Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

"ސަރުކާރާއި ދެކޮޅަށް މަސައްކަތް ފެށީ އަނިޔާވެރިކަމާއި ކޮރަޕްޝަން ހައްދުން ނެއްޓުމުން އެހެން ގޮތެއް ނެތިގެން"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ފެށީ އަނިޔާވެރިކަމާއި ކޮރަޕްޝަން ހައްދުން ނެއްޓުމުން އެހެން ގޮތެއް ނެތިގެން ކަމަށް އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާގެ ޓްވިޓާގައި ވިދާޅުވެފައިވާ ގޮތުގައި އޭރު ވެސް މިހާރު ވެސް އަދާލަތު ޕާޓީއިން ކުރަން މިއުޅެނީ ކޮންކަމެއް ކަން ވަރަށް ރަގަޅަށް އެނގޭ ކަމަށާއި މިތުރަކަށް ވިޔަސް ހަތުރަކަށް ވިޔަސް އަނިޔާވެރިކަން ބަލައި ނުގަންނާނެ ކަމަށެވެ.

"މިތުރަކަށް ވިޔަސް، ހަތުރަކަށް ވިޔަސް އަދާލަތު ޕާޓީ އިން އަނިޔާވެރިކަން ބަލައެއް ނުގަންނާނަން. ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީޢަތެއް ލިބެން ވާނެ"

ޝިދާތާ މިހެން ވިދާޅުވެފައި ވާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކާނަލް ނާޒިމްގެ މައްޗަށް ކުރި ބޭއިންސާފު ޝަރީޢަތްތަކާއި ގުޅިގެން އެންމެ ވަރުގަދައަށް އަޑު އުފުއްލެވި ފަރާތް ކަން ފާހަގަކޮށްލެވެއެވެ.

އަދި ﷲގެ ވާގިފުޅާއި އެކު އަދާލަތު ޕާޓީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތް ނިންމާލާނީ ރައީސް ޔާމީންގެ ކޮރަޕްޝަނާއި އަނިޔާވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްފައި ކަމަށް ވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.