Last Updated: April 25, 09:17
Thursday, April 25, 2024
ސިޔާސީ

އައްޑޫގައި ވެސް ހަވީރު މުޒާހަރާ

ޤާނޫނު އަސާސީގެ ދިފާއުގައި އައްޑޫ ސިޓީގެ ރައްޔިތުން ކުރާ މުޒާހަރާ މިއަދު ހަވީރު 4:00 ގައި ފަށާނެ ކަމަށް އެ މުޒާހަރާ އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

"އައްޑޫ ލައިވަ" ށް މައުލޫމާތު ދެމުން މުޒާހަރާ އިންތިޒާމްކުރުމުގައި ބައިވެރިވާ ފަރާތަކުން ބުނީ މުޒާހަރާ ފަށާނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ކުރީގެ ނާސްތާ ކުރިމަތިން ކަމަށާއި އިންސާފަށް ލޯބި ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް މުޒާހަރާ އަށް ދައުވަތު އަރުވާ ކަމަށެވެ.

"މުޒާހަރާ ފަށާނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ކުރީގެ ނާސްތާ ހޮޓެލް ކައިރިން.އިންސާފަށް ލޯބި ކުރާ އެންމެންނަށް ދައުވަތު އަރުވަން." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ މި މުޒާހަރާއަށް ތައްޔާރުވަމުން ދާ ގިނަ ފަރާތްތަކުން ދަނީ އައްޑޫ ސިޓީގެ ކައުންސިލަރުން މުޒާހަރާގައި ބައިވެރި ނުވާން ވެގެން ފުވައްމުލަކަށް ހިނގައްޖެ ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އައްޑޫ ސިޓީގެ ކައުންސިލަރުން ފުވައްމުލަކަށް ދިޔައީ ފުވައްމުލަކާއި އައްޑޫގެ އިތުރުން ގދ. އަތޮޅާއި ގއ. ގެ ކައުންސިލްތައް ބައިވެރިވާ "ދެކުނު މަހާސިންތާ" އަށެވެ.

އިއްޔެ ފެށި "ދެކުނު މަހާސިންތާ" މިއަދުގެ ވަގުތެއްގައި ނިމޭ އިރު އައްޑޫ ސިޓީގައި ބާއްވާ ބޮޑު އެއްވުމަށް ކައުންސިލަރުން އައްޑޫ އަށް ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.