Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކުރީގެ ޕީޖީ މުހުތާޒަށް ރައީސް ޔާމީން ކޯފާވެ އިންޒާރު ދެއްވި !

22 ޖުލައި 2014 ވަނަ ދުވަހު ޕްރޮސިކިއުޓަ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރެއްވި މުހްތާޒު މުހްސިން އެމަޤާމަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށްބޮޑު ރުހުމެއް އޮވެގެންކަމަށް ގިނަ ބަޔަކު އޭރު ޤަބޫލުކުރިއެވެ.
އެހެން ޤަބޫލުކުރެވެން ޖެހުނު ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކާއި މުހުތާޒު އާއި ދެ ބޭފުޅުންގެ ތެރެއިން ސަރުކާރު މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލިސް އިން މުހުތާޒު މަޤާމަށް އައްޔަން ކުރުމަށް ރުހުން ދިނުމުންނެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވައި ބަދަލުވެގެން ދިޔައިރު ކުއްލި ގޮތަކަށް މުހުތާޒު މިވަނީ ވަރަށް ބޭއިންސާފު ގޮތަކަށް މަޤާމުން ވަކިކޮށްފައެވެ. މަޤާމުން ވަކިކުރުމުގެ ކަންކަން އިންސާފުން ނިންމުމަށް ހަރުއަޑުން މުހުތާޒު ގޮވާލަމުން ދިޔަ ނަމަވެސް އެކަމަށް އިޖާބަދިން ބަޔަކު ނުފެނުނެވެ.

ދެންއޮތީ ރައީސް ޔާމީނަށް ކުއްލި ގޮތަކަށް ކުރީގެ ޕީޖީ މުހުތާޒު ކަމުނުދާން ޖެހުނު ސަބަބެވެ. އެނގިފައިވާ ގޮތުން ރައީސް ޔާމީނަށް މުހުތާޒު ކަމުނުދިޔަ ހިސާބަކީ ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އިންސާފުން ދަޢުވާ ކުރުމަށް މުހުތާޒު މަސައްކަތް ކުރުމުންނެވެ.

މިއީ ކުރީގެ ޕީޖީ މުހުތާޒު މަޤާމުގައި ހޭދަވިހާ ދުވަހަކު އިންސާފުން ކަމެއް ކުރުމަށް ނިންމެވި ފުރަތަމަ ފަހަރު ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އެފަދަ ރަނގަޅުކަމަކަށް މަސައްކަތް ކުރުމުންވެސް މިފަހަރު އެމަނިކުފާނު މިވަނީ ރައީސްގެ ކުރިފުޅުމަތީގައި ގޯސްވެފައެވެ.

ރައީސް ޔަމީން ބޭނުންފުޅުވެލެއްވި ގޮތަކީ ކާނަލް ނާޒިމް އާއި، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލިފަދަ ބޭއިންސާފު ދަޢުވާތަކެއް ކޮށް ހަމަ އެ އުޞޫލުން އަދީބުގެ މައްސަލަތައްވެސް ކުރިއަށް ގެންދިއުމަށް ކަމުގައިވެދާނެއެވެ. އަދި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ އެމަނިކުފާނާއި ސީދާ ގުޅުންހުރި މައްސަލަތަކެއް ކަމުން، ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހަކީ މިނިވަން ތަނެއްކަމަކު ރައީސް ބަސްކިޔުމަށް ބޭނުންފުޅުވެލެއްވީ ކަމަށްވެސް ވެދާނެއެވެ.

އެނގިފައިވާގޮތުން ރައީސް ބޭނުންވެލައްވާ ގޮތަށް މުހުތާޒު އިންކާރުކުރެއްވުމުން ރައީސް ޔާމީން އާއި ދެބޭފުޅުން ހޫނުކޮށް އެކަމާއި ގުޅިގެން ބަހުސްތަކެއްވެސް ވަނީ ކޮށްފައެވެ. މިކަމެއް ހިނގާފައިވަނީ މެޑަމް ފާތުން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އުޅުނު ދުވަސްކޮޅު ރައީސް އައި.ޖީ.އެމް.އެޗް ގައި މުހުތާޒު އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމިގެން ވަރަށް އަވަހަށް ދަޢުވާކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، ދަޢުވާކުރަނީ ރައީސް ނޫންކަން ހަނދުމަ ކޮށްދިނުމަށް އެކަށީގެންވާ ހެކިތަކާއި އެކު މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވުމުން އޮންނަ އުޞޫލުގެ ތެރެއިން ދަޢުވާކުރުމުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް މުހުތާޒު ވިދާޅުވިކަމަށްވެއެވެ.

މިހެން ވިދާޅުވުމުން ރައީސް ޔާމީން ކޯފާވެ، ކޮންމެ ގޮތެއް ވިޔަސް ތިމަންނާ އަދީބުގެ މައްޗަށް ދަޢުވާކުރާނެ ކަމަށް ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން މައްސަލަތަކުގައި ދަޢުވާ ކުރެވޭނެ ގޮތާއި، ވަކި އުޞޫލުތަކެއް ކަނޑައެޅިފައިވާކަން ރައީސް ޔާމީން އަށް ދަންނަވައި، އެނޫންގޮތަކަށް ދައުލަތުން ދަޢުވާ ނުކުރެވޭނެކަން މުހުތާޒު ރައީސް އަށް ދެންނެވިއެވެ.

ރައީސް ޔާމީން އާއި ދެކޮޅުވެރިވުމުގެ ވިސްނުމެއް މުހުތާޒުގެ ނެތްނަމަވެސް، ކުރީގެ ނައިބުރައީސް އަދީބަކީ މުހުތާޒަށް ހެޔޮފުޅު ބޭފުޅެއްކަމުން، މުހުތާޒު ބޭނުންފުޅުވީ އަދީބުގެ ކަންކަން އިންސާފުން ކުރިއަށް ގެންދިއުމަށެވެ. ނަމެވެސް ރައީސް ޔާމީން އަށް ސިފަވެގެން ދިޔައީ ނުކިޔަމަންތެރިކަމާއި ދެކޮޅުވެރިކަމެވެ.

ޕްރޮސިކިއުޓާރ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ރައީސްގެ ސީދާ އަމުރަށް ކިޔަމަންވާން ޖެހޭ ފަރާތަކަށް ޤާނޫނީގޮތުން ނުވިޔަސް، ރައީސް ޔާމީންގެ އުޞޫލަކީ ހުރިހާއެންމެން އެމަނިކުފާނަށް ކިޔަމަންވުމެވެ.
މުހުތާޒުގެ ވާހަކަތަކާއި އިތުރަށް ކޯފާވެ، ޕްރޮސިކިއުޓާރ ޖެނެރަލްގެ މަޞްޢޫލިއްޔަތު އަމިއްލަފުޅަށް އަދާކުރައްވަން ނިންމެވިކަމަށް ދޭހަވާގޮތަށް، އަދީބުގެ މައްސަލަ ކޮންމެ ގޮތަކަށް އޮތަސް ތިމަންނާ ދަޢުވާ ކުރާނެ ކަމަށާއި، އެކަމުގައި ކުރިމަތިވާ ކޮންމެ ހުރަހެއް އެކަހެރިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެފަދަ ހުރަހެއް ކުރިމަތިކުރާ ބަޔަކަށް ދުނިޔޭގައި އުޅެން ދަތިކޮށްލާނެ ކަމަށާއި، އެބަޔަކު މަގުމަތި ކޮށްލާނެ ކަމަށް ވިދާޅުވިއެވެ. މިހެން ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް މުހުތާޒު ވަނީ ޕީޖީ ކަމުގެ މަޤާމުން އަސަރުގަދަ ގޮތަކަށް ވަކިކޮށް މަގުމަތިކޮށްފައެވެ. މުހުތާޒުގެ ބައެއް އަރިސް ބެފުޅުން ވިދާޅުވާ ގޮތުގައި މިހާރު ފެނިގެން މިދަނީ ދުނިޔޭގައި އުޅެން ދަތިކޮށްލާ މަންޒަރެވެ.