Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

ސޯނަމް ސްވައިން ފްލޫ އަަށް ޕޮޒިޓިވް

ބޮލިވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، އޭނާ ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ބަތަލާ ޕޮޒިޓިވްކަން، އޭނާ އަށް ފަރުވާ ދެމުން އަންނަ މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުން ވަނީ ޔަގީންކޮށް ދީފަ އެވެ.

އެތަނުގެ ސީއީއޯ ވިދާޅުވީ ސްވައިން ފްލޫ އަށް ޝައްކު ކުރެވިގެން ސޯނަމް ޓެސްޓް ކުރި އިރު އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވާތީ، ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އާދައިގެ ގޮތަކަށް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

YYY (1)

ސޯނަމް ބަލިވެގެން އެންމެ ފުރަތަމަ ގެންދިޔައީ ރާޖްކޮޓްގެ ސްޓާލިން ހޮސްޕިޓަލަށެވެ. އެއީ މިދިޔަ ހުކުރު ދުވަހު އެވެ. އެހެން ނަމަވެސް ކޮކިލާބެން ހޮސްޕިޓަލަށް ސޯނަމް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ބަލިވީ ސޫރަޖް ބަރްޖަތިއާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ޝޫޓިންގެ ތެރޭގައި ރާޖްކޮޓްގައި އުޅެނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.

SonamKapoorH1N1PV

ސޯނަމް ބަލިވުމާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ވެސް މެދުކަނޑާލަން ޖެހިފައިވެ އެވެ. މީގެ ކުރިން ވެސް އެ ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް އަނިޔާއެއްވެގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ.

އިންޑިއާގައި ވަރަށް ހަލުވިކޮށް މިހާރު ފެތުރެމުންދާ ސްވައިން ފްލޫ އަށް ދާދި ފަހުން ސަލްމާން ހާން ވެސް ވަނީ ޓެސްޓްކޮށްފަ އެވެ. ސަލްމާނަމީ ސޫރަޖްގެ ފިލްމުގައި ސޯނަމްގެ ބަތަލެވެ.

ސްވައިން ފްލޫ ޖެހިގެން "ޕީކޭ" އާއި "1942: އަ ލަވް ސްޓޯރީ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ވިންދޫ ވިނޯދް ޗޯޕްޅާ އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމް ކްރިޓިކް އަނޫޕަމާ ޗޯޕްޅާ އަދި އެ މީހުންގެ ދަރިފުޅު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.