Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ފަހު ވަގުތު ކޯސްޓާ ޖެހި ގޯލާއެކު ޔުނައިޓެޑް އަތުން ޗެލްސީ ޕޮއިންޓެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޔުނައިޓެޑަށް ޓޮޕް 4 ގެ އުއްމީދުތައް ފަނޑުވާން ފަށައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފުގައި ބޮޑަށް ކުޅެ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން ދެވަނަ ހާފަށް ދެ ޓީމުވެސް ނިކުތީ އިތުރު ޕްރެޝަރާއެކުއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ އަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން 61 ވަނަ މިނެޓުގައި ޖެސީ ލިންގާޑް ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ އޮސްކާގެ ބަދަލުގައި އެޑެން ހަޒާޑް ކުޅެން ނިކުންމާފައެވެ. ނަމަވެސް އޭނާގެ ފަރާތުން މާ ބޮޑު ބޭނުމެއް ރޭގެ މެޗުގައި ހިފިފައެއް ނުވެއެވެ. ޔުނައިޓެޑުގެ ގޯލަށް ފަހު ގަސް ހިޑިންކު ވަނީ އަނެއްކާވެސް އިތުރު ބަދަލެއް ގެނެސްފައެވެ. ޑިފެންސިވް މިޑްފީލްޑަށް ކުޅެމުން އައި ނިމަންޖާ މަޓިކް ގެ ބަދަލުގައި ފޯވާޑަށް ކުޅޭ ޕެޑްރޯ އަރުވާފައެވެ. ނަތީޖާއެއްގެ ގޮތުން ފުލުފުލުގައި އެޓޭކަށް އަރައި ޔުނައިޓެޑް ހާސްކޮށް ފަހު މިނެޓުގައި ގޯލެއް ކާމިޔާބުކުރިއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ 6 މިނެޓު ތެރޭ ކޯސްޓާ ކާމިޔާބު ކުރި ގޯލަކީ ޔުނައިޓެޑުގެ ޑިފެންސް ލައިން އަށް ހެދުނު ގޯހެއްގެ ސަބަބުން ވަން ގޯލެކެވެ.

ރޭގައި ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް ތާވަލުގެ 5 ވަނައިގައި އޮތީ 41 ޕޮއިންޓާއެކުއެވެ. މިހާރު އެމީހުންނަށް ވަނީ ލީގު ލިބުމުގެ ފުރުސަތު މުޅިންހެން ގެއްލި ހަމައެހެންމެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތުވެސް އެހާމެ ކުޑަވެފައެވެ.