Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

"ދެކުނު މަހާސިންތާ" ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބާއްވާ "ދެކުނު މަހާސިންތާ" މިއަދު ފުވައްމުލަކުގައި ފަށައިފި އެވެ.

ފުވައްމުލަކާއި އައްޑޫގެ އިތުރުން ގދ. އަތޮޅާއި ގއ. ގެ ކައުންސިލްތައް ބައިވެރިވާ މި މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމައިފަ އެވެ.

"ދެކުނު މަހާސިންތާ" ގެ ޝަރަފުވެރި މެހުމާނަކީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

jh (1)

* މަހާސިންތާގެ އެޖެންޑާ:

* ގުރުއާންގެ ބަރަކާތުން ފެއްޓުން (އަލްހާފިޒް އަބްދުﷲ މުފީދް)

* ބައްދަލުވުމުގެ ތައާރަފް: އަހުމަދު މުހައްމަދު

* ގއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުސައިން އާދަމް (ރައީސް) ވާހަކަފުޅު ދެއްކެވުން

* ގދ. އަތޮޅު ކައުންސިލްގެ ފަރާތުން އަހުމަދު ފަހުމީ (ރައީސް) ވާހަކަފުޅު ދެއްކެވުން

* އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އަބްދުﷲ ސޯދިގް (މޭޔަރު) ވާހަކަ ދެއްކެވުން

* ޏ. އަތޮޅު ކައުންސިލްގެ ފަރާތުން އަބްދުﷲ ފަލާހް (ރައީސް) ވާހަކަ ދެއްކެވުން

* ގައުމީ ސަލާން

jh (2)

މި މަހާސިންތާއަކީ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލަރުން އެއްތަންވެ ޑިސެމްބަރު 21، 2014 ގައި އައްޑޫގައި ބޭއްވި ބައްދަލުވުމުގައި އަހަރަކު އެއް ފަހަރު މިފަދަ ބައްދަލުވުންތަކެއް ބާއްވަން ވެސް ނިންމުމާ ގުޅިގެން ބާއްވާ ފުރަތަމަ މަހާސިންތާ އެވެ.

އަދި ލާމަރުކަޒީ ގާނޫނު ހިމާޔަތްކޮށް، ދަމަހައްޓައި އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ކުރަން ވެސް ނިންމުމ ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.

އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެމްއޯޔޫގައި ސޮއި ކުރާނީ ފެބްރުއަރީ 26، 2015 ގައި ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ރިޔާސަތު ބެލެހެއްޓި އެ ބައްދަލުވުމުގައި މައިގަނޑު ހަ ކަމެއްގެ މައްޗަށް ކައުންސިލަރުން ވަނީ އެއްބަސްވުމަކަށް ވަޑައިގެންފަ އެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ލާމަރުކަޒީ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައިވާ ގޮތަށް، އޭގެ ހަގީގީ މަފުހޫމް ނުގެއްލޭ ގޮތަށް އިސްލާހު ކުރުމަށް މި ކައުންސިލްތަކަށް ފެންނަ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހެޅުމެވެ.

ދެވަނަ ކަމަކަށް ބައްދަލުވުމުގައި ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ދަމަހައްޓައި، އެ ބާރުތައް ތަންފީޒު ކުރުމާއި ލާމަރުކަޒީ ގާނޫނު ނަގަހައްޓައި، ދެމަހައްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ މަގު ސަރުކާރުން ފަހިކޮށް ދިނުމަށް އެދި ސަރުކާރުގެ އެންމެހާ މުއައްސަސާތަކަށް ސިޓީއެއް ފޮނުވުމެވެ.

ތިން ވަނަ ކަމެއްގެ ގޮތުން ލާމަރުކަޒީ ގާނޫނޫގެ 78 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ދޭ އެކިއެކި ހިދުމަތްތަކުން ނަގާ ފީއަކީ ކައުންސިލްގެ އާމްދަނީ ކަމަށާއި އެ ފައިސާއަކީ ކައުންސިލްތަކުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ ކަމަށް ނިންމައި، ހުރިހާ ކައުންސިލަރުން އެއްބަސްވެ، އިގުރާރެއް ފާސް ކުރުމެވެ.

ހަމަ މިއާ އެކު ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމު "ފެއިލްވެފައިވާތީ" އެކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމާ އެކު، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް އެއްބަސްވެ، އިގުރާރުވުމެވެ.

މީގެ އިތުރުން ދެން ހިމެނެނީ ދެކުނުގެ އަތޮޅުތަކުގެ ތަރައްގީގެ މަޝްރޫއުތައް މީގެ ކުރިން އެކުއެކީގައި ހިންގަމުން ދިޔަ އިރު، ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ދޫކޮށްފައިވާ ކަޅުހަންތަކުން ލިބުނު ފައިސާ އިން ހުޅުވާފައިވާ ފަންޑްގައި ހުރި ފައިސާތައް ހަތަރު އަތޮޅަށް ހަމަހަމަ އުސޫލެއްގެ މަތިން ބެހުމެވެ.

އެ ފަންޑްގައި ހަތަރު މިލިއަނަށް ވުރެ ރުފިޔާ އެބަހުއްޓެވެ. އެހެންވެ އެ ފައިސާ ބެހުމުގެ ކުރިން ކައުންސިލްތަކުން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކޮށް، އެކަން ޑިސެމްބަރު 31، 2014 ގެ ކުރިން ނިންމުމަށް ވަނީ ނިންމައިފަ އެވެ.