Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކޯއްޓޭ ސާފު ކުރުން: ނަމޫނާ މަސައްކަތެއް!

މިއަދު ހެނދުނު ހިތަދޫ ކޯއްޓޭ ސަރަހައްދު ސާފުކުރުން ކުރިއަށް ގެންދިޔައިރު ފެނިގެން ދިޔައީ އެއްބައިވަންތަ ކަމުގެ ނަމޫނާ މަންޒަރެކެވެ.

އެންވައިރަމެންޓް ޕޮރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އައްޑޫ ސިޓީ ކައުންސިލް އަދި އައްޑޫގެ ތަފާތު މުވައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ހަރަކާތަށް ގިނަ ފަރާތްތަކުން ބައިވެރިވެ، އިޖްތިމާއީ، ފަރުދީ ޒިއްމާ އަދާކުރި މަންޒަރު ފެނިގެން ގޮސްފައިވަނީ އުފާވެރި އުއްމީދީ މަންޒަރެއްގެ ގޮތުގައެވެ.
DSC_5991

އިކޯ ޓޫރިޒަމަށް ތައްޔާރު ކުރަމުން އަންނަ ކޯއްޓޭގެ ސަރަހައްދު ސާފު ކުރުމަށް މިއަދު ބޭއްވި ހަރަކާތުގައި، އީޕީގެ އިސްވެރިއާ އިބްރާހިމް ނައީމް އާއި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ބައިވެރިވިއެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ނައީމް ވިދާޅުވީ ކޯއްޓޭގެ ސަރަހައްދު ރީތިކޮށް ބޭއްވުމަކީ އައްޑޫގެ މުސްތަގްބަލަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެތަން ރީތިކޮށް ބޭއްވުމަށް އެސަރަހައްދަށް ތަފާތު ކުނި އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އައްޑޫގެ މޭޔަރ ސޯބެ ވިދާޅުވީ މާލަސްތަކެއް ނުވެ، ކޯއްޓޭގެ ސަރަހައްދު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެތައް ބައެއްގެ އެހީތެރިކަމާއި އެކު މި ސަރަހައްދު ތަރައްޤީ ކުރަމުން އަންނަ އިރު މި ސަރަަހައްދު ސާފުކޮށް ތާހިރުކޮށް ބޭއްވުން މުހިއްމު ކަމަށެވެ.
DSC_6059
މިއަދުގެ ސާފު ކުރުމުގެ ތެރެއިން އީޕީއޭއިން ވަނީ ކޯއްޓޭގެ އެކި ސަރަހައްދުތަކުގައި ކުނި އަޅާނެ ޑަސްބިންތައް ބަހައްޓާފައެވެ. އީޕީއޭއިން ބުނީ ކުރިއަށް އޮތް ދުވަސް ތަކުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް މިސަރަހައްދަށް އަޅާފައިވާ ހުރިހާ ކުނި ބުނި ނަގަން ނިންމާފައިވާ ކަމަށެވެ.

ހެނދުނު 7 އިން 10 އަކަށް ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގައި އަމިއްލަ ވިޔަފާރި ތަކުންވެސް ވަނީ ބައިވެރިވެފައެވެ.