Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އައްޑޫ ވަގުފު ބިނާގެ ބިންގާ އަންނަ މަހު އަޅަނީ

ވަގުފު ބިނާ ފަރުމާ ކުރަން ހަވާލު ކުރި ކުންދުންޏާއި ކައުންސިލާ ދެމެދު އެއްބަސްވުން ބަދަލު ކުރަނީ. ފޮޓޯ/ ކައުންސިލް

އައްޑޫގައި ބިނާ ކުރާ ވަގުފު ބިނާގެ ބިންގާ އަންނަ މަހު އަޅާ ގޮތަށް ހަަމަޖައްސައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީގައި އޮތް ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހާރު ޑިޒައިންގެ މަރުހަލާގައި އޮތް ވަގުފު ބިނާގެ ބިންގާ އަންނަ މަހު އެޅޭ ވަރު ވާނެ ކަމަށެވެ.

އެހެން ނަމަވެސް ބިންގާ އަޅާނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އެ ބިނާ އަށް ހިތަދޫން ވަނީ 15،000 އަކަފޫޓްގެ ބިމެއް ވެސް ހަމަޖައްސައިފަ އެވެ. އެއީ ހިތަދޫގައި ހުންނަ ދިރާގު އޮފީސް ހުންނަ ސަރަަހައްދުންނެވެ.

އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިމާރާތް ކުރާ ވަގުފު ބިނާ ފަރުމާ ކުރަން ހަވާލުކޮށްފައި ވަނީ އެސް ޕްލަސް އާކިޓެކްޓްސް އާ އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ކުންފުނިން ފަރުމާގެ މަސައްކަތް ނިންމައި 45 ދުވަހުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

އޭގެ ފަހުން އިމާރާތުގެ އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދުމަށް ބީލަމަށް ލުމަށް ވަނީ ނިންމައިފަ އެވެ.

އައްޑޫގައި އިމާރާތް ކުރާ ވަގުފު ބިނާ އަށް 10 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.