Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަރިއަތޮޅު މަތިވެރި ފިނޮޅު ނުއަގުގައި ވިއްކަން ރައީސް ޔާމީން އަދީބްއަށް އެންގެވި!

ޓޫރިސްޓް ރިސޯޓެއް ހެދުމަށް އަރި އަތޮޅު މަތިވެރި ފިނޮޅު ނުއަގުގައި ވިއްކުމަށް ރައީސް ޔާމީން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްއަށް އެންގެވި މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަން އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް އެގިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރި ފިނޮޅު ނުއަގުގައި ވިއްކުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއަށް އެންގެވީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައެވެ.

މަތިވެރި ފިނޮޅު ބޭރު ބަޔަކަށް ނުއަގުގައި ވިއްކުމަށް ރައީސް ޔާމީން އިކޮނޮމިކް ކައުންސިލްގައި ދެންނެވުމުން އެބައްދަލުވުމުގައި ހިމެނިވަޑައިގެންނެވި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އާއި އަހްމަދު އަދީބްގެ އިތުރުން ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ އެކަމާއި ދެކޮޅު ހެއްދެވިކަމަށް އިކޮނޮމިކް ކައުންސިލްގެ އެދުވަހުގެ ޔައުމިއްޔާގައި ލިޔެވިފައިވެއެވެ.

އަދި އެދުވަހުގެ ޔައުމިއްޔާ މިހާރު އޭސީސީއަށް ވަނީ ހުށަހެޅިފައެވެ. ނަމަވެސް އަދިވެސް އެމައްސަލަ ކުރިއަށް ނުގެންދާކަން "އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ މައްސަލައާއި ގުޅިގެން ރައީސް ޔާމީން އާއި ސުވާލު ކުރުމަށް އެސީސީގެ ވެރިން ފަސްޖެހިވަޑައިގަންނަވާތީއެވެ.

އެމްއެމްޕީއާރްސިގެ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވާއިރު ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކަރަޕްޝަންގެ އެއްވެސް މައުލޫމާތެއް ކުރިން އެގިވަޑައިގެންފައި ނުވާ ކަމަށެވެ.