Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

މާމިގިލީ ކޯޓުގެ އަމުރު "ފޭކް" ކަމަށް ނިންމުމުގެ ބާރު ފުލުހުންނަށް ލިބިފައެއް ނުވޭ

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ފެބްރުއަރީ 7 ވަނަ ދުވަހަށް އަލިވިލުނު އިރު ނޫސްތަކުގެ ފަލަ ސުރުޚީ ތަކުގައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް "ފޭކް" ކޯޓް އަމުރެއް ނެރުނު ކަމަަށް ބުނާ ޚަބަރެކެވެ.

އެއާއި އެކު ދެން ދެކެވެން ފެށި ވާހަކަ އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް ގުޅުއްވައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރެއްވުމަށް ބާރު އެޅުއްވި ކަމަށް ބުނާ ޚަބަރެކެވެ.

ފުލުހުންގެ މުއައްސަސާއިން ވެސް ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް "ފޭކް" ކޯޓް އަމުރެއް މެޖިސްޓްރޭޓް ކޯޓަކުން ނެރެފައިވާ ކަމަށެވެ. ފުލުހުން ނޫސް ކޮންފަރެންސް ބޭވުމާއި ހަމައަށް އަދި އޭގެ ފަހުން ވެސް، މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާއި މެދު މަތީ މަރުޙަލާގެ ކޯޓަކުން ވަކި އެއްޗެއް ބުނެފައެއް ނެތެވެ.

ސުވާލަކީ، ޤާނޫނީ ގޮތުން ބަލާއިރު މަތީ މަރުޙަލާއެއްގެ ކޯޓެއްގެ ބަހެއް ނެތި މާމިގިލީ ކޯޓުން ނެރުނު އަމުރަކީ "ފޭކް" އަމުރެއް ކަމުގައި ފުލުހުންނަށް ނިންމިދާނެތޯއެވެ. އެފަދަ ބާރެއް ހަމަގައިމުވެސް ފުލުހުންގެ މުއައްސަސާއަށް ޤާނޫނީ ގޮތުން ލިބިދީފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔަކާއި ގުޅިގެން ނުވަތަ އަމުރަކާއި ގުޅިގެން ނުވަތަ ކުރި ޙުކުމަކާއި ގުޅިގެން، ޤާނޫނު އަސާސީ އާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފްކުރުމުގެ އުސޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ޤާނޫނު އަސާސީ އާއި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ އެވެ.

އަދި ހަމަ އެ ޤާނޫނުގެ 34 މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައި ވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަނަށެވެ. އެ މާއްދާގައި ބުނެފައި ވަނީ، ފަނޑިޔާރުންނާއި މެދު ތައުދީބީ ފިޔަވަޅު އެޅުމަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެހެން ކަމުން މާމިގިލީ ކޯޓުން ނެރުނު އަމުރަކީ "ފޭކް" އަމުރެއް ކަމަށް ވިޔަސް އެ ކޯޓުގެ މެޖިސްޓްރޭޓާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައި ވަނީ ހަމައެކަނި ފަރާތަކީ، ޖުޑީޝިއަލް ސާރވިސް ކޮމިޝަނަށެވެ.

ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވީސް ކޮމިޝަނުގައި ތައުދީބީ ކޮމިޓީއެއް އޮންނަން ވާނެ ކަމަށެވެ. ނަމަވެސް މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލައިގައި މިހާތަނަށް އެ ކޮމިޓީގެ ބައްދަލުވުމެއް ވެސް ބާއްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޤާނޫނީ ވަކީލަކު ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމުގެ އަމުރެއް މެޖިސްޓްރޭޓް ކޯޓުކަށް ނެރެވިދާނެ ކަމަށެވެ.

" ޤާނޫނުގައި ވަކި ކަމެއް ނުކުރުމަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި އެކަން ކުރެވޭން. ނޯންނާނެ ރައީސުލްޖުމްހޫރިއްޔާ ވީތީ ހައްޔަރު ނުކުރެވޭނެ އެކޭ. ދެން އަނެއް ތަންކޮޅަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބަވޭ ހުރިހާ ރައްޔިތުންގެ ހަމަހަމަ ކަމުގެ ވާހަކަ"

ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައި ވަނީ، ކޯޓުން ނިންމާ ނިންމުމަކަށް ޢަމަލުކުރަން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިޢުނާފްކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު މަޤާމު ތަކުގައި ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއް ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނާއި އަދި ހައިކޯޓުން ވެސް ވަނީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާއި ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

އެހެން ކަމަށް ވާނަމަ ޤާނޫނީ ހަމަތަކުން ބަލާއިރު، ފުލުހުންނަށް ލިބިފައި ނުވާ ޤާނޫނީ ބާރެއް ބޭނުންކޮށްގެން މާމިގިލީ ކޯޓުން ނެރުނު އަމުރު "ފޭކް" އަމުރެއް ކަމުގައި ކަނޑައަޅައި ކުރިއަށް ގެންދާ ތަހުގީގަކީ، ޣައިރު ޤާނޫނީ ތަހުގީގެއް ކަމާއި މެދު ޝައްކެއް ނެތެވެ. އަދި އެއީ ރޯމާ ދުވާލު ޤާނޫނު އަސާސީ ފުނޑާލުން ނޫން އެހެން ކަމަކަށް ނުވާނެއެވެ.

މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ނިހާން އަކީ، އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ފަދަ ނުފޫޒު ގަދަ ބޭފުޅަކަށް ނުވި ނަމަވެސް އެބޭފުޅާއަށް ވެސް ޤާނޫނުގެ ރައްކާތެރިކަން އޭގެ އެންމެ ފުރިހަމައަށް ލިއްބައިދޭން ޖެހެއެވެ. ޤާނޫނު އަސާސީގައި ވާ ހަމަހަމަ ކަމަކީ އެއީ އެވެ.