Last Updated: April 20, 07:18
Saturday, April 20, 2024
ކޮލަމް

ފަނޑިޔާރުގެ ހަރުދަނާ ކުރަން މަޖިލިސް

ދެހާސް އަށް ވަނަ އަހަރުގެ އޮގަސްޓް މަހުގައި ދިވެހިން ލިބިގަތް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދީފައިވާ އެންމެ ޚާއްޞަ ޔަގީންކަމަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެ އެވެ.
ޤާނޫނު އަސާސީން ތިންބާރު ވަކިވެފައިވުމާއި، މިނިވަން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އަދުލުއިންސާފުގެ ފަހުބަސްބުނުމަށް ސްޕްރީމް ކޯޓް ކަނޑައަޅާފައިވުމަކީ މިދެންނެވި ޔަގީންކަން އިތުރުވެ ގާއިމުކުރުމަށް ކޮށްފައިވާކަ ންތައްތަކެވެ.

އެ ޤާނޫނުއަސާސީއަށް 6 އަހަރުވަނީއެވެ. ވަގުތީ ސްޕްރީމް ކޯޓް ދާއިމީވެއްޖެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންވެސް އެކުލަވާލެވިއްޖެއެވެ. ފަނޑިޔާރުންނާބެހޭ ޤާނޫނު ހެދި އަމަލު ކުރަން ވެސް ފެށިއްޖެ އެވެ. ކޯޓްތަކާ ބެހޭ ގާނޫނަށް އަމަލުކޮށް ކޯޓްތައް ތަރުތީބުކޮށް ފަނޑިޔާރުން ލެވިއްޖެއެވެ.

މިކަންކުރިއިރު، ފަނޑިޔާރުގެއިން ރައްޔިތުމީހާއަށް ލިބެންޖެހޭ ފަސޭހަކާއި އަދުލުއިންސާފާދޭތެރޭ އޭނާއަށް އޮންނަ ޔަގީންކަމަށް ކުރިއެރުންއައިސްފައިވޭހެއްޔެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބޭނުމަކީ ފަނޑިޔާރުންނާދޭތެރޭ ރައްޔިތުން އޮންނަ ޔަގީންކަން އިތުރުކުރުމެވެ. ފަނޑިޔާރުންނާމެދު އުފުލޭ އެކިއެކި ޝަކުވާ ބަލައި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. ފަނޑިޔާރުންގެ ތެދުވެރިކަމާއި، ޝަރީޢަތުގައްޔާއި އަދި ޝަރީޢަތުން ބޭރުގައިވެސް ފަނޑިޔާރުންގެ އަމަލުތައް ވަކިމިންގަނޑެއްގައި ބެހެއްޓުމަށްޓަކައި ފަނޑިޔާރުންގެ ސްލޫކީ މިންގަނޑެއް އެކުލަވާލައި އެއާ އެއްގޮތަށް ފަނޑިޔާރުންގެ އަމަލުތަކާއި އަޚްލާޤްހުރިތޯ ބެލުމަކީ އެކޮމިޝަނުގެ ޒިންމާއެވެ.

ފަނޑިޔާރުން މައްސަލަ ބެލުމުގައި އަމަލުކުރާގޮތުންނާއި، އެމީހުންގެ އަޚްލާޤްހުރިގޮތުން އެކޮމިޝަނަށް އުފުލޭ ޝަކުވާއާމެދު ފިޔަވަޅު އަޅައި އެކަންކަމަށް ހައްލުގެނައުމުގައި އެކޮމިޝަނުގެ ދައުރުއަދާކުރެވުނުހެއްޔެވެ.

ކޯޓްތަކުން މައްސަލަތައް ނިންމާ ސްޕީޑާއި، މައްސަލަތައް ނިންމުމުގައި އަމަލުކުރާގޮތުން ފަނޑިޔާރުގެއާމެދު ރައްޔިތުން އޮތް އިތުބާރު ގެއްލޭނެއެވެ. އަދުލު އިންސާފުގެ ފަހުބަސް ބުނާ ފަރާތުން މިދެންނެވި މަގަށް ކަންތައްތައް ހިންގާނަމަ ވަކީންބޮޑަށް ރައްޔިތުން ފަނޑިޔާރުގެއާމެދު އިތުބާރެއް ނޯންނާނެއެވެ.

ގާނޫނުއަސާސީގައި ވަކި މުއްދަތެއްގެތެރޭގައި ވަކިކަމެއްކުރުމަށް ބުނުމަށްފަހު އެމުއްދަތާ ޚިލާފަށް ކަންކަންކުރުމަށް ޙުކުމްކޮށްފިނަމަ އެއީ ޤާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރިކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭނެހެއްޔެވެ. އަބުރުގެއްލިފައިވާކަމުގެ ތުހުމަތުކުރެވޭ ފަރާތެއް ހިމެނޭގޮތުން އިންސާފުގެ ފަހު ބަސްބުނާނަމަ އަދި، އެފަދަ ފަރާތަކުން މުސްލިމުންގެ މައްޗަށް ޙުކުމްކުރާނަމަ އެކަމަކީ ރައްޔިތުން ބަލައިގަންނާނެކަމެއްހެއްޔެވެ.

ޤާނޫނީ ވަކީލުންނަކީ ކޯޓްތަކު ބައެއްކަމަށް ވީހިނދު، ފަނޑިޔާރުގޭގެ ކަންތައް ހަރުދަނާކުރުމުގައި އެމީހުންގެ ބަސްއެއީ ވަރަށް މުހިއްމު އެއްޗެކެވެ. ޤާނޫނީ ވަކީލުންގެ މަސައްކަތާއި ފަނޑިޔާރު ގޭގެ މަސައްކަތަކީ ޙައްޤު ހޯދައިދިނުމެވެ. ދެފަރާތުގެ އަމާޒަކީ އެއް އަމާޒެކެވެ. ކަން މިހެން އޮތްއިރު މައްސަލަތަކާބެހޭގޮތުންނާއި ފަނޑިޔާރުގެއާ ބެހޭގޮތުން ޤާނޫނީވަކީލުން ބަހެއް ބުނުމުން އެމީހުންގެ އަނގަ ބަންދުކޮށް ޖިނާއީ ދައުވާއުފުލުމަށް ފަނޑިޔާރުގެއިން މަސައްކަތްކުރިނަމަ، ރައްޔިތުންގެ ހައްގުގައި އެއްވެސް މީހަކަށް އެއްވެސް އެއްޗެކޭ ބުނެވޭނެ ފުރުސަތެއް އޮންނާނެހެއްޔެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އެކަށީގެންނުވާ ނުފޫޒު މިދިޔަ ރިޔާސީ އިންތިޚާބަށް ފޯރުވިކަމާއި، ގިނަ ފަނޑިޔާރުންގެ ތައުލީމީ ގާބިލުކަމާއި އެމީހުންނަށް ކޮމަންލޯ ތަރުޖަމާނުކުރެވޭނެކަމާއި، ޖުޑީޝަލް ސަރވިސްކޮމިޝަން އެދެވޭގޮތަށް ނުހިގާކަން އެމެރިކާއިން ނެރުނު ދިވެހިރާއްޖެއާގުޅޭ 2013 ގެ ހިއުމަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެހެންމެ، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ މިނިވަންކަމާގުޅޭ އ.ދ. ގެ ޚާއްޞަ މަންދޫބު ގެބްރިއާލް ކުނާލް މިދިޔަ އަހަރު ފެބްރުއަރީގައި ރާއްޖޭއަށް ކުރި ދަތުރުގައިވެސް ދިވެހި ފަނޑިޔާރުގޭގައި ކަންބޮޑުވާ ކަންތައްތައްހުރިކަމަށާއި، އިޞްލާޙްކުރަންވީ ނުހަނު ގިނަ ކަންތައްތައް ފާހަގަކޮށްފައިވެއެވެ.

މިދެންނެވި މަގަށް ރާއްޖޭގެ ފަނޑިޔާރުގެ ހުރިނަމަ އަވަހަށް ފަނޑިޔާރުގެ ހަރުދަނާކުރަންވީއެވެ. ރާއްޖެއަށް ތަރައްގީއާއި އުފާވެރިކަމުގެ މަގުން ހިނގޭނީ އިންސާފުދެމެހެއްޓިގެންނެވެ. ގައުމަށް ކުރިއެރުމާއި އަމާންކަން ލިބޭނީ އަދުލުވެރި ހަރުދަނާވެފައިވާ ފަނޑިޔާރުގެއެއްގެ ތެރެއިންނެވެ. އެފަދަ ފަނޑިޔާރުގެއެއް ހޯދުމަށް މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއެކެވެ. ތިލަފަތަށް ވޯޓް ދީގެންނެވެ.