Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

މުހްތާޒު ހައްޔަރުކުރުން، ވިދާޅުވާނީ "ފްރޭމްކުރެވުނީ" ކަމަށް ބާ؟

ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް މުހްތާޒް މުހުސިން އެނގުނީ އެބޭފުޅާ ޕްރޮސިކިއުޓާރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވި ހިސާބުންނެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އިރު މުހުތާޒް އަކީ، އެހާ ނަން ހިނގާ ބޭފުޅެއް ނޫނެވެ.

ޕީޖީގެ މަޤާމަށް މުހުތާޒް އައްޔަން ކުރެވުމާއި އެކު ފެނުނީ ފުލުފުލުގައި ސިޔާސީ ލީޑަރުންގެ މައްޗަށް ދަޢުވާތައް އުފުލަން ފެށި މަންޒަރެވެ. ސިޔާސީ ލީޑަރުންނަށް އިންޒާރު ދެއްވަމުން ގެންދެވިއިރު، ޕީޖީގެ މަޤާމުގައި ހުންނަވައި ފަނޑިޔާރުންނާއި އެކު ސިއްރު ބައްދަލުވުންތައް ބާއްވަނިކޮށް އަތުލައިގަނެވިފައިވެއެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމްގެ ތާރީޚްގައި ކުރިއަށް ދިޔަ އެންމެ ބޭއިންސާފު 2 ޝަރީޢަތް ކަމަށްވާ، ރައީސް މުހައްމަދު ނަޝީދު އާއި ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ބޭއިންސާފު ޝަރީޢަތުގެ ދިފާޢުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީ ވެސް މުހްތާޒް މުހުސިން އެވެ.

ސަރުކާރުން ބޭނުންވި ގޮތަކަށް މޮޑޭ ފުށް ގަނޑެއް ގޮތަށް ސިޔާސީ ފަރާތްތަކުން މުހުތާޒް ސިފަކޮށްފައިވާއިރު، އެންމެ ބޮޑު ތުހުމަތެއް ކުރެވިފައިވަނީ އަދީބު އާއި މުހުތާޒްގެ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނެއެވެ. އެވާހަކަތައް ދައްކަމުން ދަނިކޮށް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން އަދީބު ހައްޔަރު ކުރެވި އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވުނެވެ.

ދެން ފެނިގެން ދިޔައީ، ކުއްލިގޮތަކަށް އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލި ތަނެވެ. މިއީ ރައީސް އަބްދުﷲ ޔާމީން އަށާއި ޕީޕީއެމް އަށް ހަޖަމު ކުރެވޭނެ ކަމަކަށް ނުވިއެވެ. އެހެންވެ މަޖިލިސް މެދުވެރިކޮށް މަޤާމުން ވަކިކުރިއެވެ.

ބޭއިންސާފަކީ ކޮބައިކަން މުހުތާޒް އަށް ވެސް ވިސްނިވަޑައިގެންނެވީ ، ޖަވާބުދާރީ ވުމުގެ ފުރުސަތެއް ދިނުމެއް ނެތި މަޖިލީހުން އެބޭފުޅާ މަޤާމުން ވަކިކުރި ހިސާބުންނެވެ. މަޖިިލީހުގެ މެންބަރުން ކުރި ތުހުމަތުތަކުގެ ތަފްސީލް ނުދެއްވާ ކަމަށް ވިދާޅުވެ ޝަކުވާކުރެއްވި ނަމަވެސް އެވާހަކަ އަޑުއަހާނެ ރައްޔިތަކު ނެތެވެ. "ސިމްޕަތީ" ފީލްވި ޕްރޮސިކިއުޓަރަކު ވެސް ނެތެވެ. ނުވަތަ އެކަމާއި އެއްޗެއް ވިދާޅުވާން ކެރިވަޑައިގަންނަވާނެ ފަނޑިޔާރަކު ވެސް ނެތެވެ.

ޕީޖީގެ މަޤާމުން ވަކިކުރި ހިސާބުން މުހްތާޒް މުހުސިންގެ ބާބު ނިމުނީ ކަމަށް ހީކުރެވިގެން ދިޔަ ނަމަވެސް އަނެއްކާވެސް އިތުރު ބާބެއް މިފަހަރު މިވަނީ ފެށިފައެވެ.

މިފަހަރު ބޮޑު ތުހުމަތެއް ކުރެވިގެންނެވެ. ވެރިކަން ފުރޮޅާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް، މެޖިސްޓްރޭޓް ކޯޓަކުން އަކުން ނެރުނު ކޯޓު އަމުރެއްގެ މައްސަލައިގައެވެ. ކޯޓު އަމުރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މުހްތާޒް މުހުސިން އާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓަރެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި މުހުތާޒް މުހުސިން މިއަދުގެ ވަގުތެއްގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ. ކޯޓު ރޫމަށް ވަނުމުން މުހްތާޒް އަށް ފެނިގެންދާނީ، ބޭއިންސާފުން ހުކުމް ކުރެއްވުމަށް އެބޭފުޅާ އިށީނދެވަޑައިގެން އިންނެވި ގޮނޑިއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ ލީޑަރުންގެ މައްޗަށް ކުރި ބޭއިންސާފު ޝަރީޢަަތްތަކުގައި މުހުތާޒުގެ އޯޑަރަށް މަސައްކަތް ކުރި ޕްރޮސިކިއުޓަރުން ކޯޓު ރޫމުން މުހްތާޒް އާއި ބައްދަލުކުރާނެއެވެ. ނަމަވެސް މިފަހަރު އެއީ އެބޭފުޅާ އާއި ދެކޮޅަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު (5 ފެބްރުއަރީ 2015) މީޑިޔާ އަކަށް ދިން އިންޓަވިއުއެއްގައި މުހުތާޒް މުހުސިން ވިދާޅުވެފައިވަނީ، ޖުޑީޝަރީގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ވިސްނުމުގައި ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. ސުވާލަކީ، ބޮޑެތި ތުހުމަތުތަކެއް ކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބޭއިންސާފު ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަތުމުން އަދިވެސް މުހްތާޒް ދެމިހުންނަވާނީ ޖުޑިޝަރީ ދިފާޢު ކުރެއްވުމުގައި ތޯއެވެ.