Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ބޯންމައުތްގެ މައްޗަށް ކުރިހޯދައި ސިޓީ ފަހަތަށް ޖައްސާލައި އާސެނަލް 3 ވަނައަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި އޭ.އެފް.ސީ ބޯންމައުތް ބައްދަލުކުރި މެޗު 0-2ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށް ތާވަލުގެ ތިންވަަނައަށް އަރައިފިއެވެ.

Bournemouth-v-Arsenal (1)

މިރޭ ބޯންމައުތްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުވިލާތުގެ މިޑްފީލްޑަރު އަދި މިސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓު ހަދާފައިވާ މީސުޓް އޮޒިލްއެވެ. އޮޒިލްގެ މިގޯލަށް ދެމިނެޓުވެސް ނުވަނީ އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ ދެވަނަ ގޯލު އާސެނަލްއަށް ޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗުގައި އިތުރު ގޯލެއް ފެނިގެންގޮސްފައި ނުވި ނަމަވެސް ދެޓީމުން ވެސް ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާއަށް ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްފައެވެ.

އެގޮތުން ބޯންމައުތް އިން ވަނީ އެމީހުން ފޮނުވާލި 11 ހަމަލާއިން 4 ހަމަލާ ގޯލާ އަމާޒުކޮށްފައެވެ. ނަމަވެސް މިރޭ ވެސް އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ފޫއަޅުވާލާފައި ދެވޭގޮތެއް ވަނީ ނުވެފައެވެ.
މެޗުގައި ގިނައިން ބޯޅަ ކުޅެފައިވަނީވެސް ބޯންމައުތްއިން ކަން ފާހަގަ ކޮށްލެވެއެވެ. މުޅި މެޗުގެ %51 ބޯޅަ ޕޮސެޝަން އެމީހުން ވަނީ ހޯދާފައެވެ.

އާސެނަލްގެ ކޯޗު ވެންގާ ބުނެފައިވަނީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހިފައިވާ ކަމަށެވެ. އަދި މިސީޒަނުގެ ތަށި ހޯދުމަށް ކުރަމުން އައި މަސައްކަތް އަދިވެސް ހުއްޓާނުލައި އިތުރަށް މަސައްކަތް ކުރާނެ ކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.
މިރޭގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު އާސެނަލްވަނީ ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ. 48 ޕޮއިންޓާއެކު ދެވަނައިގައި އޮތް ސްޕާސް އާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި ވީ ނަމަވެސް ގޯލުގެ ތަފާތުން އާސެނަލް އޮތީ ފަހަތުގައެވެ. މެންޗެސްޓާ ސިޓީ 4 ވަނައިގައި އޮތީ 47 ޕޮއިންޓާއެކީއެވެ.