Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ރައީސް ޔާމީންގެ އެކައުންޓް ތަފްސީލް ހޯދުމަށް ފުލުހުން ކޯޓު އަމުރަކަށް އެދެފި

އެމްއެމްޕީއާރްސީގެ ކަރަޕްޝަން މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނިކޮށް ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހްގީގަށް ރައީސް ޔާމީންގެ އެކައުންޓް ތަފްސީލު ބެލުމަށް ކޯޓު އަމުރަކަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ޝަރުޠުކޮށް ތަހްގީގުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންގެ އިންވެސްޓިގެޝަން އޮފިސަރަކު ބުނީ ކްރިމިނަލް ކޯޓުގައި މީގެ ދެ ދުވަސް ކުރިން އެކައުންޓް ތަފްސީލް ހޯދުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޯޓު އަމުރު ލިބިފައި ނުވާ ކަމަށް އޮފިޝަލް ބުންޏެވެ.

ރައީސްގެ އެކައުންޓް ތަފްސީލް ހޯދުމަށް ފުލުހުން ކޯޓު އަމަރުކަށް އެދިފައިވާކަން ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވަނީ "އައްޑޫލައިވް" ޔަގީން ކޮށްދީފައެވެ.

އެމްއެމްޕީއާރްސީގެ ކަރަޕްޝަން މައްސަލާގައި ރައީސްގެ އެކައުންޓް ތަފްސީލް ހޯދުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)ން ބޭންކުގައި އެދުމުން ތަފްސީލް ނުދިން މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އޭސީސީންވެސް ދަނީ މަަސައްކަތް ކުރަމުންނެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ "ސިއްސައިގެންދާ" ފަދަ އެންމެ ބޮޑެތި ކަރަޕްޝަން މައްސަލަ ތައް ފެންމަތިވެފައިވާ ދުވަސްތަކެކެވެ.