Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ގައްބެއަށް މިހާތަނަށް އެންމެ ހޫނު މަރުހަބާއެއް ކީ އައްޑޫން!

ރާއްޖެ ވަށައި ކަތަމަރާނެއްގައި ބުރެއް ޖަހަން ނިކުތް އަބްދުލް ޢަފޫރު އަލީ (ގައްބެ)އަށް ރާއްޖޭގެ ރަށަކުން ކީ އެންމެ ހޫނު މަރުހަބާ މިއަދު ސ. ހިތަދޫން ކިޔައިފިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ ހިތަދޫ ބަނދަރަށް މިއަދު ހަވީރު 4 ޖެހި އިރު ގައްބެ ދަތުރުކުރަމުން އަންނަ ކަތަމަރާން ބީއްސާލުމާއި އެކު އެތައް ސަތޭކަ ބަޔަކު ވަނީ ގައްބެއަށް މަރުހަބާ ކިޔާފައެވެ. ހިތަދޫ ފަތާ ޓްރެކް ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން، ކަރުގައި މާފަތި އަޅުވަމުން، ސެލްފީ ނަގަމުން، ސަލާން ކުރަމުން ގައްބެ އައި އިރު އެންމެ ގާތުގައިވަނީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.
DSC_5402

ގައްބެއަށް މަރުހަބާ ކިޔަމުން ސޯބެ ވިދާޅުވީ، އައްޑޫގައި ތާރީހީ އަދި ބަލާލަން ހިތްގައިމު އެތައް ތަނެއް ހުރި ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަކީ ޒަމާނުއްސުރެ ފެށިގެން އައްޑޫއަށް ޒިޔާރަތް ކުރާ މެހްމާނުންނަށް ނޫނު މަރުހަބާއެއް ކިޔާ ބައެއް ކަމަށެވެ.

އެގޮތުން މިއަދު ގައްބެއަށް ވެސް ކިޔާފައިވަނީ އެފަދަ ހޫނު މަރުހަބާއެއް ކަމަށެވެ.

އައްޑޫގެ މޭޔަރ ސޯބެ ވަނީ ގައްބެ ދަތުރުކުރާއިރު ބޮލުގައި އެޅުމަށް އައްޑޫގެ މަޝްހޫރު ފެހުންތެރިއާ ހަސަން ސޯބިރު (ހަސޯ ޓެެއިލާސް) އިން ތައްޔާރު ކުރި މަސްވެރިންގެ "ކޯރި"އެއް ހަދިޔާ ކޮށްފައެވެ.

ހިތަދޫ ބަނދަރު ސަރަހައްދަށް އެއްވި މީހުންނާއި އެކު ސެލްފީ ނެގުމަށްފަހު ގައްބެ މިހާރު ވަނީ އީކްއޭޓަރ ވިލެޖްގައި މަޑުކޮށްފައެވެ.
DSC_5431

އަދި މާދަމާ ހެނދުނު ގައްބެ އާއި އޭނާގެ ޓީމުން އައްޑޫގެ އާސާރީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން ފޮޓޯ ނަގައި ޑޮކިއުމެންޓްރީ ކުރާނެއެވެ.

އެލިއާ މޯލްޑިވްސްގެ ފަރާތުން ސްޕޮންސާރ ކޮށްފައިވާ މިދަތުރުގެ އިތުރު ޕާޓްނަރުންގެ ތެރޭގައި ދިރާގުވެސް ހިމެނެއެވެ.

އައްޑޫން ގައްބެއަށް މަރުހާބާ ކިޔުމުގެ އިންތިޒާމްތައް ހަމަޖެއްސީ "ޑިސްކަވާ އައްޑޫ" އާއި އައްޑޫ ސިޓީ ކައުންސިލް، ރޯވިން އެސޯސިއޭޝަން އަދި އައްޑޫގެ އެކި ސްކޫލްތައް ގުޅިގެންނެވެ.