Last Updated: March 29, 18:55
Friday, March 29, 2024
ސިޔާސީ

ޕީޖީ ލޯ ކަނު، ކަންފަތް ބީރު: އަލްހާން

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

މިސަރުކާރުން ބިރުދައްކަމުންދާ ކަމަށާއި މަގުމައްޗަށް ނުކުތީ ނިކަން ކެރިގެން ކަމަށާ މިސަރުކާރުން ދައްކާ އެއްވެސް ބިރަކަށް ފަސްނުޖެހި ކުރިއަށްދާނެ ކަމަށާ ޕްރޮސެކިއުޓަރ ޖެނެރަލް އަކީ "ލޯކަނު ކަންފަތް" ބީރު ބޭފުޅެއް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މުޒާހަރާ އަކީ ޤައުމީ ޖިހާދެއް ކަމަށް ފާހަގަ ކުރައްވަމުން އަލްހާން ވިދާޅުވީ މަޑުމައިތިރި ކަމާއެކު ގޭގައި ނުހުރެވިގެން ނިކުންނަން މިޖެހުނީ ދިވެހި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އަދި މިޤައުމުގެ އެންމެގިނަ ރައްޔިތުން އެބޭފުޅެއްގެ ފަހަތުގައި ތިއްބެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޯމާދުވާލު މެންދުރު ގަޑީގައި އެންމެންގެ ލޯ ކުރިމަތީގައި ދަމާހަލާފަ ގެންގޮސް ހަވަރަށްދިން މަންޒަރު ފެނުމުން އެކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ލިބިދީފައިވާ ހައްގުތަކާއި ހިމާޔަތާ އަދި ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަން ނޭނގޭ އެއްވެސް ރައްޔިތަކު މިޤައުމުގައި މިއަދު ނުހުންނާނެ ކަން ސަރުކާރަށް ހަނދާންކޮށްދެއްވާ ކަމަށެވެ.

އެހެންނަމަވެސް އަލްހާން ވިދާޅުވީ ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ބައިނަލް އަޤްވާމީ ގޮތުންނާއި އަދި ޤައުމީ ނިސްބަތުން އެންމެމަތީ ދަރަޖައެއް ދީފައިވަނީ ކީއްވެގެން ކަން މިސަރުކާރަށް ނޭނގޭ ކަމަށެވެ.

މުޒާހަރާގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ ތެރޭގައި ފުލުހުން އެމަނިކުފާނަށް އަނިޔާކޮށް ގަމީސް ކޮޅަށް ދަމާ ގަމީސްކޮޅުގެ ގޮށްތައް އުފުރާލާ އެމަނިކުފާނު ބިންމައްޗަށް ވައްޓާލާ އަނިޔާކުރި މައްސަލަ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.