Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ކުއްލިގޮތަކަށް ޝެއިޚް އިމްރާން ޖަލަށް ގެންދިޔައީ ކީއްވެ؟

އަވަސް އަރުވާލާފައި، ޤާނޫނުތައް މުގުރާލާފައި އިމްރާންގެ ޝަރީޢަތް ކުރިއަށް ގެންދަވަން ގާޒީ ބާރީ އަމާޒު ހިފި ނަމަވެސް، އެކަން އޮގޮތަކަށް ނުކުރެވުނެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައި ހުންނެވި ނަމަވެސް އެ ފުރުސަތު ބާރީއަށް ލިބުމަށް އޮތް ހަމައެކަނި ގޮތަކީ، އިމްރާންގެ މައްޗަށް ހުކުމް ކުރުން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އިމްރާންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިގެން ދައުލަތުން ހެކި ހުށަހެޅުމުގެ މާ ކުރީން ވެސް އަބްދުލް ބާރީ ޔޫސުފް އިންނެވީ ގޮތެއް ނިންމަވައިގެންނެވެ. އެހިސާބުން ނިންމަވާލެއްވީ އެއް ނޫނެވެ. އިމްރާން އާއި ދެކޮޅަށް ހެކި ބަސްދޭން މީހަކު ހާޒިރު ކުރުމަށް ވެސް ގާޒީ ބާރީ އަމިއްލައަށް ނިންމެވިއެވެ.

އިމްރާންގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު ދުވަސްތަކެއް ވެގެން ދިޔުމަށް ފަހު ކުއްލިގޮތަކަށް ރޭ ދަންވަރު ގާޒީ ބާރީ ވަނީ އަނެއްކާވެސް ކޯޓު އަމުރެއް ނެރެ ޝެއިޚް އިމްރާން ގޭބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށް ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމުގެ އަމުރެއް ނެރެފައެވެ.

ސުވާލަކީ ކުއްލިގޮތަކަށް ޝެއިޚް އިމްރާން އަބްދުﷲ ދޫނިދޫއަށް ބަދަލުކުރީ ކީއްވެގެން ހެއްޔެވެ؟ އިމްރާންގެ ފަރާތުން ސަރުކާރަށް އޮތީ ކޮން ނުރައްކަލެއް ހެއްޔެވެ؟

'އައްޑޫލައިވް' އަށް އިތުބާރުހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި ޝެއިޚް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލު ކުރުމަށް ގާޒީ ބާރީ އަމުރެއް ނެރުއްވާފައި ވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށެވެ.

އެކަން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

" އިމްރާން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާކަމަށް ރައީސް ތުހުމަތު ކުރައްވާ. ސަރުކާރުން ހުށަހެޅި އެއްވެސް ޑީލަކަށް އިމްރާން އެއްބަސް ނުވުމާއި ވަރަށް ގިނަ ކަންތައް އެބަހުރި"

އޮފިޝަލް މައުލޫމާތު ދިން ގޮތުގައި ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެެއްދުމަށް ކުރީގެ ނައިބު ރައީސް އަދީބު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މަސައްކަތަށް އެމްޑީޕީ އިން ފެހި ސިގްނަލް ދީފައިވާއިރު، ޕީޕީއެމްގައި ތިބި އަދީބުއަށް ވަފާތެރި ބައެއް މެންބަރުން ވެސް އެ ވޯޓަށް ތާޢީދު ކުރައްވާނެ ކަމަށް ވެއެވެ.

އެ މައްސަލައިގައި ރައީސް ޔާމީން ބައެއް މެންބަރުންނާއި ވަކިން ބައްދަލުކުރައްވައި ވާހަކަ ދެއްކި ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

" އިމްރާން ގޭބަންދުގައި ހުއްޓަސް [ޕީޕީއެމް] މެންބަރުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރައްވަފާނެ ކަމަށް ރައީސް ތުހުމަތުކުރައްވާ. މިސާލަކަށް ޕީޕީއެމް މެންބަރުން ބޭނުމެއް ނުވާނެ އެމްޑީޕީއަށް ދާން. ގާސިމަކީ ޗޮއިސްއެއް ނޫން."

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރާއްޖެ އައިސްގެން އުޅޭ ސީމެގް އަދި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ ޝެއިޚް އިމްރާން އާއި ބައްދަލުކުރެވޭނެ ގޮތް ހަދައި ދިނުމަށް ސަރުކާރުގައި އެދިފައެވެ.

އެހެންކަމުން ކުއްލިގޮތަކަށް އިމްރާން ދޫނިދޫއަށް ބަދަލު ކުރުމަކީ، ސީމެގް އާއި އީޔޫގެ ވަފްދުގެ ބޭފުޅުންނާއި އިމްރާން އާއި ބައްދަލު ނުކުރެވޭނެ ގޮތް ހެދުމަށް ކުރި ކަމަކަށް ވެސް ވެދާނެއެވެ.