Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައީސް ޔާމީން ޕާޓީ ތަކާއި މަޝްވަރާ ކުރަން ނިންމައިފި

ސަރުކާރާއި އިދިކޮޅު އެމްޑީޕީ އާއި އެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ހަވީރު

ރާއްޖޭގެ ހަޔާތުގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ ފެންމަތިވެފައި ވަނިކޮށް ސަރުކާރުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޝްވަރާތައް އަލުން ފަށަން ރައީސް ނިންމެވީ ރާއްޖެ ތަރައްގީކުރުމަށާއި ގައުމު ބިނާކުރުމުގެ މަސައްކަތް ހަލުވިކޮށް ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރަން ކަމަށެވެ.

ސަރުކާރުން ބުނީ މަޝްވަރާގެ ދައުވަތު ޕާޓީތަކަށް ވަރަށް އަވަހަށް ފޮނުވައި އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ޕާޓީ ތަކާއި އެކު މަޝްވަރާތައް ބާއްވާފައެވެ. އެފަހަރު ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވީ ހޯމް މިިނިސްޓަރ އުމަރު ނަސީރުއެވެ.

ކުރީގެ ޕާޓީ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވުނަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުވަސްކޮޅަކަށް ގޭބަންދަށް ބަދަލުކޮށް، އަނެއްކާވެސް މަޝްވަރާތައް ހުއްޓާލައި ސަރުކާރާއި އިދި ކޮޅު ޕާޓީތަކުން ބަހުގެ ހަމަލާތައް އެއްބަޔަކު އަނެއް ބަޔަކަށް ފޮނުވަން ފެށިއެވެ.

ސަރުކާރުން މަޝްވަރާއަށް ގޮވާލާފައިމިވަނީ އެމްއެމްޕީއާރްސީގެ ކަރަޕްޝަން ފެންމަތިވެ، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ތަފްސީލް އެމްޑީޕީގެ ޗެއާޕާސަން ހާމަކޮށްފައި ވަނިކޮށެވެ.