Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ސައިކަލް ދުއްވަމުން ހެލްމެޓް އަޅަން އުޅެނިކޮށް ބަހުގައި ޖެހި އެކްސިޑެންޓްވެއްޖެ

އައްޑޫ ސިޓީ ލިންކް ރޯޑުގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ހެލްމެޓް 'ރަގަޅު' ކުރަން އުޅެނިކޮށް މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ އާއި ހަންކެނޑެ ގުޅޭ ހިސާބުގައި އޮންނަ ކޯޒްވޭ އާއި ދިމާލުން ލިންކް ރޯޑުގައި ޝަންގްރިއްލާގެ މުވައްޒަފުން ގޮވައިގެން ދިޔަ ބަހެއްގައި ޖެހިގެންނެެވެ.

މިއެކްސިޑެންޓްގައި އަނިޔާ ލިބުނު ސ. ފޭދޫ ފުނަމާގެ އަލި ރަހާ (78އ) އަށް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބަހުގައި ދަތުރުކުރި ޝަންގްރިއްލާގެ މުވައްޒަފަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ކޯޒްވޭ އާއި ދިމާލުން ސައިކަލް ދުއްވަމުން އަލި ރަހާ އޭނާގެ ބޮލުގައި އޮތް ހެލްމެޓް ރަގަޅު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

" ހެލްމެޓް ރަގަޅުކުރަމުން އައި މީހާ ބަހާއި ދިމާލަށް އަންނަން ފެށުމުން ބަސް ޑްރައިވަރު އެއްކޮށް ދުވެލި މަޑުކުރި. މަޑުމަޑުން އައިސް ހަމަ ޖެހުނީ. ބާރަށް ދުއްވާފައި ދިޔަ ނަމަ ބަހުގެ ދަށުގައި އެމީހާ ވާނީ،"

އެކްސިޑެންޓްގައި ސައިކަލުން ޖެހިފައިވަނީ، ބަހުގެ ފަހަތު ފުރޮޅާއި ދިމާލުގައެވެ.

ބަހުން ދަތުރުކުރި ޝަންގްރިއްލާގެ މުވައްޒަފު މައުލޫމާތު ދިން ގޮތުގައި އުމުރުން ދުވަސްވީ މީހާގެ އަތުގެ ތަންތަން މަށައިގެން ދިއުން ފިޔަވައި އެހެން ގެއްލުމެއް އޭނާއަށް ލިބިފައެއް ނުވެއެވެ.

މަރަދޫ އާއި ހަންކެނޑެ ގުޅޭ ހިސާބަކީ އާންމު ގޮތެއްގައި ލިންކް ރޯޑުން ދަތުރުކުރާ ފަރާތްތަކުން ހެލްމެޓް އެޅުމަށް މަޑުކޮށްލުމަށް ފަހު ނައްޓާލާ ހިސާބެވެ.