Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ގެއްލުނު ކަމަށް ބުނާ ފައިސާ ވާނީ ރައީސްގެ ދެކަބަލުންނާއި ސަރުކާރުގެ އިސްވެރިންގެ އެކައުންޓްތަކުގައި: އެސްއޯއެފް

ރައީސް ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގެއްލުނު ކަމަށް ބުނާ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރައީސް އަބްދުﷲ ޔާމީންގެ ދެކަބަލުންގެ އެކައުންޓް ތަކަށާއި ސަރުކާރުގެ އިސް ފަރާތްތަކަށް ޖަމާކޮށް ނިންމާފައިވާ ކަމަށް އެފައިސާ ނެގިކަމަށް ބުނާ އެސްއޯއެފް ކުންފުނިން މިއަދު ބުނެފި އެވެ.

އެސްއޯއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަށް ލިބުނު ހުރިހާ ފައިސާއެއް ވެސް، ފޮނުވި ފަރާތުން ބުނާ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށާއި އެ ފައިސާ އެ ކުންފުނިން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ދެކަނބަލުންނާއި ސަރުކާރާއި ސިޔާސީ ފަރާތްތަކާއި ޕީޕީއެމަށް ވެސް އެ ފައިސާ ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދ އެ ކުންފުނިން މަސައްކަތްކުރީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެސްއޯއެފްއިން މިއަދު ބަޔާން ނެރުނު އިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ ބައެއް ޑެޕޮސިޓް ސްލިޕްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިއްޔެ ހަވީރު ނެރުނު އޮޑިޓް ރިޕޯޓްގައި އެމްއެމްޕީއާރްސީން ގެއްލުނު ބިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވަނީ މޮހޯގެ ހިއްސާ އޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ކަމަށް އެ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓް ނެރުމާއި ގުޅިގެން އެސްއޯއެފްއިން މިއަދު ނެރުނު ބަޔާނުގައިވަނީ އެ އޮޑިޓް ރިޕޯޓުން ހަގީގަތް ރަނގަޅަށް ސާފުނުވާ ކަމަށާއި މުހިންމު ބައިތައް ވަންހަނާކޮށްފައިވާ ކަމަށެވެ. އެހެންވެ މިނިވަން އޮޑިޓެއް ކުރަން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އަދި އެފަދަ އޮޑިޓަކަށް ފުރިހަމަައަށް އެއްބާރުލުންދޭނެ ކަމަށް އެސްއޯއެފްއިން ބުންޏެވެ.