Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ޖަވާބުދާރީވާން އިބްރާހިމްދީ އަށް ތިން ދުވަސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރިން އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވުމަށް އަނެއްކާވެސް ތިން ދުވަހުގެ ފުރުސަތެއް ދީފި އެވެ.

އިބްރާހީމް ދީދީގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިބްރާހީމް ދީދީ ވިދާޅުވީ، އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ޓެރަރިސްޓު އަމަލުހިންގާ މުއައްސަސާއެއް ކަމަށް ދެކެވަޑައިގަތުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެ ދައުވާއަކީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާއިން ގައުމު ސަލާމަތްކުރަން އޭނާ އުޅުމުން ދިންހަދިޔާއެއްތޯ ވިދާޅުވެ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދަވައިފައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އިބްރާހިމް ދީދީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ.