Last Updated: April 18, 15:32
Thursday, April 18, 2024
ކޮލަމް

ބޭއިންސާފާއި ބިރުދައްކައިގެން ގުޑުވާ ނުލެވުނު ވަރުގަދަ އަޒުމް

ފަސް މަހަށް ވުރެ ގިނަ ދުވަހު ޝަރުޢީ ޙުކުމެއް ނެތި ޖަލުގައި ބަންދުކޮށްގެން ގެންގުޅެފިއެވެ. އެއަށް ފަހު ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު އަނެއްކާވެސް ޖަލަށް ބަދަލު ކުރެވުނެވެ. އޭގެ ފަހުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކާއި ހުރެ ގޭ ބަންދަށް ބަދަލު ކުރެވުނެވެ. ނަމަވެސް އަނެއްކާވެސް ކުއްލިގޮތަކަށް މިވަނީ ޖަލަށް ގެންދެވިފައެވެ.

މިއީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ޢަމަލުތަކުގެ ކުޑަ ޚުލާސާއެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިމްރާން ގޯސްވީ ޤާނޫނާއި ޚިލާފަށް ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ފާޅުގައި ދައްކަވަން ފެއްޓެވި ހިސާބުންނެވެ.

ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައްޔިތުންނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ބޭކަލުންނާއި ރައްޔިތުންގެ ޚިދުމަތުގައި ޢުމުރު ހޭދަކޮށްފައިވާ ހިދުމަތްތެރިންގެ އިތުރުން އެތައް އާންމު ރައްޔިތުން ދިގު މުއްދަތަކަށް ޖަލު ގޮޅީގައި ބަންދުކުރަން ޖެހުން ފަދަ ކަންތަކަކީ މި ގައުމަށް މިއަދު ބަރުދާސްތު ކުރެވިދާނެ ކަމެއްތޯ އިމްރާން ސުވާލު އުފެއްދެވިއެވެ.

މާޒީގެ ފަސްބައިގައި އެލިގެން އެގޮތުގައި ދެމިތިބުމުގެ ބަދަލުގައި، ސާފު ހިތަކާއި ގެން ކުރިޔަށް ނުކުމެ ގުޅިގެން މަސައްކަތް ކުރުމަށް ޝެއިޚް އިމްރާން ގޮވާލެއްވި ހިސާބުން ސަރުކާރުގެ ތެރެއިން އެކި ސިފަތަކުގައި އިމްރާން އަށް ފާޑުކިޔުން އަމާޒުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް އެމަނިކުފާނު ޖަލަށް ލުމަކީ ޤައުމަށް ހަމަޖެހުން އަންނާނެ ކަމެއް ނޫން ކަމުގައި އިމްރާން ވިދާޅުވިއެވެ. ޤައުމު އާރާސްތުކުރުމުގެ މަސައްކަތް އިސްކުރެއްވުމަށް ސަރުކާރު ކޯލިޝަންގެ ތެރޭގައި ހުންނަވައިގެން ބާރު އެޅުއްވިއެވެ. ސަރުކާރުން ޤާނޫނާއި ޚިލާފަށް ކުރަމުން ދިޔަ ކަންތައް ތަކަށް ފާޅުގައި ފާޑު ވިދާޅުވާން ފެއްޓެވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތެއް ހިންގަވަން ފެއްޓެވުމާއި އެކު އިމްރާން އެކަމާއި ދެކޮޅަށް ނިކުންނެވިއެވެ. ހަމަ އެހެންމެ ކާނަލް ނާޒިމްގެ ގެކޮޅުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވި ހިސާބުން އިމްރާން އެބޭފުޅާގެ ދިފާޢުގައި ނިކުންނެވިއެވެ. ބޭއިންސާފުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދިވަޑައިނުގަންނަވާތީއެވެ.

އެގޮތުން އެންމެ ފުރަތަމަ އިމްރާން ގަސްތުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އާއި ވާހަކަ ދައްކައިގެން ސަރުކާރު ތެރޭގައި ހުރި މައްސަލަތަކަށް ހައްލެއް ގެންނެވުމަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދް އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި ޤާނޫނާއި ޚިލާފް ކަންތައް ކުރައްވަމުން ގެންދަވާތީ އެކަމުގެ ޝަކުވާ ރައީސް ޔާމީނާއި ހަމައަށް ގެންދަން ކެރިވަޑައިގަތީ ހަމަ ޝެއިޚް އިމްރާން އަށެވެ.

ނަމަވެސް އިމްރާންގެ ވާހަކަތައް އަޑުއެއްސެވުމުގެ ބަދަލުގައި ރައީސް ޔާމީން ވިދާޅުވީ، އަދީބު އަކީ "ޚާލިދު ބުން ވަލީދު ފަދަ ބޭފުޅެއް" ކަމަށެވެ. "މޭޑޭ"ގެ މުޒާހަރާގައި އަދީބު އާއި ރައީސް ޔާމީން އަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ހިސާބުން އިމްރާން ޖަލުގައި ބަންދުކުރުމުގެ ސިލްސިލާ ފެށިގެންދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އަދީބަށް ނައިބު ރައީސް ކަމުގެ މަޤާމު ވެސް ދެއްވިއެވެ. އޭގެ އާޚިރު ނަތީޖާ ނިކުންނާނީ ކޮންގޮތަކަށް ކަމާއި މެދު ރައީސް ޔާމީން ވިސްނާވާފައެއް ނުވެއެވެ.

އަދީބު އަށް ބާރުތައް ދެއްވުމުގެ ހިތިކަން ރައީސް ޔާމީން އަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތީ، އަދީބު އާއި ޤައުމު ހަވާލުކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހުއެވެ. އެ ދުވަސް ވެގެން ދިޔައީ އަދީބު އާއި ބެހޭގޮތުން އިމްރާން ދެއްކެވި ވާހަކައިގެ ހަގީގަތް ރައީސް ޔާމީން އަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގެންނެވި ދުވަހަކަށެވެ.

ފިނިފެންމާ ލޯންޗްކޮޅުގައި ހިނގި ހާދިސާއަށް ފަހު އަދީބުގެ ބިތުފަންގި ނަގާ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވަން ވަނީ އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާކުރައްވާފައެވެ. ޤައުމުގެ ހަޒާނާ ވަނީ ލޫޓުވާލާފައެވެ.

އެހިސާބުން ރައީސް ޔާމީނަށް އިމްރާން ދެއްކެވި ވާހަކައިގެ ހަގީގަތް ވިސްނިވަޑައިގެންނެވިއެވެ. ނުސީދާ ގޮތުން ސަރުކާރާއި ގުޅުމަށް އިމްރާން އަށް ރައީސް ޔާމީން ހުށަހެޅުއްވިއެވެ. ބަންދުން ދޫކޮށްލާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ނަމަވެސް އެއިން އެއްވެސް ޝަރުތަކަށް އިމްރާން އެއްބަސްވެވަޑައެއް ނުގެންނެވިއެވެ.

ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި، އިމްރާންގެ ޝަރުތަކަށް ވީ ބަންދުކޮށްފައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމެވެ. ރައްޔިތުންނާއި މެދު އަނިޔާވެރި ނުވުމެވެ. އޮފިޝަލް ބުނި ގޮތުގައި އިމްރާންގެ ޝަރުތުތަކަށް ރައީސް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ.

އިމްރާން އާއި މެދު ކުރާ ދައުވާގެ ޝަރީޢަތަށް ބަލާއިރު އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ދައުވާއެއް ނޫނެވެ. ޝަރީޢަތް ފެށުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ބާރީ "ގޮތެއް ނިންމަވައިގެން" ހުންނެވުމާއި ގާޒީ އަމިއްލަ އަށް ހެކިން ހުށަހެޅުމަކީ އިމްރާންގެ ޝަރީއަތުގައި ބޭއިންސާފުގެ ކުލަވަރު ޖެހިފައިވާ ކަން ހާމަވެގެންދާ ކަމެކެވެ.

ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ހުރިހާ ދިމާލަކުން ވެސް ފެންނަމުން ދަނީ ސަރުކާރު ބަލިކަށިވެފައިވާ މަންޒަރެވެ. ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކާތަން ފެންނަނީ، ބައެއް މަޖިލިސް މެންބަރުންނާއި ދެތިން ކޯޑިނޭޓަރުންނެވެ.

ފެންނަމުންދަނީ، ޝެއިޚް އިމްރާން އަބްދުﷲ އެންމެ ފުރަތަމަ ދުވަހު އެދިވަޑައިގެންނެވި ގޮތަށް، މާޒީގެ ނުތަނަވަސްކަން ފިލުވާލުމުގެ ބަދަލުގައި ބަދަލު ހިފުމުގެ ރޫޙު އިސްކުރުމުން ސަރުކާރު ބަލިކަށިވެފައިވާ މަންޒަރެވެ. ސަރުކާރުގެ ތެރޭގައި ހުންނަވައި ޖަރީމާތައް ހިންގަވަމުން ގެންދެވި ބޭފުޅަކަށް "ޚާލިދު ބުން ވަލީދު"ގެ ލަޤަބު ދެއްވައިގެން ޣާފިލްކަމުގައި ހުންނެވުމުގެ ހިތިކަން ރައީސް ޔާމީންގެ އަރުތެރޭގައި މިއަދު ލާނެއެވެ.

ސަރުކާރުގެ ފަރާތުން އަދިވެސް ފެންނަމުން ދަނީ ގޮތް ދޫކުރުމެއް ނެތި، ޝެއިޚް އިމްރާން އަށް އަނިޔާވެރިވެ އެބޭފުޅާގެ އަޑު ކަނޑުވާލުމަށެވެ. ހަަމަ އެހެންމެ އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އަދާލަތު ޕާޓީގެ އަޑު ކަނޑުވާލުމަށެވެ.

ސަރުކާރުން ހުށަހަޅާ ޑީލްތަކަށް ނޫނެކޭ ބުނެ ޝެއިޚް އިމްރާން ވިދާޅުވާ ކަހަލައެވެ. " ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް މި އަޒުމް ގުޑުވައެއް ނުލެވޭނެއެވެ. ހުންނަވާނީ އަބަދުވެސް އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅު ހެއްދެވުމުގައެވެ. ޙައްޤުގެ މަގަށް ނަސްރު ދެއްވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. "