Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

އަނެއްކާ ވެސް ބަޣާވާތް އިޢާދަވަނީތަ؟

ފެބުރުއަރީ ހަތެއް 2012 ގައި އެމްޑީޕީ ވެރިކަން ވައްޓާލި ގޮތަކީ، ބަޣާވާތެއް ނޫން ކަމަށް ކޮމިޝަންތަކުން ނިންމާފައިވީ ނަމަވެސް، އެއީ ބަޣާވާތެއް ކަމުގައި ޤަބޫލުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެދުވަހު ވެރިކަމުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް މެދުވެރިވި ސަބަބުތަކަށް ބަލާއިރު، ފެންނަނީ ބަޣާވާތެއްގެ ހުރިހާ ސިފައެއް ޖެހިފައިވާ މަންޒަރު ކަމަށް ވީމައެވެ.

އެއް ބަޔަކަށް ބަޣާވާތެކެވެ. އަނެއް ބަޔަކަށް އެއީ ޤައުމަށް ލިބުނު ނަސްރެކެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއް ކޮންމެ ގޮތަކަށް ސިފަކުރި ނަމަވެސް އެދުވަހުގެ ހާދިސާއަށް ފަހު ދިވެހިން މިވަނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް ދަސްކޮށްފައެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅުވެ، ވެރިކަން ވައްޓާލި މޫނުތައް މިއަދު އަނެއްކާވެސް މިފެންނަނީ، ސަރުކާރާއި ދެކޮޅަށް ނިކުންނަަވާފައިވާ މަންޒަރެވެ. ސުވާލަކީ، ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ބަޣާވާތެއް ގެނައުމަށް މަސައްކަތް ކޮށްފާނެ ހެއްޔެވެ؟

ޖަވާބަކީ، އާނ އެކެވެ. ސަރުކާރު ވައްޓާލުމުގެ މަސައްކަތް "ފުލް" ސްޕީޑްގައި އިދިކޮޅު ފަރާތްތަކުން މިވަނީ ފަށާފައެވެ. އެމްޑީޕީގެ ވެރިކަން ވައްޓާލިތާ 4 އަހަރު ފުރުނު ދުވަހު،(7 ފެބްރުއަރީ 2016) ގައި ޕީޕީއެމްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްތަކެއް ކުރިކަން މިވަނީ ހާމަވެގެން ގޮސްފައެވެ. މީޑިޔާތަކުގެ ފަލަ ސުރުޚީގައި ފެންނަނީ، "ފޭކް" ކޯޓް އަމުރެއްގެ ވާހަކައެވެ.

އިތުރު ތަފްސީލް ނުދިން ނަމަވެސް ސަރުކާރުން ބުނަމުން ގެންދަނީ، ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރީ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުންވާ މަންޒަރެއް ނުފެނެއެވެ.

'އައްޑޫލައިވް'ގެ ނޫސްވެރިން ކުރި މަސައްކަތުން، 7 ފެބްރުއަރީ 2016ގެ ދަންވަރު ވަގުތެއްގައި މާމިގިލީ ކޯޓުން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ހޯދިފައެވެ.

މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ރައީސް ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ދިޔުން

ކޯޓް އަމުރުގެ މައްސަލައިގައި ހައި ކޯޓްގައި ބޭއްވި އަޑުއެހުމަށް މުހްތާޒް ވަޑައިންނަވަނީ.
ކޯޓް އަމުރުގެ މައްސަލައިގައި ހައި ކޯޓްގައި ބޭއްވި އަޑުއެހުމަށް މުހްތާޒް ވަޑައިންނަވަނީ.

އެންމެ ފުރަތަމަ މީޑިޔާތަކަށް އާންމުވި މައުލޫމަތަކީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ބަޔަކު އަތޮޅު ތެރޭގެ ރަށަކަށް އަރައި، ދަންވަރު މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން ސައްޙަ ނޫން އަމުރެއް ހޯދި ވާހަކައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމާއި ގުޅޭ އަމުރެއް ހޯދުމަށް، ލޯންޗެއްގައި މާމިގިއްޔަށް ދިޔަ ޓީމުގައި އިސްކޮށް ހުންނެވީ ކުރީގެ ޕީޖީ މުހްތާޒް މުހުސިންއެވެ.
މުހުތާޒް އާއި އެކު 2 އެސްއޯ ފުލުހަކުވެސް ދިޔައެވެ.

ކޯޓު އަމުރެއް ހޯދުމުގެ މައިގަނޑު އެއް ސަބަބަކީ، ސަރުކާރު ވައްޓާލުމަށް ކުރެވޭ މަސައްކަތުގައި ޤާނޫނީ ސިފަ ޖެއްސުމެވެ. ނުވަތަ އެއީ ބަޣާވާތެއް ނޫންކަމަށް ނިންމޭނެ ޙުއްޖަތެއް ހޯދުމެވެ.

ކޯޓު އަމުރު ހިފައިގެން މާލެ އައުމަށްފަހު ރޭވިފައި އޮތީ، ބައެއް ފުލުހުން އެ ކޯޓު އަމުރު ހިފައިގެން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅު ދޮށަށް ދިއުމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް މަސައްކަތްކުރާ ކަން ދެއްކުމެވެ. ސިފައިން އެކަމަށް ހުރަސްއަޅާ ހިސާބުން، ފުލުހުންނާއި، ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެެއް ހިނގަން ފަށާނެ ކަމަށް ވެސް ޕްލޭންކުރި ފަރާތްތަކުން ވަނީ ރާވާފައެވެ.

އެހިސާބުން، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7ގައި ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު ސިފައިންނާއި ފުލުހުންގެ މެދުގައި ހިނގިފަދަ ހަމަނުޖެހުމެއް ހިނގާނެ ކަމަށް ޕްލޭންކުރެވިފައިވެއެވެ.

" އެހިސާބުން ނިކުންނަން ޖެހޭ ބަޔަކު ނިކުމެ ވެރިކަން ވައްޓާލާނެ. އެކަމަކު އެ ސިޗުއޭޝަން ކްރިއޭޓް ނުވި. އޭގައި އެބަހުރި ސަބަބުތަކެއް"، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ނަންހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުންޏެވެ.

ޕްލޭން "ފަނިވުން"

12141785_530901140401965_3372090867637165243_n
ކޯޓު އަމުރެއް ހޯދައިގެން ވަރަށް ބޮޑަށް ރޭވިގެން ވެރިކަން ވައްޓާލުމުގެ ކުޅިވަރު ފެށިފައިވަނީ، ސީދާ ލަންޑަނުގައި ތިއްބެވި ލީޑަރުންގެ ބެއްލެވުމުގެ ދަށުންނެވެ. ފެބްރުއަރީ 6 ވަނަ ދުވަހުގެ އިރުއޮއްސުމާއި ހަމައަށް، ހުރިހާ ކަމެއް ވެސް ގޮސްފައިވަނީ ޕްލޭން އާއި އެއްގޮތަށެވެ.

ނަމަވެސް، އެރޭ 11:30 އެހާކަށް ހާއިރު، ލަންޑަނުގައި ހުރި ކޮންމެވެސް "އަނގަގަދަ މިތުރެއްގެ" ސަބަބުން އިދިކޮޅު ފަރާތްތަކުން ރޭވުމާއި ބެހޭ މައުލޫމާތު ސަރުކާރަށް އެނގުނެވެ. ނަމަވެސް އޭރު ކޯޓު އަމުރު ހޯދަނީ ކޮން ކޯޓަކުން ކަމެއް އެނގިފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުގެ ޕްލޭން ސަރުކާރަށް "ބަސްޓު"ވިކަން އެނގުމާއި ހިސާބުން މުހުތާޒް އާއި އެކު ދިޔަ 2 ފުލުހުން އެމީހުންގެ ސައިޑް ބަދަލުކޮށް "ސްޓިންގް" އޮޕަރޭޝަނަކަށް ބަދަލުކުރިއެވެ. ކޯޓު އަމުރު ހޯދުމުގައި މުހްތާޒްގެ ދައުރާއި ބެހޭގޮތުން މައުލޫމާތު ސަރުކާރަށް ދީފައިވަނީ މި 2 ފުލުހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހްތާޒް އާއި ދެކޮޅަށް އެ 2 ފުލުހުން ވަނީ ހައި ކޯޓްގައި ހެކި ބަސްދީފައެވެ.

ގްރީން ޒޯން ބަންދުކުރުމާއި ފުލުހުންނާއި ސިފައިން އެލާޓަށް!

7 ފެބްރުއަރީ 2016 ވަނަ ދުވަހުގެ ދަންވަރު ކުއްލިގޮތަކަށް ފުލުހުން ނިކުމެ، މާލޭގެ ގްރީންޒޯން ބަންދުކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ސެކިއުރިޓީ ވަރުގަދަކޮށް މާލެތެރެ ބެލެހެއްޓުން އިތުރުކޮށްފައިވެއެވެ.

ޙުސައިން ވަޙީދުގެ ދައުރަކީ އެސްއޯ އެކްޓިވޭޓްކުރުން

ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަޙީދު
ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަޙީދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒު ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތްކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ. އެ ނުފޫޒު އެންމެ ބޮޑަށް އޮންނަނީ، ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމެންޓުގެ ފުލުހުންގެ ތެރޭގައެވެ. ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު، ބައެއް އެސްއޯ ފުލުހުން ސަސްޕެންޑްކޮށް މަޤާމް ދަށްކޮށްފައި ވެސް ވެއެވެ. އެހެންވެ އެސްއޯ ފުލުހުންގެ މެދުގައި ރައީސް އަބްދުﷲ ޔާމީން އާއި މެދު ނުތަނަވަސްކަން އޮތީ އުފެދިފައެވެ.

މި ނުތަނަވަސްކަމުގެ ތެރެއިން އެސްއޯ ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވުމުގެ އިސްދައުރެއް އަދާކުރެއްވޭނެ ބޭފުޅަކަށް ހުންނެވީ، ކުރީގެ ކޮމިޝަނަރ ޙުސައިން ވަޙީދުއެވެ. ޙުސައިން ވަޙީދު ކޮމިޝަނަރު ކަމުން ވަކިކުރުމަށް ފަހު ހައުސިން މިނިސްޓްރީއަށް އެހެލާފައި ހުންނެވި ނަމަވެސް ފުލުހުންގެ މައްޗަށް އެބޭފުޅާގެ ނުފޫޒު އަދިވެސް އޮންނަ ކަމަށް ވެއެވެ.

ޙުސައިން ވަޙީދުގެ ދައުރަކަށް ވެފައި އޮތީ، ކޯޓު އަމުރު ހިފައިގެން ރައީސްގެ ގެކޮޅު ކައިރިއަށް އެސްއޯގެ ބައެއް ފުލުހުން ފޮނުވުމެވެ. ކުއްލިގޮތަކަށް ހުސެއިން ވަހީދު ލަންކާއަށް ފުރާވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިނުގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޕްލޭން އަދިވެސް ކުރިއަށް

images
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި ޙާމިދު ފަދަ ބޭފުޅުން ތިއްބެވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ވެރިކަން ފުރޮޅާލުމަށް ތައްޔާރަށެވެ. ތަފާތު އެކި ގޮތްގޮތުން ރައީސް ޔާމީން އަށް އަދީބުގެ ފަރާތުން އިންޒާރު ދީފައި ވާއިރު، އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އެއްކޮށް އަދީބު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެއެވެ.

މީގެ އިތުރުން މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުކުރުމަށް ނިކުތް ގިނަ ސިޔާސީ ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ތިއްބެވުމަކީ، އަނެއްކާވެސް ބަޣާވާތަކުން ވެރިކަން ވައްޓާލުމުގެ ފުރުސަތު ބޮޑު ކަމެކެވެ. "ފޭކް" ކޯޓް އަމުރަކާއި އެކު ފެނިގެންދިޔައީ، "ފެނަށްވި" ބަޣާވާތެކެވެ. އެހެން ނޫންނަމަ ބަޢާވާތުގެ ކޮޅުމަތި ކަމަށް ވެސް ވެދާނެއެވެ.