Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު މީޑިއާ ކައުންސިލަށް ހާޒިރު ކުރަނީ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު މީޑިއާ ކައުންސިލްއަށް ހާޒިރު ކުރުމަށް އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީޑިއާ ކައުންސިލަށް ހާޒިރު ކުރުމަށް އަންގާފައިވަނީ ރާއްޖެ ޓީވީގެ ސީއީއޯ އަދި ރާއްޖެ އެމްވީގެ އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިއާ މުހައްމަދު ފަޒީންއެވެ.

ފިޔާޒް އާއި ފަޒީން މީޑިއާ ކައުންސިލަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 9:30ގައެވެ. އެ ދެ ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ފޮނުވި ލިއުމުގައި ވަނީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފް ކުރުމަށް މީޑިއާ ކައުންސިލަށް ހާޒިރުވުމަށް ކަމަށެވެ.

ފިޔާޒް އާއި ފަޒީން މީޑިއާ ކައުންސިލަށް ހާޒިރު ވާން އެންގި އިރު ރައީސްގެ ތަރުޖަމާން މުއާޒު އަލީ (ޓީވީ މުވާ) ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީން އާއި ގުޅުވައިގެން ރާއްޖެ ޓީވީން ފަތުރަމުންދާ ދޮގު މައުލޫމާތު ތަކާއި ގުޅޭ މައްސަލަ ކަމާއި ބެހޭ ފަރާތަށް ހުށަހަޅާނެ ކަމަށެވެ.

މުއާޒު ފާހަގަ ކުރައްވާފައިވަނީ ރައީސްގެ ދެކަބަލުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ އާއި ރާއްޖެ އެމްވީން ގެނެސްދީފައިވާ ހަބަރުތަކަށް އިޝާރާތްކޮށްފައެވެ.

ރައީސް ޔާމީންގެ ދެކަބަލުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނާ ވައުޗަރ ތަކެއް ސޯޝަލް މީޑިއާގައި ދަނީ ބާރު ސްޕީޑެއްގައި ދައުރުވަމުންނެވެ.