Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ޒުވާނުންގެ އާދޭސްތައް އަޑުއެހުމަށް އައްޑޫގައި ތިބި މުއައްސަސާތަކުގެ ވެރިން ބޭނުމެއް ނުވޭ!؟

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަކީ ކެމްޕެއިނެއްގެ ތެރޭގައި އެންމެ ބޮޑަށް ޒުވާނުން ބާރުވެރިކުރުވާނެ ކަމުގެ ވާހަކަ ދެއްކި ބޭފުޅާއަށް ވާނެއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ކުޅިވަރު ކުޅޭނެ ދަނޑުތައް ޤާއިމްކޮށް ދެއްވުމަކީ، އެމަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ރައީސް ޔާމީންގެ ވެރިކަމަށް 2 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އައްޑޫގައި ވަނީ 4 ފުޓްސަލް ދަނޑެއް ޤާއިމްކުރެވިފައެވެ.

ފުޓްސަލް ދަނޑުތަކާއި އެކު ޒުވާނުން ހިނިތުންކުރުވި ނަމަވެސް، އައްޑޫގައި ތިބި ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުންގެ "ވަރިހަމަ" ސިޔާސަތު ތަކާއި ހުރެ މިއަދު ޒުވާނުންގެ ރުޅިވެރިކަން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހިތަދޫ، ފުޓްސަލް ދަނޑުގެ ލައިޓުތައް ނުދިއްލޭތާ އެތައް ދުވަހެއް މިވަނީ ވެގެން ގޮސްފައެވެ.

އައްޑޫ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކީ ކޮންމެ ދުވަހަކު ވެސް ހަވީރު ފުޓްބޯޅަ ކުޅެންދާ ޒުވާނުންނެވެ. އޭގެ ތެރެއިން ގިނަ ޒުވާނުން ފުޓްބޯޅަ ކުޅެން ދަނީ، ރަށުގެ އެކި ހިސާބުތަކުގައި އޮންނަ ހުސްބިންތަކަށެވެ.

ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ރަސްމީކަމެއް މިހާރަކު ނެތެވެ. މިނިވަން50 ފުޓްބޯޅަ މުބާރާތުގައި ހިތަދޫ ޓީމުގެ މެޗުތައް ކުޅޭނެ ދަނޑެއްގެ ގޮތުގައި އެ ދަނޑު ހަމަޖެއްސި ނަމަވެސް މުބާރާތް ނިމިގެން ދިޔަ އިރުވެސް އެމްއާރްޑީސީ އިން ފެށި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ނިންމައެއް ނުލެވެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ވަކި ހިސާބަކުން މަޑު ޖެހިފައިވަނީ، އެމްއާރްޑީސީ އިން އެ މަސައްކަތް ކުރުމަށް ހުށަހެޅި އަގު ބޮޑުވެގެންނެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ރަސްމީ ދަނޑުގައި ކުޅެވޭނެ ގޮތެއް ޒުވާނުންނަކަށް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ހިތަދޫ ޓީމުގެ ފަރާތުން އައްޑޫގައި ތިއްބަވާ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ހަމައަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް، އެބޭފުޅުން އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާތަން ނުފެނުމަކީ، ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ހިތަދޫގެ ގިނަ ޒުވާނުންތަކެއް ފުޓްބޯޅަ ކުޅެންދާ "އީދިގަލި" ދަނޑުގައި ވެސް ވިނަ ބޯވުމުގެ ސަބަބުން ދަނޑުގެ ވިނަތައް ކޮށައި އެއްވަރުކޮށްދިނުމަށް އެދި ޒުވާނުން ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ހަލީމްގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އަދި އެމްއާރްޑީސީގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށް ވެއެވެ.

ހިތަދޫ ޒުވާނަކު ބުނި ގޮތުގައި ކައުންސިލްގައި މިވަގުތު ވިނަ އެއްވަރު ކުރާނެ މެޝިނަރީޒް ނެތްކަމަށް ކައުންސިލުން އަންގާފައިވާ ކަމަށާއި، އެހެން ނަމަވެސް ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ އިން އެ މެޝިންތައް ހުރެ އެކަން ކޮށް ނުދިނުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

" ކޮންމެ ފަހަރަކު މާލޭ ސަރުކާރަށް ގުޅައިގެން ނޫން މިކަން ކުރަންޖެހެނީ. މިތާ އެބަތިބި ކޯޑިނޭޓަރުން. އޭނާ އަކީ ރީޗްވާ މީހެއް ނޫން. މާ އަބުއި ކޯޑިނޭޓަރުން އައްޑޫގައި ތިބެނީ "

ޔޫތް މިނިސްޓްރީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އައްޑޫގެ ދަނޑުތަކާއި ބެހޭ ގޮތުން މިހާތަނަށް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

"ކަންބޮޑުވުންތައް ހުރޭ އައިސްފައި. ވަކި ސްޕެސިފައިކޮށް ނެތް ދަނޑުތަކެއްގެ ވާހަކައެއް." އޮފިޝަލް ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ގިނަ ޒުވާނުން ބުނާގޮތުގައި އެމީހުން ބޭނުންވަނީ ސިޔާސީ ކުލަ ޖައްސައިގެން ސަރުކާރު ބަދުނާމަކޮށް ވާހަކަ ދައްކަން ނޫން ކަމަށާއި ބޭނުންވަނީ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އެހެން ނަމަވެސް އައްޑޫގައި ތިބި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިޚްލާސްތެރިކަން ނެތުމުން މިހާރު މާޔޫސްވެފައި ތިބިކަމަށް ޒުވާނުން ބުނެއެވެ.

" ކޮބާހޭ ހިތަދޫ ޖިމް. ކޮބާހޭ ފުޓްސަލް ދަނޑުގެ ލައިޓުތައް. ކީއްވެހޭ ޒުވާނުން ދައްކާ ވާހަކަ ސަރުކާރާއި ހަމައަށް މި އައްޑޫގައި ތިބި ކޯޑިނޭޓަރުން ގެންގޮސް ނުދެނީ. ނުވަންޏާ އެވާހަކަ ބުނީމަ އަމިއްލައަށް ސިޓީ ފޮނުވޭނީ ވެސް."

ޒުވާނުން ދައްކާ ވާހަކައިގައި އޮއްޓަރު ވެސް އެބަހުއްޓެވެ. 'އައްޑޫލައިވް' ގެ ފަރާތުން އައްޑޫގައި ތިއްބަވާ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގުޅުމަށް ކުރި މަސައްކަތް އެބޭފުޅުންނަށް ވަގުތެއް ނުވެގެން ވަނީ ކާމިޔާބު ވާގޮތް ނުވުމަކީ އޭގެ ހެއްކެކެވެ.