. "ބުނެލަން އޮތީ މިކަން ކުރާ އެހެން މީހުން ވެސް މިކަން ހުއްޓާލާށޭ. އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނޭ."

ޝާހްރުކް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައި ލާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެކަން ކަށީގައި ހިފާފައި ހުރިލެއް ބޮޑުކަމުން އެކަން ނުވެގެން އުޅެނީ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ފަދަ އާންމުން ރޯލުން މޮޑެލުންގެ ގޮތުގައި ބަލައި ގަންނަ ފަރާތްތަކުން ކުރާ ކަންތައްތައް ކޮޕީ ކުރުމަކީ ޒުވާނުންގެ އާދައެކެވެ.

އެހެންވެ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހީ ގޮތުން ގެއްލުން ހުރި ކަންކަން މަޝްހޫރު މީހުން "ޕްރޮމޯޓް" ނުކުރަން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް އިލްތިމާސް ކުރެ އެވެ.

އަދި ފިލްމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރުތައް ދެއްކުމަކީ އިންޑިއާގެ ސެންސަރު ބޯޑުން ވެސް ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ.