Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އައްޑޫގެ ބައެއް މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ

އައްޑޫގެ ބައެއް މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް މިއަހަރުގެ ތެރޭގައި ހަދަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޔުނިޓްގެ ކޯޑިނޭޓަރ މުހައްމަދު ފައިސަލް ވިދާޅުވީ އައްޑޫގެ ބައެއް މަގުތައް ތާރު އަޅައިގެން ހެދުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ލިންކްރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ
ލިންކްރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

އެގޮތުން ހިތަދޫގެ މަގުތަކުގެ ސާވޭ މިހާރު ނިންމާލާފައިވާ އިރު ހުޅުމީޑޫގެ މަގުތަކުގެ ސާވޭ މިއަދު ކުރަމުން އަންނަ އިރު މަރަދޫ، ފޭދޫ ގެ މަގުތަކުގެ ސާވޭ މާދަމާ ކުރިއަށްދާނެކަމަށެވެ.

ފައިސަލް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވަށައިގެން ހުރި މަގުތަކުގެ އިތުރުން ހިތަދޫގައި އެންމެ ބޮޑަށް ބޭނުން ކުރާ މައިގަނޑު ބޮޑު 8 މަގު ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ފޭދޫގެ 3 މަގަކާއި. މަރަދޫގެ 2 މަގެއްގެ އިތުރުން މަރަދޫ ފޭދޫގެ 1 މަގު ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުމީދޫގެ ބޮޑެތި ތިން ހަތަރު މަގެއް ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށެވެ

ފައިސަލް ވިދާޅުވީ ސާވޭ ނިމުމާއި އެކު މަސައްކަތް ހަވާލު ކުރާނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއްލާން ކުރާނެ ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ މަޖްލިސްއަށް ވާދަކުރެއްވި ހިޔަލީ މުހައްމަދު ރަޝީދުގެ ކެމްޕެއިން އިފްތިތާހް ކުރުމުގެ ގޮތުން
2014، މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލް ހުންނަ ރަށްދެބައި މަގުގައި ވަނީ ތާރު އަޅާފައެވެ. އަދި އެރަސްމިއްޔާތުގައި އޭރު އެމްއާރްޑީސީގެ ޗެއާމަން ހާލިދު އަބްދުﷲ އަލީ ވިދާޅުވީ ގާއަޅައިގެން ބޮޑުމަގުން ފެށިގެން ސައީދިއްޔާ ސްކޫލަށް ދާން އޮންނަ މަގާއި، ސަންލައިޓް ހިނގުން ހަދަން ފަށާނެކަމަށެވެ.

ނަމަވެސް ދެ އަހަރުވާން ކައިރިވެފައިވެފައިވާ އިރު އަދިވެސް އެމަސައްކަތް ފެށިފައި ނުވެއެވެ.

ފައިސަލް ވިދާޅުވީ އައްޑޫގެ މަގު ހެދުމަށް މިއަހަރު ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މިއަހަރުތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ.